ޢަލީ ވަޙީދުގެ ޝަރީޢަތް ވީޑިއޯކޮންފަރެންސްކޮށް ކުރިޔަށް ގެންދާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ އެތައް ސުވާލެއް ޕީޖީއަށް
ޖިންސީ ގޯނާގެ އެތައް ތުހުމަތެއް ދަޢުލަތުންކޮށްފައިވާ، ޢަލީ ވަޙީދުގެ ޝަރީޢަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ވީޑިއޯކޮންފަރެންސްކޮށް ކުރިޔަށް ގެންދާ މައްސަލަ، ހައިކޯޓުގައި އިސްތިއުނާފުކުރުމުން، 6 ޖުލައި 2021 ވަނަ ދުވަހު ހައިކޯޓުގައި ކުރިޔަށްދިޔަ، އިސްތިއުނާފު އަޑުއެހުންތަކުގެ ފުރަތަމަ އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރުންގެ އެތައް ސުވާލެއް ޕީޖީއާއި ކުރިމަތިކޮށްފިއެވެ.
އިއްޔެ ކުރިޔަށް ދިޔަ އަޑުއެހުމުގައި އެންމެ ފުރަތަމަވެސް، އަޑުއެހުން ފެށުމަށްފަހު، ރިޔާސަތުގައި އިންނެވި ފަނޑިޔާރު ކުރެއްވި ސުވާލަކީ، މިއީ ކިހާ މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ މައްސަލައެއްތޯއެވެ. އެ ސުވާލުގެ ޖަވާބުދެއްވުމަށްވެސް، ދަޢުލަތުގެ ފަރާތުން ވަޑައިގެން ތިއްބެވި 3 ޕީޖީން ވަކީލުންވެސް ވަގުތުކޮޅެއް ނެންގުވުމަށްފަހު، ވިދާޅުވީ 7 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަވަން ޖެހޭ ކަމަށެވެ.
މިމައްސަލަ އިސްތިއުނާފު ކުރަން މިޖެހުނީ ކީއްވެގެންތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން، ޕީޖީން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އިޙްތިސާސް ނުހިމެނޭ ސަރަޙައްދެއްގައި ދައުވާ ލިބޭ ފަރާތް ހުރުމުންކަމަށާއި އެފަދަ ތަނެއްގައި ހުރެގެން ވީޑިއޯކޮންފަރެންސްކޮށް ކުރިއަށް ގެންދާނަމަ، ދިމާވާނެ މައްސަލަތައް އެބަހުރިކަމަށާއި އަދި ހެކިވެރިންގެ ހެކިބަސް ނަގާ ވަގުތުވެސް ދިމާވާނެ ކަމަށެވެ.
އިއްޔެގެ އަޑުއެހުމުގައި ޕީޖީން ވިދާޅުވީ ހައިކޯޓުގައި މިހާރު މި ކުރިޔަށްދާ އަޑުއެހުންވެސް ވީޑިއޯ ކޮންފަރެންސްކޮށް ގެންދެވޭނެކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި މި އަޑުއެހުންތަކަށްވެސް ޢަލީ ވަހީދު ކޯޓަށް ގެންނަން ޙާޟިރު ކުރަންޖެހޭނެ ކަމަށެވެ.
އެހިސާބުން ހައިކޯޓުގެ ފަނޑިޔާރުން ސުވާލުކުރައްވަމުން ވިދާޅުވީ، ދެންމެ ޕީޖީން ތިޔަދެންނެވީ، މި މައްސަލަ 7 ދުވަހުގެ ތެރޭ ނިންމަންޖެހޭ ކަމަށް ޤާނޫނުގައި އެބައޮތްކަމަށާއި ދެން ކޯޓުން އެދެފިނަމަ، 7 ދުވަހުގެ ތެރޭ މިމައްސަލަ ނިންމުމަށްޓަކައި ޢަލީ ވަޙީދު މި ކޯޓަށް ޙާޟިރު ކުރެވޭނެތޯއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން، ޕީޖީން ވިދާޅުވީ، ކޯޓަށް އެބާރު ލިބިގެންވާކަމަށާއި ކޯޓަށް ޙާޟިރު ކުރެވޭނެގޮތްތަކެއް ހުންނާނެކަމަށާއި އެގޮތުން ކޯޓުން ޢަލީ ވަޙީދުގެ ޕާސްޕޯޓުވެސް ހިފެހެއްޓިދާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ފުލުހުންގެ މައްޗަށް ޢަމުރުކޮށްގެންވެސް އެކަން ކުރެވިދާނެކަމަށެވެ.
