ކޮންމެ ގޮތަކަށް ޤާނޫނު ފާސްކުރިނަމަވެސް ލާދީނީ މީހަކު ދީނީމީހަކަށް ނުވާނެ – ޑރ.އިޔާޒް
ކޮންމެ ގޮތަކަށް ޤާނޫނު ފާސްކުރިނަމަވެސް ލާދީނީ މީހަކު ދީނީމީހަކަށް ނުވާނެ ކަމަށް ޑރ.އިޔާޒް ވިދާޅުވެއްޖެއެވެ.
މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ.މުޙައްމަދު އިޔާޒް ޢަބުދުއްލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ގޮތަކަށް ޤާނޫނު ފާސްކުރިނަމަވެސް ލާދީނީ މީހަކު ދީނީމީހަކަށް ނުވާނެ ކަމަށާއި، އަދި އެފަދަމީހުންގެ ނުރައްކާތެރިކަން ހާމަކޮށް ފާޅުކުރަން ވެސް ޖެހޭނެކަމަށެވެ.
ޑރ.އިޔާޒްގެ މިފަދަ މޭރުމަކުން ޓްވީޓް ކުރެއްވިއިރު މިއީ ވަކިކޮންކަމަކާ ގުޅިގެން ކުރެއްވިޓްވީޓެއްކަމެއް ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް ޑރ.އިޔާޒް އެޓްވީޓް ކުރެއްވިއިރު ރާއްޖޭގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކޮށްފި ނަމަ އެއީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިކަމުގެ ޚަބަރުތައް މިވަނީ މީޑިއާގައި ތިލަވެފައެވެ.
ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާއި ދެކޮޅު މީހަކު ކަމަށް ތުހުމަތުކޮށް ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާއި މެދު ނަފްރަތު އުފެއްދުމަކީ ނުވަތަ އާއްމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.
މީގެއިތުރުން އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރާ މީހާ ވެސް އެ ކުރަނީ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. ހަމައެއާއެކު މީހަކާއި ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރު ދިނުން އަދި ބައިވެރިވުން ނުވަތަ މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުމަކީ ވެސް ކުށެއް ކަމަށް އިސްލާހުގައިވެއެވެ.
މި އިސްލާހުގައި ބުނެފައިވާ ގޮތުގައި އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބަކީ ޖަލު ހުކުމެވެ.



hypocrisy in the name of scholars Adalath party is for worldly meterial gains