ނަމާދު ޖަމަޢަ ކުރުމަކީ، ދަތުރުވެރިންނަށް ވީތީ ޚާއްޞަވާ ސުންނަތެއް ނޫނެވެ.
ދަތުރު މަތީ ނަބިއްޔު ﷺ ނަމާދު ކުރައްވާފައިވާ ގޮތާއި މެދު ބައެއް ރިވާޔަތްތައް ގެންނެވުމަށްފަހު، އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ:
”ވީމާ، މިއެންމެހާ އެއްޗަކުން ބަޔާންވަނީ، ޖަމަޢަ ކުރުމަކީ ދަތުރުގައި ޤަޞްރުފަދަ ސުންނަތެއް ނޫން ކަމެވެ. އަދިކިއެއްތަ؟ އެކަން ކުރުން ވަނީ ޙާއްޖަތުގެ މައްޗަށެވެ. (ޟަރޫރަތެއް އޮތުމުންނެވެ.) ދަތުރުވެރިޔަކަށް ވިޔަސް ނޫނީ ނުވިޔަސް އެވެ. އެހެނީ އިތުރުއެކަލޭގެފާނުން ﷺ ޤާއިމުވެ ހުންނަވައިގެން ވެސް ޖަމަޢަ ކުރެއްވި އެވެ. އެއީ އެކަލޭގެފާނުގެ އުއްމަތަށް ބުރަކަމެއް ނުޖެއްސެވުމަށްޓަކައެވެ. އެހެންކަމުން ދަތުރުވެރިޔާ ޖަމަޢަ ކުރުމުގެ ޙާޖަތެއް ޖެހިއްޖެ ނަމަ ޖަމަޢަ ކުރާނީއެވެ. އެއީ (މިޘާލަކަށް) އޭގެ ފުރަތަމަ ވަޤުތުގައި ނުވަތަ ދެވަނަ ވަޤުތުގައި ވިޔަސް، އޭނާގެ ދަތުރުގައި މެދުނުކަނޑައި ކުރިޔަށްދިއުމަށެވެ. ނުވަތަ (ސަވާރީއިން) އެހެން ޙާއްޖަތަކަށް ފައިބާ ތީއެވެ. މިސާލަކަށް، މެންދުރު ވަޤުތުގައި ނިދާލައި އަރާމުކޮށްލުމަށް އޭނާއަށް ބޭނުންވަނީއެވެ. އަދި ޢިޝާ ވަޤުތުގައި ވެސް އެވެ. އެހެންކަމުން މެންދުރު ގަޑިއަށް އޭނާ ފައިބާ އިރު ވަރުބަލިވެ ނުނިދާ ގިނަ ވަޤުތުވެ ބަނޑުހައިވެފައިވެއެވެ. އޭނާއަށް އަރާމުކޮށްލައި ކާލައި ނިދާލަން ބޭނުންޖެހިފައި ވެއެވެ. ވީމާ މެންދުރު ނަމާދު ޢަޞްރަށް ލަސްކޮށްލާނީއެވެ. ދެން އޭނާ ބޭނުން ޖެހެނީ ޢިޝާ މަޣްރިބު ވަޤުތަށް އަވަސް ކޮށްލައި އެޔަށްފަހު ނިދާލުމަށެވެ. އެއީ ރޭގަނޑުގެ ދެބައިކުޅަ އެއްބައި ދަތުރުގައި ހޭލާ ހުރުމަށެވެ. މިއާއި މިފަދަ ކަންކަމުގައި އޭނާ އަށް ޖަމަޢަ ކުރުން ހުއްދަ ވެގެންވެއެވެ.
މިއާ ޚިލާފަށް ދުވަސް ތަކަކަށް ރަށެއްގައި ގައި ނޫނީ ޝަހަރެއްގައި މަޑުކުރާ މީހާ، އެކަމުގައި އޭނާ އަކީ އެޝަހަރުގެ މީހުން ފަދައެވެ. މިފަދަ މީހާ ދަތުރުވެރިޔަކަށް ވީތީ ޤަޞްރު ކުރިޔަސް ޖަމަޢަ ކުރުމެއް ނުވެއެވެ. އެއީ ސަވާރީ މަތީ ނަމާދު ކުރުމާއި ތަޔައްމުމް ގައި ނަމާދު ނުކުރުމާއި މުޅަމަސް ކެއުންވެސް އޭނާ އަށް ނުވާ ފަދައިންނެވެ. އެހެނީ މިކަންކަން ހުއްދަ ވަނީ (ޟަރޫރަތުގެ) ޙާއްޖަތުގައެވެ. އަދި (ދަތުރުމަތީ އަވަށެއްގައި މަޑު ޖައްސާމީހަކަށް) މިކަމަށް (އެބަހީ ޖަމަޢަ ކުރުމަށް) ޙާއްޖަތެއް ނުވެއެވެ. އެއީ ޤަޞްރު ކުރުމާއި ޚިލާފަށެވެ. އެހެނީ ހަމަކަށަވަރުން އެއީ ދަތުރު މަތީ ނަމާދުގެ ސުންނަތް ގޮތެވެ.“
مجموع الفتاوى (24/ 64 ـ 65).
