ކުޅިވަރު

ޕޯޗުގަލްއަށް ޖަރުމަނުގެ ފެންވަރު ދައްކާލައިފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ފުރާންސް އަތުން ބަލިވެފައިވާ ޖަރުމަނުން ރޭ ކުޅުނު މެޗުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އަތުން ފަހަތުން އަރައި 4-2 އިން މޮޅުވެ ޖަރުމަނުގެ ފެންވަރު ދައްކާލައިފި އެވެ.
ރޭގެ މެޗުގެ އެންމެ ފުރަތަމަ ވަގުތުން ފެށިގެންވެސް ޖަރުމަނުން ދިޔައީ ޕޯޗުގަލުގެ ގޯލަށް ބާރު ބޮޑު ކުރަމުންނެވެ. މިގޮތުން މެޗުގެ 6 ވަނަ މިނިޓްގައި އެޓީމުންވަނީ ޕޯޗުގަލުގެ ގޯލަށް ބޯޅަ ވައްދާލައި ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެކްރޮބެޓިކް ކިކަކުން ގޮސެން މި ގޯލު ޖެހުމުގެ ކުރިން ބޯޅަ އަށް އަރައިހުރި ސާޖް ގްނަބްރީ އޮފްސައިޑްކަމަށެވެ.
މެޗުފަށައިގެން މުޅި މެޗުގެ ކޮންޓްރޯލް ނަގައިގެން ޖަރުމަނުން ކުޅެމުންދިޔަ ނަމަވެސް ފުރަތަމަ ލީޑުނެގީ މެޗުގެ 15 ވަނަ މިނިޓްގައި ޕޯޗުގަލް އިންނެވެ. މި ގޯލު ޖެހީ ކައުންޓަ އެޓޭކެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ކޯނަރަކުން ޖަރުމަނު ނެގި ބޯޅައެއް ރޮނާލްޑޯ ބޮލުން ޖައްސާލުމުން ލިބުނީ ޕޯޗުގަލް އޭރިއާބޭރުން ބެނާޑޯ ސިލްވާ އަށެވެ. އޭނާ އެ ބޯޅަ ހިފައިގެން ޖަރުމަނު ހާފުގެ ތެރެއަށް ވަދެ މަތިން ޑިއޯގޯ ޖޮޓާ އަށް ދިން ބޯޅަ މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ވަނީ އޭރިއާ ތެރެއިން ހުސްކޮށް ހުރި ރޮނާލްޑޯ އަށް ދީފަ އެވެ. ރޮނާލްޑޯ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މި ފަހަރުގެ މުބާރާތުގައި އޭނާގެ 3 ވަނަ ގޯލު ޖަހައިފަ އެވެ. އަދި މިއާއިއެކު ރޮނާލްޑޯ ވެގެން ގޮސްފައި ވަނީ ޔޫރޯގެ ތިން މުބާރާތުގައި ތިން ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެށެވެ.
ރޭގެ މި ފޯރިގަދަ މެޗުގައި ޕޯޗްގަލް އަށް ލީޑު ހިފަހައްޓާލެވުނީ 20 މިނެޓެއް ހާއިރު އެވެ. މެޗުގެ 35 ވަނަ މިނެޓްގައި ޖަރުމަނުންވަނީ މެޗުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މިއީ ގޯސެންސް އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ޕޯޗްގަލްގެ ޑިފެންޑަރު ރުބެން ޑިއާޒް ފައިގައި ޖެހިފައި ބައިކޮޅަށް ވަތްގޯލެކެވެ. އަދި މެޗުގައި ޖަރުމަނުން ޖެހި 2 ވަނަ ގޯލަކީވެސް ޕޯޗްގަލްގެ ރަފައެލް ގުރޭރޯ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. މިއީ ޖަރުމަނުގެ ހަވަޓްޒް ނެގި ހުރަސް ޕޯޗްގަލްގެ ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރި އެޓީމުގެ ޖޯޝުއާ ކިމިޗަށް ލިބުނަ ނުދީ ސާފުކޮށްލަށް އުޅުމުގެ ތެރޭގައ ޕޯޗުގަލުގެ ގުރޭރޯ އަތުން ބައިކޮޅަށް ވަތްގޯލެކެވެ.
ރޭގެ މެޗުގެ ދެވަނަ ހާފުގައި ޖަރުމަންގެ ހަމަލާތައް ފެނުނީ ފުރަތަމަ ހާފަށް ވުރެވެސް މާ ނުރައްކާ ކޮށެވެ. ދެ ވަނަ ހާފުގެ ކުރީ ކޮޅު ޖަރުމަނުން ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ފުޅާ ކުރި އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު 51 ވަނަ މިނެޓްގައި ހަވަޓްޒް ކާމިޔާބު ކުރީ ގޯސެން ދިން ބޯޅައިންނެވެ. ހަތަރު ވަނަ ލަނޑު 60 ވަނަ މިނެޓްގައި ގޯސެންސް ކާމިޔާބު ކުރީ ކިމިޗް ހުރަސްކޮށްދިން ބޯޅައިން ބޮލުން ޖަހައެވެ.
މެޗުގައި ޕޯޗުގަލް ޓީމުން ޖެހި ދެ ވަނަ ލަނޑު ޖޯޓާ ކާމިޔާބު ކުރީ ގޯލް ލައިން މަތީގައި ހުރެފައި ރޮނާލްޑޯ ދިން ބޯޅަ ގޯލްގެ ތެރެއަށް ވައްދަލައިގެންނެވެ.
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މަރުގެ ގްރޫޕްގެ ގޮތުގައި މަޝްހޫރުވެފައި އޮތް މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ފްރާންސް އެވެ. އެއީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ މިރޭގެ މޮޅާ އެކު ދެ މެޗުން ތިން ޕޮއިންޓް ހަމަކުރި ޖަރުމަނެވެ. ތިން ވަނާއިގައި ދެ މެޗުން ތިން ޕޮއިންޓާ އެކު ޕޯޗުގަލް އޮތްއިރު، އެންމެ ފުލުގައި އޮތް ހަންގޭރީ އަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
މި ގްރޫޕްގެ ހަތަރު ޓީމަށް ވެސް ދެ ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. ފަހު މެޗުގައި ޕޯޗުގަލް ނުކުންނާނީ 2016 ވަނަ އަހަރުގެ ފައިނަލުގައި އެ ޓީމުން ބަލިކުރި ފްރާންސާ ދެކޮޅަށެވެ. އަދި ޖަރުމަނު ބައްދަލުކުރާނީ މިރޭ ފްރާންސް ހިފެހެއްޓި ހަންގޭރި ޓީމާއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close