މި އަހަރުގެ ހަރަދުތައް ކުޑަކޮށް އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރާނަން – ފިނޭންސް މިނިސްޓަރ
ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަރަށްބޮޑު ހީނަރުކަމެއް އައިސްފައިވާތީ، މި އަހަރުގެ ހަރަދުތައް ކުޑަކޮށް 700 މިލިއަން ރުފިޔާ އާއި އެއް ބިލިއަން ރުފިޔާ ދެމެދުގެ އަދަދެއް ސަލާމަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ހަރަދު ކުޑަ ކުރަން އަޅާފައިވާ ފިޔަވަޅުތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
“ހަރަދު ކުޑަ ކުރުމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19 އިގެ ސަބަބުން ސިއްހީ ކަންކަމަށް އިތުރު ހޭދަ ކުރަން ޖެހުމާއި އިތުރު ހަރަދު ކުރަން ޖެހުމުން އެކަމަށް ޖާގަ ހޯދައި ކޭޝް ފްލޯ ބެލެހެއްޓުން. އެކަން މި އަހަރު ވެސް ކުރިއަށް ގެންދާނެ،” އަމީރު ވިދާޅުވި އެވެ.
މި އަހަރު ހަރަދު ކުރަން މަޖިލީހުން ފާސް ކޮށްދީފައި ވަނީ 33.4 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު އާމްދަނީއަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 21.1 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިޓަރ އަމީރު ވިދާޅުވި ގޮތުގައި މި އަހަރުގެ ބަޖެޓް ތައްޔާރު ކޮށްފައި ވާނީ އިގްތިސޯދު ކުރިން އޮތް ހާލަތަށް ވީހާ އަވަހަށް ބައުންސް ބެކް ކުރެވޭނެ ގޮތަށް ރާވައިގެނެވެ.
އަދި ޓޫރިޒަމް ރަނގަޅުވަމުން ދާތީ ކުރީ އޮތް ހާލަތަށް އަންނަ އަހަރު އިގްތިސޯދު ދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

