ކުޅިވަރު

ސައްތައިން ސައްތަ ރެކޯރޑަކާއިއެކު ގްރޫޕް އެއްވަނައަށް އިޓަލީ

ޔޫރޯފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅުނު ހުރިހާމެޗަކުން މޮޅުވެ އަދި ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗުވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯރޑަކާއިއެކު އިޓަލީ ޓީމުން އެޓީމު ހިމެނޭ ގްރޫޕް އޭ ގެ އެއްވަނަ ކަށަވަރުކޮށްފިއެވެ. މި ގްރޫޕުގެ 2 ވަނައަށް ދިޔައީ ރޭ އިޓަލީ އަތުން 1 – 0 ން ބަލިވި ވޭލްސްއެވެ.

ރޭގެ މެޗަށް ނިކުތްއިރުވެސް އިޓަލީ ދެވަނަބުރުގެ ޖާގަ ކަށަވަރުކޮށްފައި އޮތުމުން މި ގްރޫޕުން ދެ ވަނަ ޖާގައަށް ވާދަ ކުރީ ވޭލްސް އާއި ސްވިޒަލެންޑެވެ. ކުރިން ކުޅުނު ދެ މެޗުން ތުރުކީ ބަލިވެފައި ވުމުން، މެޗަށް ނުކުތް އިރުވެސް އެ ޓީމު ގާތްގަނޑަކަށް އޮތީ މުބާރާތަށް އަލްވަދާޢު ކިޔަން ޖެހިފައެވެ.

އެއްވަގުތެއްގައި ރޭގައި ކުޅެވުނު މި ގްރޫޕްގެ ފަހު މެޗްތަކަށް ބަލާއިރު ސްވިޒަލޭންޑް ވަނީ ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުން 3-1 އިން މޮޅުވެފަ އެވެ. މެޗުން ސްވިޒަލެންޑް މޮޅުވެ އެ ޓީމުން ގުރޫޕް ސްޓޭޖު ނިންމާލީ ހަތަރު ޕޮއިންޓާއެކު އެވެ. ފަހުމެޗާއި ހިސާބަށް އައިއިރުވެސް ވޭލްސް އޮތީ ހަތަރު ޕޮއިންޓް ހަމަކޮށްފަ އެވެ. ވޭލްސް އާއި ސްވިޒަލެންޑް ކުޅުނު މެޗު އެއްވަރުވެފައި އޮތުމުން، ވޭލްސް އަށް ދެވަނަ ލިބުނީގެ ލަނޑުގެ ތަފާތުންނެވެ.

ސްވިޒަލޭންޑްއަށް ޖެހޭނީ ގުރޫޕް ސްޓޭޖް ނިމެންދެން އެހެން ޓީމުތަކަށް ވާގޮތް ބަލަން މަޑު ކުރާށެވެ. މުބާރާތް ރޭވިފައިވާ ގޮތުން ހަ ގުރޫޕްގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ދެ ވަނަ ބުރަށް ދަތުރު ކުރާނެ އެވެ.

ރޭކުޅެވުނު މެޗުގައި އިޓަލީ ޓީމަށް ލަނޑު ޖަހައިދީފައިވަނީ މެޗުގެ 39 ވަނަ މިނެޓުގައި މަޓޭއޯ ޕެސީނާ އެވެ. މިއީ މި މުބާރާތުގައި އޭނާޖެހި ފުރަތަމަ ލަނޑެވެ.

ރޭގެ މެޗަށް ބަލާއިރު އިޓަލީ ޓީމު ދެވަނަ ބުރަށް ދަތުރުކޮށްފައި ވުމުން އިޓަލީގެ ޓީމަށް ކޯޗް ރޮބާޓާ މަންޗިނީވަނީ ބޮޑަތި ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ޓީމުގައި ލީޑްކުރާ ގިނަ ކުޅުންތެރިން ތަކަކަށް ކޯޗްވަނީ އަރާމުކުރަން ފުރުސަތު ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close