ޚަބަރު

މިފަދަ ޙަމަލާތައް ދީ ދިވެހިރައްޔިތުން ބިރެއް ނުގެންނެވޭނެ، ޙަމަލާދިނީ ފިނޑި ބައެއް – މިނިސްޓަރ މާރިޔާ

ފިލައިތިބެ ޓެރަރިސްޓު ޙަމަލާތައް ދީ ދިވެހިރައްޔިތުން ބިރެއް ނުގެންނެވޭނެކަމަށާ، ރައީސް މުޙައްމަދު ނަޝީދަށް ޙަމަލާދިނީ ފިނޑި ބައެއްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިރޭ ސިފައިން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން ފަށްޓަވައިދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ މިޙަމަލާގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ މީހެއްނަމަ، އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

މާރިޔާ ވިދާޅުވީ މިފަދަ ޙަމަލާތައް ދީ ދިވެހިރައްޔިތުން ބިރެއް ނުގެންނެވޭނެކަމަށާ، ޙަމަލާދިނީ ފިނޑި ބައެއްކަމަށެވެ. ހަމަލާދިންމީހުން ހިފައި ހައްޔަރު ކުރުމުގައި ކުރަންޖެހުނު ކޮންމެކަމެއް ސިފއިން ކުރާނެކަމަށާ، ސިފައިން އަނިޔާވެރިންނާ އަރާ ހަމަކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއިން އެނގެނީ ރާއްޖޭގެ އެއްވެސް މީހަކަށް އަޅާނުލައި ތިބެވެން ނެތްކަން ކަމުގައި މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އެމަނިކުފާނަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސްކަމަށާ، އެމަނިކުފާނަށް މިވަރުގެ ޙަމަލާއެއް އަމާޒުވުމަކީ މުޅި ޤައުމާއި ރައްޔިތުންނަށް އޮތް ނުރައްކަލެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނުރައްކާތެރި ހަމަލާދިން މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސިފައިންނާއި ފުލުހުންނާއި މުޅި ރައްޔިތުން ތެދުވަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިޙަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް މިއީ އެއްވެސް ޙާލެއްގައި ހިނގައިގެންވާނެ ކަމެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ރައްޔިތުންގެ ވިސްނުމާއި ޤަބޫލުކުރުމާއި، ސަޤާފަތާއި އިހްސާސްތަކާވެސް ދިމާ އިދިކޮޅުކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިޙަމަލާގެ ޙާލަތުގައި ސިފައިން ކުރި މަސައްކަތަށް ތައުރީފުކުރެއްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ މިޙާލަތުގައި ސިފައިން ދައްކުވައިދިނީ ޕްރޮފެޝަނަލްކަމާއި ސާބިތުކަންކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close