ޚަބަރު

ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ސަރުކާރުގެ ވިސްނުންހުރިގޮތުން ޢާއިލާއިން ހިތްހަމަނުޖެހޭ

ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ސަރުކާރުގެ ވިސްނުންހުރިގޮތުން ޢާއިލާއިން ހިތްހަމަނުޖެހޭކަން އެނގިއްޖެއެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމުގެ ކުރިން ވެސް އެމަނިކުފާނު ކެނެރީގޭގައި ދިރިއުޅުއްވާނަމަ ސަލާމަތީ ކަންކަން ބަލަހައްޓަން ދަތިކަން އެމްއެންޑީއެފް އިން އެމަނިކުފާނަށް އެންގެވި ކަމަށް “މިހާރު” ނޫހުގައި ރިޕޯޓް ކުރުމުން އާއިލާ މެންބަރުން ގެންދަވަނީ އެކަމާ ވަރަށްބޮޑަށް ހިތްޕުޅާނުވެ ތަފާތު ޝުޢޫރުތައް ފާޅުކުރައްވަމުންނެވެ. .

އެގޮތުން ނަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެ ޑރ.އިބްރާހިމް ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުން ނަޝީދުގެ ސެކިއުރިޓީ މިހާތަނަށް އެންމެ ރަނގަޅަށް ހަމަޖައްސާފައި އޮތީ ޖަލުގައި ކަމަށެވެ. “ނަޝީދުގެ ސެކިއުރިޓީ ދައުލަތަށް އެންމެ ރަނގަޅަށް މިހާތަނަށް ހަމަޖެއްސިފައި އޮތީ ގާމާދޫ އާއި މާފުށީގައި. އެމްއެންޑީއެފްގެ ހައްލަކީ ދެންވެސް އެގޮތްތޯ؟” ނާޝިދު ސުވާލު ކުރެއްވިއެވެ.

ކެނެރީގެ ހުރި ގޮތުންނާއި، ކެނެރީގެ ހުރި ތަނުގެ ސަބަބުން ނަޝީދުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ދަތިކަން އެމަނިކުފާނަށް އެމްއެންޑީއެފް އިން އެންގި ކަމަށް ބުނެ ޝާއިއު ކޮށްފައިވާ ރިޕޯޓާއި ގުޅިގެން ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “އެންމެ ފަހުން ކުއްވެރިމިވީ ކެނެރީގެ” ކަމަށެވެ.

ނަޝީދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމްއެންޑީއެފް އިން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި އެމަނިކުފާނަށް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ލިބުމުން ވެސް އެކަށީގެންވާ ވަރަށް ސަލާމަތީ ކަންކަން ވަރުގަދަ ނުކުރާކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

އަދި އެމަނިކުފާނު ބޭސްފަރުވާއަށްފަހު ޖަރުމަނުވިލާތުން އެނބުރި ރާއްޖެ ވަޑައިގަތުމުންވެސް ސެކިއުރިޓީ ކަށަވަރު ނުވާކަމަށާއި، ހަމަލާއެއްގެ ބިރުވެރިކަން އޮތްކަމަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރާ ތަފާތު ފަރާތްތަކުން ގެންދަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް އެމްއެންޑީއެފް އިން ވިދާޅުވާ ގޮތުގައި ނަޝީދަށް އައީ އެންމެ މަތީ ސެކިއުރިޓީ ފޯރުކޮށްދެމުންނެވެ. އަދި ކުރިއަށް އޮތްތާންގައިވެސް އެމަނިކުފާނުގެ ސެކިއުރިޓީގެ ކަންތައްތައް ކުރިއަށް ގެންދާނީ އެންމެހައި ލެވެލްގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close