ޚަބަރު އަނިޔާއެއް ދިނުމުގެ ދައުވާ އީސަގެ މައްޗަށް އުފުލައިފި

އަނިޔާއެއް ދިނުމުގެ ދައުވާ އީސަގެ މައްޗަށް އުފުލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރީގެ އަނބިކަނބަލުންނަށް އަނިޔާ ކުރި ކަމުގެތުހުމަތުގައި. ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފި އެވެ.

އީސަގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ދައުވާ އެވެ.

އީސައާ ގުޅޭ ގޮތުން ތަހުގީގު ކުރީ އަސްރާ ނަސީމްގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށާއި ތަކުރާރުކޮށް ގެވެށި އަނިޔާ އީސާގެ ފަރާތުން ލިބޭ ކަމަށް އަސްރާ ތުހުމަތުކުރި މައްސަލަ އެވެ.

ފަހުން އަސްރާ ވަނީ ދަރިފުޅުގެ ހައްގުގައި ކަމަށް ވިދާޅުވެ، އެ މައްސަލަ ކުރިއަށް ނުގެންދަން އެދިވަޑައިގެންފަ އެވެ. ނަމަވެސް، ފުލުހުން ބުނެފައިވަނީ ވަކި މީހަކު އެދިގެން ޖިނާއީ މައްސަލައެއްގެ ތަހުގީގު ހުއްޓައި ނުލާނެ ކަމަށެވެ.

އެގޮތުގެ މަތިން ތަހުގީގު ނިންމައި ފުލުހުން، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ ދެ ދުވަސް ތެރޭގައި މައްސަލަ ދިރާސާކޮށް ދައުވާ އުފުލާފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިހާރު ވަނީ އެ ދައުވާ ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ.

އީސަގެ މައްޗަށް އުފުލި ދައުވާގެ ކުށަކީ ޖުނަހްގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. ކުށުގެ އަދަބަކީ، ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ. ޖޫރިމަނާގެ އަދަބު ކަނޑައަޅާނަަމަ، އަދަބަކީ 24،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

މި މައްސަލަ އީސަގެ މައްޗަށް ސާބިތުވި ނަމަވެސް، ގޮނޑިއެއް ނުގެއްލޭނެ އެވެ. ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެމީހެއްގެ މައްޗަށް 12 މަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ އެވެ. ،

ޓެގް

ޕްރޮސެކިއުޓަރޖެނެރަލްއޮފީސް ގެވެށިއަނިޔާ މެމްބަރ އަޙްމަދު ޢީސާ ޕީޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.