ދިވެހި ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމަށް ސަރުކާރުން އިފްތިތާޙުކުރި "ދިވެހި ވަޠަނީ ޚިދުމަތް" (ނޭޝަނަލް ސަރވިސް) ޕްރޮގްރާމަށް އަހަރެއް ފުރިގެން ދިޔައިރު، 1,100 އަށްވުރެ ގިނަ ޒުވާނުން ތަމްރީނު ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
މި މުނާސަބަތާއި ގުޅިގެން ރައީސް ވިދާޅުވީ، 1 އޮކްޓޫބަރު 2025 ގައި ފެށި މި ޚިދުމަތުގެ ތެރެއިން އަހަރަކު 1،000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި އަމާޒު ފުރަތަމަ އަހަރުވެސް ވަނީ މާތް ﷲ ގެ ހެޔޮ ރަޙުމަތާއެކު ކާމިޔާބުކަމާއެކު ޙާޞިލް ކުރެވިފައި ކަމަށެވެ. އަދި ފާއިތުވި އަހަރަކީ ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށް އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވުނު އަހަރެއްގެ ގޮތުގައި އެމަނިކުފާނު ސިފ ކުރެއްވިއެވެ.
އަހަރީ ނަތީޖާއަށް ބަލާއިރު، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ޕްރޮގްރާމްގެ ތެރެއިން 1,028 ޒުވާނުން ތަމްރީނު ކުރެވުނުއިރު، ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ ޕްރޮގްރާމުން 136 ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.
ކުރިއަށް އޮތް ތަނުގައި މި ޕްރޮގްރާމްގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ނޭޝަނަލް ސަރވިސްގެ ތެރެއަށް ފަންނީ އިތުރު ދާއިރާތަކާއި އިންޓަރންޝިޕް ފުރުޞަތުތައް ތަޢާރަފްކުރުމަށް ވަނީ ރާވާފައެވެ. މީގެއިތުރުން ތަމްރީނު ފުރިހަމަކުރާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ނޭޝަނަލް ކެރިއަރ ސަރވިސްގެ ދައުރު އިތުރަށް ފުޅާކުރުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މި މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަމްރީނުތައް ފުރިހަމަކުރި ޒުވާނުންނަށާއި އެފަރާތްތަކުގެ ޢާއިލާތަކަށް ތަހުނިޔާ ދަންނަވައި، މި ކާމިޔާބު ޙަރަކާތް ކުރިއަށް ގެންދިއުމުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...