އަދިވެސް ވިދާޅުވިއެވެ: ”އަދިކިއެއްހެއްޔެވެ؟ ޖަމަޢަ ކުރުމުގެ ޙާއްޖަތެއް ނުވާނަމަ، ދަތުރުވެރިޔާގެ މައްޗަށް މޮޅުއިތުރީ، ޖަމަޢަ ކުރުމަށް ވުރެ ކޮންމެ ނަމާދެއް ވެސް އޭގެ ވަޤުތުގައި އަދާއު ކުރުމެވެ. އެހެނީ ހަމަކަށަވަރުން، ނަބިއްޔު ﷺ ދަތުރުތައް މަތީ ކުރެއްވި ގިނަ ނަމާދުތައް ކުރެއްވީ އޭގެ ވަޤުތުގައެވެ. އަދި ޖަމަޢަ ކުރައްވާ ފައިވަނީ މަދުފަހަރުތަކެއްގައެވެ.“
)مجموع الفتاوى 24/ 19، 22(
އިބްނު ތައިމިއްޔާ ރަޙިމަހުﷲ އަދިވެސް ވިދާޅުވެފައި ވެއެވެ:
”ޤަޞްރު އަކީ ޖަމަޢަ ފަދަ އެއްޗެއްނޫނެވެ. އަދިކިއެއްތަ؟ ޤަޞްރު އަކީ ރާތިބު⁽¹⁾ ސުންނަތެކެވެ. އަދި ޢާންމު މީހުންތެރޭ ޖަމަޢަ އާއި ޤަޞްރު އެއްފަދަ ކުރާ މީހަކީ، ރަސޫލު ﷲ ﷺ ގެ ސުންނަތަށް ޖާހިލު މީހެކެވެ. އަދި މުސްލިމުންގެ ޢިލްމުވެރިންގެ ބަސްފުޅުތަކަށްވެސް ޖާހިލެކެވެ. އެހެނީ ހަމަކަށަވަރުން، ރަސޫލު ﷲ ﷺ ގެ ސުންނަތްޕުޅުގައި އެދެކަންތައް ފަރަޤު ކުރެއްވިއެވެ. އަދި ޢިލްމުވެރިން އެއިން އެކައްޗަކީ (އެބަހީ: ޤަޞްރު އަކީ) ސުންނަތް ކަމުގައި އިއްތިފާޤު ވެލެއްވިއެވެ. އަދި ޚިލާފުވެލެއްވީ އެކަމަކީ ވާޖިބެއްތޯ އާއި މެދުގައެވެ. އަދި ދެން އޮތް ކަންތައް — އެބަހީ ޖަމަޢަ ގެ — ޖާއިޒު ކަމާއިމެދު (ޢިލްމުވެރިން ދެމެދު) ދެބަސްވެލެއްވިތެވެ. ވީމާ އެޔާއި މިޔާއި އެއްފަދަވެފައި ކޮބައިހެއްޔެވެ!؟“
مجموع الفتاوى (24/27 ـ 28)
“އަލްވާބިލް އައްޞައްޔިބު” (ޞ. 22 -24) ގައި އިބްނުލް ޤައްޔިމް < [ﷲ] ގެ ނަހީކުރެއްވުން މަތިވެރިކުޅައުމުގެ ޢަލާމާތްތައް > މިހެން ފަޞްލެއް ކަނޑައަޅުއްވައި، އޭގެ ދަށުން ވިދާޅުވިއެވެ:
”އަދި ﷲ ގެ އަމުރުފުޅު އަދި ނަހީ މަތިވެރިކުޅައުމުގެ ޢަލާމާތްތަކުގެ ތެރޭގައި، ރުޚްޞާ ތަކަށް (އެބަހި: ޙާލަތާއި ވިދިގެން ޝަރުޢީ ކަންކަމުގައި ދެއްވާފައިވާ ލުއިތަކަށް) ހިފެހެއްޓުމެއްނެތި — އެއީ އެކަން ކުރާ މީހާ އަކީ ގޮތެއްނެތް މީހަކަށްވެ، މެދުމިނުގެ މަންހަޖުގައި ގާއިމުވެފައިވާ މީހަކަށް ނުވާހިސާބަށް ދާންދެން— ދޫ ނުދިނުން ހިމެނެއެވެ.“
)ދެން އޭގެ މިޘާލުތައް ގެންނަވަމުން ވިދާޅުވިއެވެ.)
