ޔޫރޯގެ މޮޅުކުޅުންތެރިޔާ ޕީއެސްޖީއަށް
ނިމިދިޔަ ޔޫރޯ 2020 ގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިޓަލީގެ ކީޕަރު ޑޮނަރޫމާ އޭނާ ކުޅެމުން އައި އޭސީ މިލާން ދޫކޮށްލައި ، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އަށް ބަދަލުވުމުގެ ކަންތައްތައް ނިމުމަކަށް އަތުވެއްޖެއެވެ.
ލަންޑަންގެ ވެންބުލީ ސްޓޭޑިއަމުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު ޔޫރޯ 2020 ގެ ފައިނަލުގައި އިންގްލެންޑުގެ ޖޯޑަން ސެންޗޯ އާއި ސާކާގެ ޕެނަލްޓީ މަތަކޮށް އިޓަލީއަށް ޗެމްޕިއަންކަން ހޯދައި ދިނުމުން ޤައުމީ ބަތަލަކަށް ވެފައިވާ ޑޮނަރޫމާ ޕީއެސްޖީއަށް ބަދަލުވަނީ 5 އަހަރުދުވަހުގެ އެއްބަސްވުމަކާއި އެކުގައެވެ.
އުމުރުން 22 އަހަރުގެ ޒުވާން ގޯލުކީޕަރ ޑޮނަރޫމާ ޕީއެސްޖީއަށް ބަދަލުވާން ނިންމުމާއިއެކު އޭނާގެ ޒުވާން ޢުމުރު ކުޅެމުންއައި އިޓަލީގެ އޭސީ މިލާނުގައި ހޭދަކުރި ދުވަސްތަކާއި ގުޅޭގޮތުން އޭނާވަނީ އިންސްޓަގްރާމުގައި ވަރަށް ދިގު ބަޔާނެއް ލިޔެފަ އެވެ. މިބަޔާނުގައި އޭނާ ބުނެފައިވަނީ އޭސީ މިލާނުގެ ޓީމާއި ސަޕޯޓަރުންނަކީ އާއިލާގެ މެމްބަރުންތަކެއް ފަދަ ބައެއް ކަމުގައެވެ. އަދި އޭނާ އެސީ މިލާނާއި ގުޅުނީ ކުޑަ ކުއްޖެއްގެ ގޮތުގައި ކަމަށާއި، އޭސީ މިލާނުގެ ޖާޒީގައި އުފާވެރި އަދި ހިތްދަތި ދުވަސް ތަކެއް ހޭދަ ކުރަން ޖެހުނު ކަމަށާއި އެކަންތައްތަކަކީ ދުވަހަކުވެސް ހަނދާނުން ފޮހިވިގެން ދާނެ ދުވަސްތަކެއް ނޫންކަމުގައެވެ. އަދި މިވަގުތަކީ ބޮޑުމީހެއްގެ ގޮތުގައި ވުމަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިލާންވީ ވަގުތު ކަމުގައެވެ.
ޑޮނަރޫމާ ޕީއެސްޖީއަށް ބަދަލުވާއިރު ވޭތުވެދިޔަ 16 އަހަރު ދުވަހު ރިއަލްމެޑްރިޑަށް ކުޅުނު އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވެސް ވަނީ 2 އަހަރުދުވަހުގެ އެއްބަސްވުމަކާއިއެކު ޕީއެސްޖީއަށް ބަދަލުވެފައެވެ.


މީނަތަ އެންމެ މޮޅީ