ގިނަ ބަޔަކު ހައްޔަރު ކުރަން ނަޝީދު ގޮވާލުމުން އެކަމާ ކަންބޮޑުވޭ – ޕީޕީއެމް
ގިނަ ބަޔަކު ހިފައި ހައްޔަރު ކުރަން މިހާރު ޖެހިފައިވާ ކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާއި ކަންބޮޑުވާކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެފިއެވެ.
އެ ޕާޓީން މިގޮތަށް ބުނެފައި ވަނީ އެޕާޓީން ނެރުނު ބަޔާނެއްގައެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުމުގެ މީހުން ގުނާ އަދަދު ނުކުރެވޭހާ ގިނަ ކަން ފާހަގަކުރައްވައި، ދިވެހިންނާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް “ގިނަ ބަޔަކު ކުއްލިއަކަށް ހިފައި ހައްޔަރުކުރެވޭނެ” ގޮތަށް ގާނޫނުތައް އިސްލާހު ކުރަން ޖެހިފައިވާ ކަމަށް ރައީސް ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ.
ނަޝީދު އެގޮތަށް ވިދާޅުވެފައިވުމާއި ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މީހަކު ހިފާ ހައްޔަރުކޮށްފައި ބެހެއްޓޭނެ ގޮތްތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައްޔާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 58 ވަނަ މާއްދާއާއި 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކުރެވިފައިވާ ކަމަށެވެ.
“އެހެންކަމުން ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކުރަންޖެހޭކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައިސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ މި ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަން”. އިދިކޮޅު ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ނިރުބަވެރިކަން ހުއްޓުވުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ނިރުބަވެރިކަން ހުއްޓުވުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް ފާހަގަކުރެވޭ ކަމަށް އެ ބަޔާނުގައި ވެއެވެ.
“އެހެންނަމަވެސް ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް މީހަކު ހިފާ ހައްޔަރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އެއީ ގާނޫނުއަސާސީގެ ރޫހާއި ޑިމޮކްރެސީގެ ހަމަތަކާއި މުޅިން ހިލާފު ކަމެއް”. އެ ބަޔާނުގައި ވެއެވެ.
އިދިކޮޅު ބަޔާނުގައި ބުނެފައި ވަނީ އެއްވެސް މީހަކު ހައްޔަރު ކުރަންވާނީ އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުލިބޭ އިތުރު ހެކިތައް ހުރެގެން ކަމަށެވެ. އަދި މީހަކު ހިފާ ހައްޔަރުކޮށްފައި ބެހެއްޓޭނީ މުޖްތަމައގެ ސަލާމަތަށް ނުރައްކާވާ ހާލަތެއް އޮވެގެންް ކަަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން ކުށެއް ނެތް މައުސޫމް މީހުން ސިޔާސީ މަގްސަދެއް ޙާސިލްކުރުމަށްޓަކައި ހިފާ ހައްޔަރުކޮށް އަނިޔާވެރިކަން އިސްނުކުރުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ލިޔެވިފައިވާ ގޮތުގެ މަތިން ކަންކަން ކުރުމަށް ސަރުކާރަށް އިދިކޮޅުން ވަނީ އިލްތިމާސްކޮށްފައެެވެ.