”…އަދި މީގެތެރެއިން ވަނީ، ޢުޛުރު ވާހިނދު ދަތުރުވެރިޔާއަށް ދެނަމާދު އެއްކުޅައުމަށް އިތުރުއެކަލޭގެފާނުން ލުއިދެއްވުމެވެ. (އެނޫން ގޮތަކުންނަމަ) ކޮންމެ ނަމާދެއް އޭގެ ވަޤުތުގައި ކުރުމުގެ މައްޗަށް ލުއިދެއްވެވީއެވެ. އެއީ (ސަވާރީން) ފޭބުމަށް ޣުޛުރުވެރިވާތީ ނުވަތަ އުދަޤޫވާތީ، ދަތުރުގެ (ކޮންމެ ނަމާދަކަށް) މެދުނުކެނޑުމުގެ ގޮތުންނެވެ.
ދެންފަހެ މަންޒިލެއްގައި އޭނާ ދެދުވަހަށް ނޫނީ ތިންދުވަހަށް ނޫނީ ދުވަހަކަށްވިޔަސް މަޑު ކުރާނަމަ، ދެނަމާދު ޖަމަޢަ ކުރުން އޭނާގެ މައްޗަށް ލާޒިމުވެގެން ނުވެއެވެ. އެއީ އުދަގުލެއްނެތި ކޮންމެ ނަމާދެއްވެސް އޭގެ ވަޤުތުގައި ކުރުމަށް ކުޅަދާނަވުމުގެ ސަބަބުންނެވެ. އެހެނީ ޖަމަޢަ ކުރުމަކީ ރާތިބު ސުންނަތެއް ނޫނެވެ. މިއީ ދަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތާއި ޚިލާފަށެވެ: އެއީ ދަތުރުގެ ސުންނަތް ގޮތަކީ ޢުޛުރެއް އޮތަސް ނެތަސް، ޖަމަޢަ ކުރުން ކަމުގައެވެ. މިއާއި ޚިލާފަށް، ޖަމަޢަ އަކީ ރުޚްޞާއެކެވެ. (ލުޔެކެވެ.) އަދި (ދަތުރުގައި) ރާތިބު ސުންނަތަކީ ޤަޞްރެވެ. ވީމާ ދަތުރުވެރިޔާގެ ސުންނަތަކީ ހަތަރު ރަކުޢަތް ޤަޞްރު ކުރުމެވެ. އޭނާއަށް އެކަން ކުރުމަށް ޣުޛުރެއް އޮތަސް އަދި ނެތަސް އެވެ. ދެންފަހެ އޭނާ ދެނަމާދު ޖަމަޢަ ކުރުމަކީ، ޙާޖަތާއި ރުޚްޞާ އެކެވެ. މިއާއި އެޔާއި މިއީ ތަފާތު ދެކަމެކެވެ.“ اهــ .
ޢިލްމިވެރިންކުރެ އެތައްބައިވަރު ބޭކަލެއް ވިދާޅުވަނީ ނަމާދު ޖަމްޢުކުރުންވަނީ ޢާދަޔަކަށް ނުހަދާގޮތުގައި ޙާއްޖަތަކަށް، ނުވަތަ ޢުޛުރަކަށްޓަކައި އެކަނިކަމެވެ. މިއީ މުހިއްމު ނުކުތާއެކެވެ. އެހެނީ ނަމާދަކީ މުއުމިނު ތަކުންނަށް ވަޤުތު ކަނޑައެޅިގެންވީ އެއްޗެއް(2) ކަމުގައި ވާނަމަ، ލާޒިމުވެގެންވަނީ ހަނިކުޅައުމުގެ މިޝަރުޠައް ސަމާލުވުމެވެ: އެއީ ޙާއްޖަތަކަށް ނޫނީ ޢުޛުރަކަށްވިޔަސް، ރަށްވެހިވެ ހުރެ ޖަމްޢު ކުރުން އާދަޔަކަށް ނުހެދުމެވެ.
