ޚަބަރު

ކުރީގެ އަހަރުތަކާ އަޅައިބަލާއިރު މިހާތަނަށް ޒަކާތްދެއްކި މީހުން މަދު – ޑރ.ޒާހިރު

ކުރީގެ އަހަރުތަކާ އަޅައިބަލާއިރު މިހާތަނަށް މިއަހަރު ފިތުރު ޒަކާތްދެއްކި މީހުންގެ އަދަދު މަދު ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ އަހަރުތަކާ އަޅައިބަލާއިރު ފިތުރު ޒަކާތް ދެއްކި މީހުން މިހާތަނަށް މަދުކަމަށާއި، ފަހުވަގުތާ ޖެހެންދެން މަޑުނުކުރައްވާ އަވަހަށް ފިތުރު ޒަކާތްދެއްކުމަށް ސަމާލުކަން ދިނުން މުހިންމުކަމަށެވެ.

ފައިސާއާއި، ގޮވާމުންވެސް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމް ވާނީ ހަމަޖެހިފައި ކަމަށްވެސް ޑރ. ޒާހިރު ކުރެއްވި ޓްވީޓްބައި ވިދާޅުވެފައިވެއެވެ.

ކޮވިޑްގެ މިހާލަތުގައި މިއަހަރު ޒަކާތް ދެއްކުމުގައި އޮންލައިން އުޞޫލުތައް ބޭނުންކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން ދިރާގާއި، އުރީދޫ ، ބީއެމްއެލްގެ އެޕްތައް މެދުވެރިކޮށާއި، އަދި ތަފާތު އަމިއްލަ އެޕްލިކޭޝަންތައްވެސް ބޭނުންކޮށްގެން ޒަކާތް ދެއްކޭނެ އިންތިޒާމް މިފަހަރު ވަނީ އިސްލާމިކް މިނިސްޓްރީން އިން ފަހިކޮށްދީފައެވެ.

ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެއީ ތަނަވަސްކަމާއި މުއްސަދިކަމުގެ އަހުލުވެރީންގެ ކިބައިން ފަޤީރުންނަށާއި، ނިކަމެތީންނަށް މާތް އިސްލާމްދީން ލިބިދޭ ޙައްޤެކެވެ. އަދި ޚާއްޞަކޮށް ފިތުރު ޒަކާތަކީ ރަމަޟާން މަހުރޯދަހިފުމާއި ގުޅިގެން އަންނަ ޒަކާތެކެވެ. މިޒަކާތް ޢީދުނަމާދުގެ ކުރިން ނެރޭންޖެހޭނެއެވެ. އީދު ނަމާދަށްފަހު ފިތުރު ޒަކާތް ނެރުމަކުން އެއީ ފިތުރު ޒަކާތް އަދާކުރުން ކަމުގައެއް ނުވާނެއެވެ. އޭރުން އެއީ ކުރެވޭ ސޮދަގާތެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close