ޚަބަރު

ކޮންމެ އިންސާނަކީ ވެސް އެހެންމީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއް – ޚުޠުބާ

ކޮންމެ އިންސާނަކީ ވެސް އެހެންމީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ ބައެއްކަމާއި އެހެންކަމުން މުސީބާތާއި ތަކުލީފުގެ ވަގުތުތަކުގައި، އެ މީހަކަށް އެހީތެރިވެ ހިތާމަތަކުގައި ބައިވެރިވާން ޖެހޭނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެގޮތުން މާތް ﷲ އިންސާނުން އުފައްދަވާފައި ވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ގޮތުގައި ކަމަށާއި އެކަލާނގެ ހުރިހާ އަޅުތަކުން އުފައްދަވާފައި ވަނީ އެކަކު އަނެކަކުގެ އެހީތެރިކަމާއި މަދަދަށް ބޭނުންވާފަދަ ގޮތަކަށްކަން ވެސް ޚުތުބާގައި ހަނދުމަ ކޮށްދެއްވާފައިވެއެވެ.

އަދި އެފަދަ ވަގުތުތަކުގައި އެ މީހުންނަށް އެހީތެރިވެ އަޅައިލުމަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ވާޖިބުކަމެއް ކަމުގައި ޚުތުބާގައި ވިދާޅުވެފައިވެއެވެ. އެއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް ކަމަށާއި މުއުމިނުންގެ ސިފައެއް ކަމުގައި  ވެސް ޚުތުބާގައި ބަޔާން ކުރައްވާފައިވެއެވެ.

ކީރިތި ޤުރްއާންގައި މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

“އަދި އެބައިމީހުންގެ ކުރީގައި މަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމްވެ ތިބި ޢަންޞާރުން، އެބައިމީހުންގެ ގާތަށް ހިޖުރަކުރި މުހާޖިރުން، ދެކެ ލޯބިވެއެވެ. އަދި އެބައިމީހުންނަށް (އެބަހީ މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތިކަމެއް) އެމީހުންގެ (އެބަހީ ޢަންޞާރުންގެ) ހިތްތަކުގައި ނުވެއެވެ. އަދި އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެބައިމީހުންނަށް އިސްކަން ދެއެވެ. އަތްމަތި ދަތި ހާލުގައި ވީނަމަވެސް މެއެވެ. އަމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން ސަލާމަތްވެއްޖެ މީހެއް ދަންނާށެވެ! ފަހެ، އެމީހުންނީ ކާމިޔާބު ލިބިގެންވި މީހުންނެވެ.”

މިއަދު އަޅުގަނޑުމެންނަށް މެދުވެރިވެފައި މިވާ ކޮވިޑް-19 ގެ ހާލަތުން އަރައިގަނެވެން އޮތީ، މާތް ނަބިއްޔާ (ޞޢވ) ގެ މިތުރު އަސްޙާބުން ފަދައިން އެކަކު އަނެކަކަށް އަޅާލައި، އެހީތެރިވެ، ވާގިވެރި ވެގެން ކަމުގައި ޚުތުބާގައި ވިދާޅުވެފައިވެއެވެ.

“އެގޮތުން ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިޚްތިރާމްކޮށް، އެކަމުގައި އެފަރާތްތަކަށް އެހީތެރިވާށެވެ! އަތްދޮވުމާއި ގައިދުރުކަން ބެހެއްޓުމާއި، ތަންތަނަށް އެއްވެ ނޫޅުމާއި، މާސްކު އެޅުން ފަދަ ކަންކަމުގައި އެކަކު އަނެކަކަށް ވާގިވެރިވާށެވެ! މިނުރައްކާތެރި ވަބާ އިން ސަލާމަތް ކޮށްދެއްވުން އެދި، ﷲ ގެ ހަޟްރަތުުގައި ކުރެވޭ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން ޝާމިލުކޮށް، އެބައިމީހުންނަށް އަޅައިލާށެވެ!” ޚުތުބާގައި ހަނދުމަ ކޮށްދެއްވާފައިވެއެވެ.

ޚުތުބާގައި އިތުރަށް ހަނދުމަކޮށްދެއްވާފައި ވަނީ އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމައުތަކުގައި ވެސް އެހެން މީހުންގެ އެހީތެރިކަމާއި، އަޅާލުން ބޭނުންވާ ބަޔަކު ދިރިއުޅެމުންދާ ކަމަށެވެ. އެފަދަ މީހުންނަށް އަޅުގަނޑުމެން އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި، ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލައިލަން ޖެހެއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅެމުންދާ ފަޤީރުންނާއި، ޔަތީމުންނާއި، އަޅާލާނެ ބަޔަކު ނެތް މީހުންނަށް އޯގާތެރިކޮށް ހިތަން ޖެހޭނެ ކަމަށް ވެސް ޚުތުބާގައި ވިދާޅުވެފައިވެއެވެ.

މިއަދުގެ ޚުތުބާގައި އިތުރަށް ހަނދުމަކޮށްދެއްވާ ވަނީ މުސްލިމުން އެކަކު އަނެކަކާ އެކުވެރިކަން ދެމެހެއްޓުމާ ބެހޭގޮތުންނެވެ.

އެގޮތުން އިސްލާމީ މުޖުތަމަޢުތަކުގެ އަފްރާދުން ވާން ޖެހޭނީ، އެއް ހަށިގަނޑެއް ފަދައިން އެކުވެރި ބައެއްގެ ގޮތުގައި ކަމަށް ޙުތުބާގައި ވިދާޅުވެފައިވެއެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަށާއި ހެޔޮކޮށް ހިތުމަށް ވެސް ގޮވާލައިފައިވެއެވެ. އެކަމަކީ އިސްލާމިއްޔަތު ކަމުގެ އިތުރުން މުސްލިމުންގެ އީމާންތެރިކަމާ ވެސް ގުޅިފައިވާ ކަމެއްކަން ޚުތުބާގައި ހަނދުމަ ކޮށްދެއްވާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close