ލަންދޫގައި ނިޔާވާ ކޮންމެ މީހަކަށް ކަށުކަމާކެމީގެ ހުރިހާކަމެއް ހިލޭ ކޮށްދެނީ
ނ.ލަންދޫގައި ނިޔާވާ ކޮންމެ މީހެއްގެވެސް ކަށުކަމާކެމީގެ ހުރިހާކަމެއް ހިލޭސާބަހަށް އެރަށު ކައުންސިލްގެ ފަރާތުން ކޮށްދޭގޮތަށް ފާސްކޮށްފިއެވެ.
ލަންދޫ ކައުންސިލްގެ ނައިބްރައީސް އަލްފާޟިލް މަންސޫރު މުޙައްމަދު ނާރެސް މީޑިއާއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މިހިނގާ ޖޫން މަހުގެ 1 ދުވަހުން ފެށިގެން ލަންދޫގައި ނިޔާވާ ކޮންމެ ރައްޔިތަކަށް ކަށުކަމާކެމީގެ ހުރިހާ ކަމެއް ލަންދޫ ކައުންސިލްގެ ފަރާތުން ފޯރުކޮއްދޭގޮތަށް ކައުންސިލްގެ 5 މެންބަރުންގެ ސާފު މެޖޯރިޓީން ނިންމާފައިވާކަމަށެވެ.
މަންސޫރު އިތުރަށް ވިދާޅުވީ ކަށުކަމާކެމީގެ ހުރިހާ ޚަރަދެއް ކައުންސިލުން ދޭގޮތަށް ނިންމާފައިވިޔަސް ކައުންސިލްގެ މިއަހަރުގެ ބަޖެޓުން އެޚަރަދު ކުރަން އަދި ނުނިންމާކަމަށެވެ.
“އަޅުގަނޑުމެން މިބަލަނީ ކައުންސިލްގެ ބަޖެޓްގެ ތެރެއިން ކޮންމެވެސް އައިޓަމަކަށް ފައްތައިގެން އެކަންކުރެވޭތޯ. މިއަހަރަށް މިވަނީ މިހާރު ކައުންސިލްގެ ބަޖެޓް ފާސްކޮށްފައި. އެހެންވީމާ މިހިނގާ 2021 ވަނައަހަރުގެ ކައުންސިލްގެ ބަޖެޓްގެ ތެރެއިން ފަހަރެއްގައި އެ ޚަރަދު ނުކުރެވިދާނެ. އެހެންނަމަވެސް އަޅުގަނޑުމެން ކައުންސިލަރުންގެ އަމިއްލަ ޖީބުން ވިޔަސް ރައްޔިތުންނަށް އެ ޚިދުމަތް ދޭގޮތަށް މިތިބީ.” ކައުންސިލްގެ ނައިބްރައީސް މަންސޫރު ވިދާޅުވިއެވެ.
މަންސޫރު ވިދާޅުވީ ކައުންސިލްގެ މި 5 އަހަރުގެ ދައުރު ނިމެންދެން ކަށުކަމާކެމީގެ ހުރިހާކަމެއް ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭނެކަމަށެވެ.
ލަންދޫ ކައުންސިލްގެ ފުލްމެޖޯރިޓީ އޮތީ ވެރިކަންކުރާ އެމްޑީޕީ އަށެވެ. އޭގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ މެމްބަރުންނަކީވެސް އެމްޑީޕީ ބޭފުޅުންނެވެ. އެހެންކަމާއެކު ސަރުކާރާއި ގުޅިގެން ރަށުގެ ތަރައްޤީއަށް ކުރެވޭ އެންމެހައި ކަންކަން މިދިޔަ ކައުންސިލަށްވުރެވެސް މާބާރަށް ހަލުވިކަމާއެކު ކުރިއަށްދާނެކަމަށް ލަންދޫގެ ގިނަރައްޔިތުން ދެކެއެވެ.
ލަންދޫގައި މިހާރުވެސް ފަޅުބޮޑު ކުރުމުގެ ބޮޑު މަޝްރޫޢު އަކާއި، ރަށުގެ ވަށާހިނގާ ބޮޑު މަގެއް ހެދުމާއި، ކުޑަކުދިންގެ ޒަމާނީ ޕާކެއް ހެދުމުގެ މަސައްކަތާއި، އަދި ޒަމާނީ ފެންވަރުގެ ރީތީ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުންދަނީ ހުއްޓުމެއްނެތި ކުރިއަށް ގެންދަވަމުންނެވެ.
