ކުޅިވަރު

މޮޑްރިޗްގެ މޮޅު ކުޅުމާއިއެކު ކުރެއޭޝިއާ ދެވަނަބުރަށް

ޔޫރޯފުޓްބޯޅަ މުބާރާތުގައި ރޭކުޅެވުނު ފޯރިގަދަ މެޗުގައި ލޫކާ މޮޑްރިޗްގެ މޮޅު ކުޅުމާއިއެކު 3-1 ލަނޑުން ސްކޮޑްލެންޑު ބަލިކޮށް ކުރެއޭޝިއާއިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭގެ މި މިޗުގައި މޮޑުރިޗްވަނީ މެދުތެރޭގައި މޮޅުކުޅުމެއް ދައްކާ 1 ލަނޑުޖަހާ އިތުރު ލަނޑެއް ޖެހުމަށް ފުރުޞަތު ތަނަވަސްކޮށްދީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.

ސްކޮޓްލެންޑްގެ ހެމްޕްޑަން ޕާކުގައި ރޭ ކުޅެވުނު މި މެޗު ފަށައިގެން ސްކޮޓްލެންޑުން ދިޔައީ ކްރޮއޭޝިއާ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. އަދި މެޗުގެ ކުރީކޮޅު އެޓީމުން ގިނަ ހަމަލާތަކެއް ފޮނުވާލިތަން ފެނިގެންދިޔައެވެ.  ނަމަވެސް މޮޅެއް ބޭނުންވެފައިވާ ކްރޮއޭޝިއާ އިން މަޑުމަޑުން މެޗުގެ ތެރެއަށް އައިސް ސްކޮޓްލެންޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ބޯޅައިން އެޓީމުން ވަނީ ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މެޗުގެ 17 ވަނަ މިނިޓްގައި ކްރޮއޭޝިއާގެ މި ގޯލު ކާމިޔާބު ކޮށްދިނީ  ނިކޯލާ ވްލަސިޗް އެވެ. އޭރިއާ ތެރެއިން އިވާން ޕެރިސިޗް ބޮލުން ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވްލަސިޗް ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފައެވެ.

ފުރަތަމަ ހާފުގައި ވަރުގަދަކޮށް ފެނުނު ސްކޮޓްލެންޑުންވަނީ މެޗުގެ 42 ވަނަ މިނިޓްގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކަލުމް މެކްގްރެގާ އެވެ. މިގޯލުވެގެން ގޮސްފައިވަނީ ވޭތިވެދިޔަ 23 އަހަރު ތެރޭގައި ބޮޑު މުބާރާތެއްގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލުކަމުގައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ކްރޮއޭޝިއާއިން ކުޅުން އިތުރަށް ރަނގަޅުކޮށް ގޯލެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 62 ވަނަ މިނިޓްގައި މޮޑްރިކް ކާމިޔާބުކުރި ހިތްގައިމު ގޯލުންނެވެ. މިއީ މަޓެއޯ ކޮވަސިޗް ދިން ބޯޅައެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން މޮޑްރިޗް ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގައި ކްރޮއޭޝިއާ އިން ތިން ވަނަ ގޯލެއް ޖެހީ މެޗުގެ 78 ވަނަ މިނިޓްގަ އެވެ. ކޯނަރަކުން މޮޑްރިޗް ނަގައިދިން ބޯޅަ ޕެރިސިޗް ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

ރޭގެ މިނަތީޖާއާއިއެކު ކްރޮއޭޝިއާ ދެ ވަނަ ބުރުގެ ފުރުސަތު ހޯދީ ގްރޫޕް ޑީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެއް ވަނަ ލިބުނީ ރޭ ޗެކް ރިޕަބްލިކް 1-0 އިން ބަލިކޮށް ހަތް ޕޮއިންޓް ހޯދި އިންގްލެންޑަށެވެ. ދެ ވަނައަށް ދިޔަ ކްރޮއޭޝިއާ އާއި ތިން ވަނަ އަށް ދިޔަ ޗެކް ރިޕަބްލިކަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ކްރޮއޭޝިއާ އަށް ދެ ވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ. އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ޗެކް ރިޕަބްލިކަށް ވެސް ވަނީ އަނެއް ބުރުން ފުރުސަތު ލިބިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close