އޯޒެން މާދޫ ރިސޯޓްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުން މާލެގެނެސް ފަރުވާދެނީ
އޯޒެން ލައިފް މާދޫ ރިސޯޓްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު 4 މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދެމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
މިރޭ އިރާކޮޅު ހިނގި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޕެޓްރޯލް ފީފާއެއްގައި އަލިފާން ރޯވެގެންނެވެ. ހާދިސާ ހިނގިތާ ގިނަ އިރުތަކެއްވެ ރިސޯޓުގެ މުވައްޒަފުން އަލިފާން ކޮންޓްރޯލްކޮށްފައި ވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިރޭ 19:13ގައި ކަމަށާއި އަދި ބަޔަކަށް އަނިޔާވިކަމުގެ ރިޕޯޓު 20:37 ގައި ލިބިފައިވާކަމަށެވެ. އަދި މި ހާދިސާގެ ތަފްސީލް ރިސޯޓުގެ ފަރާތުން ފުލުހުންނާއި ހިއްސާކޮށްފައި ވާކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާން ނިއްވާލި ނަމަވެސް މިހާދިސާގައި 4 މީހަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ. މި ހާދިސާގައި އަނިޔާވެގެން 4 މީހަކު މާލެއަށް ގެންސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. އަނިޔާވީ މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 3 ބިދޭސީން ކަމަށްވެސް އެމްއެމްޑީއެފުން ވިދާޅުވެއެވެ. 3 ބިދޭސީންނަކީ ރިސޯޓުގެ މުވައްޒަފުންނެވެ އަދި ދިވެހި މީހާއަކީ ފިއުލް ސަޕްލައިގެ މުވައްޒަފެކެވެ.