އަދި ކިއެއްހެއްޔެވެ؟ ޢުޛުރާއި ނުލައި ޖަމްޢު ކުރުމުގެ މައްޗަށް އިންކާރު އެތަކެއް ސަލަފުންގެ އަރިހުން ވަނީ ރިވާވެފައެވެ. އެއީ އިބްނު އަބީ ޝައިބާ އެކަލޭގެފާނުގެ މުޞައްނަފުގައި ޢުމަރު ބުނު ޢަބްދުލް ޢަޒީޒް އަރިހުން ރިވާކުރެއްވި ފަދައިންނެވެ: (ވިދާޅުވިއެވެ) ޢުޛުރަކާއި ލައިގެން މެނުވީ ދެނަމާދު ޖަމްޢުނުކުރާށެވެ. ހަމައެފަދައިން ޔޫނުސް އަރިހުން ރިވާވެގެންވެއެވެ: (ވިދާޅުވިއެވެ) ދަތުރު މަތީ ދެނަމާދު ޖަމްޢު ކުރުމާއި މެދު އަލްޙަސަން އާއި ސުވާލުވެވުނެވެ. ފަހެ އެކަލޭގެފާނު އެކަމަށް ނުރުއްސަވަތެވެ. އެހެނަސް ޢުޛުރަކާއިއެކު މެނުވީއެވެ. ހަމަ އެފަދައިން އިބްނު އަބީ ޝައިބާ، އަބޫ މޫސާ އަރިހުން ރިވާކުރެއްވިއެވެ: (ވިދާޅުވިއެވެ) ޢުޛުރަކާއި ނުލައި ދެނަމާދު ޖަމްޢަ ކުރުން ވަނީ ކަބާއިރުގެ ތެރެއިންނެވެ. (އެބަހީ: ބޮޑުފާފައެކެވެ.)
އަދި ނަބިއްޔު ﷺ ޖަމްޢު ކުރެއްވި ކުރެއްވުން، އިބްނު ޢައްބާސް ވިދާޅުވި ފަދައިން، އެއިން “އެދިވަޑައިގެންނެވީ އެކަލޭގެފާނުގެ އުއްމަތަށް ބުރަ ނުޖެއްސެވުމުމެވެ.” އެހެންކަމުން މިއީވެސް (ހާއްޖަތާއި ޢުޛުރުގައި) ޖަމްޢު ކުރުމުގެ ހުއްދަ ވާކަން އުނގަންނަވައިދެއްވުމެވެ.(3) والله تعالى أعلم
— އައްޝައިޚް އަބޫ މުޙައްމަދުލް މިޞްރީ (ފަތާވާ ޢަބަރުލް އަޘީރު، ނަންބަރު 361 )
_________
(1) ރާތިބު: އެބަހީ، ވަކި ޚާއްޞަ ކަމަކާއި ވިދިގެން އޮންނަ ކަމަކަށް ވުމެވެ. މިޘާލަކަށް ޤަޞްރު ކުރުމަކީ ދަތުރާއި ވިދިގެން އަންނަ ސުންނަތެކެވެ.
ނޯޓް: ރާތިބް، މިލަފުޡު ނެގިފައިވަނީ ޤަވަޢިދުން ވަކި މުއްދަތަކުން ދެވޭ މުސާރައަށް އޮންނަ ލަފުޡުންނެވެ. އެމުސާރަ ލިބެނީ އެމުއްދަތާއި ވިދިގެންނެވެ. މިޘާލަކަށް މަހުމުސާރަ ލިބެނީ ކޮންމެ މަހެއް ނިމުމާއި “ވިދިގެން” ނެވެ. ރާތިބު ގެ ޖަމްޢު އަކީ “ރަވާތިބު” އެވެ. އަދި ފަރުޟު ފަސްނަމާދާއި ވިދިވިދިފައިވާ ސުންނަތް ނަމާދުތަކަށް “ރަވާތިބު” ސުންނަތް ތަކޭ މިކިޔެނީ މިހެންވެއެވެ.
(2) إِنَّ ٱلصَّلَوٰةَ كَانَتْ عَلَى ٱلْمُؤْمِنِينَ كِتَٰبًا مَّوْقُوتًا (ހަމަކަށަވަރުން، ނަމާދަކީ مؤمن ތަކުންގެ މައްޗަށް وقت ކަނޑައެޅިގެންއޮތް فرض އެއްކަމުގައި ވެއެވެ.)
(3) ބައެއް ޖާހިލުން މި ޙަދީޘް ގެ މައްޗަށް، އުޛުރާއި ނުލައި ދިގުދެމިގެންވާ ގޮތަށް ޖަމްޢު ކުރެވިދާނޭ ކަމަށް ދައުވާކުރެއެވެ. މިއީ މިއުއްމަތުގެ އެއްވެސް ޢިލްމުވެރި ވިދާޅުނުވާ މަގުފުރެދިފައިވާ ޖާހިލު ބުނުމެކެވެ. މިސަބަބަށްޓަކައި އެފަދަމީހަކީ ރަސޫލު ﷲ ﷺ ގެ ސުންނަތާއި ޢިލްމުވެރިންގެ ބަހަށް ޖާހިލުވެގެންވާ މީހެއް ކަމަށް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ބަޔާން ކުރައްވާފައިވެއެވެ. އަދި މިޙަދީޘްގެ ޝަރަޙަ ތަރުޖަމާކުރުމަށް އަހަރެމެން އުއްމީދުކުރަމެވެ. إن شاء الله.

