ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އެބަދެއެވެ.
އެގޮތުން ކުޅުދުއްފުށިން ގެއެއްގެ ފުރާޅު އެއްލާލާ، ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ހުރި 3 ބުރި އިމާރާތުގެ ފުރާޅުން ބައެއް ނެއްޓިގެން ވަނީ ރިޕޯރޓްކޮށްފައެވެ.
ކުޅުދުށްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ އަދި ކައުންސިލްއާއި އެމްއެންޑީއެފް ގުޅިގެން ގެއްލުންވި ތަންތަނަށް އެހީވުމުގެ މަސައްކަތް އެ ކައުންސިލާއި އެމްއެންޑީއެފްގެ ޓީމު ގުޅިގެން ކުރަމުން އަންނަކަމަށެވެ.
މި ވިއްސާރައިގައި ހދ. ވައިކަރަދޫއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވާފިރު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި 1000 އަށްވުރެ ގިނަ ގަސް ވެއްޓިފައިވާ ކަމަށެވެ. ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ވައިކަރަދޫއަށް ދިމާވި މިކާރިސާއާއި ގުޅިގެން ދަނޑުވެރިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަންވެސް ވާފިރު ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން ބައެއް ގޭގޭގެ ފުރާޅު އެއްލާލާފައިވާކަމަށްވެސް ވާފިރު ވިދާޅުވިއެވެ.
ވައިކަރަދޫގެ އިތުރުން ހދ ނެއްލައިދޫއަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެރަށުގެވެސް ބައެއް ގޭގެއާއި އޮޑި ހަރުގެތަކުގެ ފުރާޅު އެއްލާލުމުގެ އިތުރުން ވަރަށް ގިނަ ގަސްވެއްޓިފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. ރަށްރަށަށް ލިބުނު ގެއްލުމުގެ ތަފްސީލް ބަލަމުންދާކަމަށް ކައުންސިލްތަކުން ވިދާޅުވެއެވެ.
މެޓް އޮފީހުން އެންމެފަހުން ނެރުނު އެލާޓަށް ބަލާއިރު ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެ އިދާރާއިން މި ސަރަހައްދަށް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން ހަވީރު 15:30ގެ ނިޔަލަށެވެ. މިވަގުތުތަކުގައި މި ސަރަހައްދަށް ބޯކޮށް ވާރެވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާލުރެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިދިޔަ 24 ގަޑިއިރުގެތެރޭގައި އެންމެ ވައިގަދަވިކަމަށް ރެކޯޑްކުރެވިފައިވަނީ ހދ ކުޅުދުށްފުއްޓަށެވެ. އެރަށް އާއްމުގޮތެއްގައި ވައިގެ ބާރުމިން 28 މޭލުގައި ހުރި އިރު ކޮޅިގަނޑުގައި ވައިގެ ބާރުމިން ހުރީ 62 މޭލުގައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ލ. ކައްދޫއަށެވެ. އެރަށަށް 59.0 މިލިމީޓަރުގެ ވާރޭވަނީ ވެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...