ޚަބަރު

އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 16 އަށް އިތުރުކޮށްފި

އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

މި މަގާމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ މިމަހު 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށެވެ. މަގާމަށް ކުރިމަތިލުމުގެ ފޯމު އެ އޮފީހުގެ ވެބްސައިޓުން ލިބޭނެ އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު މިދިޔަ މަހު 12 ގައި އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވީ ރައްޔިތުން މަޖިލީހުން އާންމު ކުރި އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައިވާތީ، އެފަދަ ތުހުމަތެއް ކުރެވޭއިރު މަގާމުގައި ހުރެއްޖެ ނަމަ އޮޑިޓާ ޖެނެރަލްގެ މަގާމަށާއި އެ އޮފީހުގެ ކަރާމާތަށް އުނިކަމެއް އަންނާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެ އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 25ގަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close