ލިސްޓެއްގައި ނަންއޮތުމަކީ ކުށްވެރިވުމެއްނޫން އަދި އެކަމުގައި ބައިވެރި ވުމެއްވެސް – މަހްލޫފް
ލިސްޓެއްގައި ނަންއޮތުމަކީ ކުށްވެރިވުމެއްނޫން އަދި އެކަމުގައި ބައިވެރި ވުމެއްވެސް ނޫން ކަމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ހިޔާނާތުގެ ލިސްޓުގައި މަހްލޫފްގެ ނަން އޮތުމާއި ގުޅޭ ގޮތުން ފޭސްބުކްގައި މިއަދު ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިޔާނާތުގެ ލިސްޓަކީ ސީޔާސީ ބަޔަކު އެކުލަވާލި، އަދި އެ މައްސަލައާ ސީދާ ގުޅުންނެތް އެތައް ބައެއްގެ ވެސް ހައްގުތައް ގެއްލިގެން ދިޔަ ލިސްޓެއް ކަމަށެވެ.
އަދި އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްފި ނަމަ، މަގާމުގައި އެންމެ ދުވަހަކުވެސް ނުހުންނަވާނެ ކަމަށްވެސް އެޕޯސްޓްގައި އޭނާ ލިޔުއްވާފައިވެއެވެ.
އަޅުގަނޑުގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފް ގެ ޗެކުގެ މައްސަލައިގަ 2019 ވަނަ އަހަރު ރައީސް ސޯލިހް ވަނީ އަޅުގަނޑު ސަސްޕެންޑް ކޮށް އަދި ތަހުގީގީ އިދާރާތަކުން މައްސަލައެއް ނެތްކަމަށް އޭރު ނިންމުމުން މަގާމުގެ މަސްއޫލިއްޔަތު އަލުން ހަވާލުކޮށްފަ. މަހުލޫފް ލިއުއްވި ޕޯސްޓައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރ މަހުލޫފް މިފަދަ މޭރުމަކުން ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެކުރިން ހާމަކުރި ހިޔާނާތުގެ ލިސްޓްގައި މަހްލޫފްގެ ނަން އޮތުމުން ގޭގައި މަޑުކުރެއްވުމަށް އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިއެވެ.
އޭރު އޭސީސީން އެކަނި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، ރައީސް އޮފީހަށް މަހްލޫފްގެ މައްސަލައެއް ނެތް ކަން އެންގުމުން މަހްލޫފް އަލުން ވަޒީފާއަށް ނުކުމެވަޑައިގަތީއެވެ.
މަހްލޫފް އޭރުވެސް މިހާރުވެސް ވިދާޅުވަނީ އެއްވެސް އިރެއްގައި ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި އެއީ އޭނާ ޑޮލަރު ގަނެގެން ލިބުނު ފައިސާ ކަމުގައި ވިދާޅުވެއެވެ.