ތަކުރާރުކޮށް ޕީޖީން ވިދާޅުވަމުންދިޔައީ، މިއަދު މިދާ އަޑުއެހުންވެސް ވީޑިއޯކޮންފަރެންސްކޮށް ނުގެންދެވޭނެކަމަށާއި އަދި ޢަލީ ވަޙީދުގެ ޣައިރު ޙާޟިރުގައިވެސް މި އަޑުއެހުން ނުގެންދެވޭނެ ކަމަށެވެ.
އެހިސާބުން އަނެއްކާވެސް، ހައިކޯޓުގެ ފަނޑިޔާރުންވަނީ، ދެން އެހެންކަމަށްވާނަމަ، މި އަޑުއެހުން ކުރިއަށް ގެންދެވޭނެ ގޮތެއް ދައުލަތުން ކޯޓަށް ސާފުކޮށްދެއްވުމަށާއި ވަރަށްފަހުންވެސް ރާއްޖޭން ބޭރުގައި ހުންނެވި، މޫސާ އަންވަރު ކިޔާ މީހެއްގެ މައްސަލަ މި ކޯޓުގައި ވީޑިއޯ ކޮންފަރެންސްކޮން ގެންގޮސްފައިވާނެކަމަށާއި އަދި އެގޮތަށް ކުރިޔަށް ގެންދެވޭނެކަމަށް ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުވެސް ވިދާޅުވެފައިވާކަމަށެވެ.
57 މިނެޓް 33 ސިކުންތަށް ދިގުލައިގެންދިޔަ މި އަޑުއެހުން ނިންމުމުގައިވެސް ޕީޖީއަށް ފަނޑިޔާރުން ކުރައްވަމުން ގެންދިޔަ ސުވާލަކީ މި އަޑުއެހުން ވީޑިއޯކޮންފަރެންސްކޮށް ނުގެންދެވޭނެކަމަށާއި އަދި ޢަލީ ވަޙީދުގެ ޣައިރު ޙާޟިރުގައިވެސް ނުގެންދެވޭނެކަމަށް ބުނާއިރު، ދެން ކުރިޔަށް ގެންދެވޭނެގޮތެއް ދައުލަތުގެ ފަރާތުން ކޯޓަށް ސާފުކޮށްދެއްވުމަށް ސުވާލު ކުރައްވަމުންނެވެ. އަދި ކޯޓުން ދަޢުލަތުގެ މައްޗަށް ޢަލީ ވަޙީދު ޙާޟިރުކޮށްދެއްވުމަށް އަމުރުކޮށްފިނަމަ ދައުލަތަށް ޢަލީ ވަޙީދު ކޯޓަށް ޙާޟިރުކޮށްދެވޭނެތޯވެސް ސުވާލު ތަކުރާރު ކުރެއްވިއެވެ.
އަޑުއެހުން ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު ވިދާޅުވީ، މިމައްސަލައިގައި ނިންމަވާގޮތެއް ވަރަށް އަވަހަށް އަންގަވާނެކަމަށެވެ.
މި އަޑުއެހުމުގެ، ވީޑިއޯ މިހާރު ވަނީ ހައިކޯޓުގެ ޔޫޓިއުބް ޖެނަލުގައި ޢާންމުކޮށްފައެވެ.

