އިންސާނީ ވަގުފާރިއަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ބޮޑު ގޮންޖެހުމެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސިފައިންގެ ފަރާތުން ނެރޭ ހަފްތާމަޖައްލާ އައްޑަނައަށް ” މަސައްކަތްތެރިންނާއި ނޫސްވެރިން އަދި ސިފައިން” މިސުރުޚީގެ ދަށުން ލިޔުއްވި ލިޔުއްވުމެއްގައެވެ.
“މިއަދު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތެރިންގެ ޙައްޤުތައް ދަނީ، އެކި ސިފަސިފައިގައި، ނިގުޅައިގަނެވެމުންނެވެ. މިގޮތުން، ހިއުމަން ޓްރެފިކިންގ ނުވަތަ އިންސާނީ ވަގުފާރިއަކީ އެކަމަށް ހުޅުވިފައިވާ އެއް ދޮރެވެ. އިންސާނީ ވަގުފާރިއަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ބޮޑު ގޮންޖެހުމެކެވެ. އިންސާނީ ވަގުފާރިއާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ވިލަރެސްކުރުމުގެ ޒިންމާ ޙަވާލުކުރައްވާފައިވާ ވަޒީރުގެ ޙައިސިއްޔަތުން، އަޅުގަނޑުގެ އުންމީދަކީ، އެމްއެންޑީއެފްގެ ހަރުދަނާ ލީޑަރޝިޕުގެ އިރުޝާދުގެ ދަށުން، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ސިފައިން، މިގޮންޖެހުމާ ކުރިމަތިލުމުގައި މިހާރެކޭ އެއްފަދައިން، ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުން ގެންދިޔުމެވެ.” މިނިސްޓަރ މާރިޔާގެ ލިޔުއްވުމުގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރުގެ މިހަފްތާގެ އެ ލިޔުއްވުމުގައި އިތުރަށް ވިދާޅުވެފައިވަނީ މިދިޔަ ހޮނިހިރުދުވަހަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރި މަސައްކަތްތެރިންގެ ދުވަސް ކަމަށާއި، މަސައްކަތްތެރިންގެ ދުވަހަކީ، ދުނިޔޭގެ މުޖްތަމަޢުތައް ބިނާކުރުމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާ މުރާލި މަސައްކަތްތެރިންގެ އަގުވަޒަންކޮށް، އެމީހުންގެ ޙައްޤުތައް ރައްކާތެރިކޮށް، ކަށަވަރުކޮށްދޭން ބާރުއަޅާ ދުވަހެއް ކަމަށެވެ.
ހަމަ އެހެންމެ، އިއްޔެ ފާހަގަކުރި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ އެންމެހާ ނޫސްވެރިންނަށް އަރިސްކުރަށްވާ ކަމަށާއި، މިފުރުޞަތުގައި، އެމްއެންޑީއެފްގެ މީޑިޔާ އެންޑް ޕަބްލިޝިންގ ސަރވިސް (އެމްޕީއެސް)ގެ ކުޑަ އެހެނަސް ވަރަށް ހީވާގި ޓީމުން، ކޮންމެ ހަފްތާއަކު، އައްޑަނަ މަޖައްލާ ނެރުމަށް ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އެކަމަށްޓަކައި އެމްޕީއެސްގެ ހުރިހާ ބޭފުޅުންނަށް އެކަމަނާ ޚާއްޞަ ޝުކުރެއް ވިދާޅުވެފައިވެއެވެ.
މިނިސްޓާރ މާރިޔާ ވިދާޅުވީ މިނިވަން ނޫސްވެރިކަމަކީ ޤައުމުގެ ދިރުން ކަމަށް ވާއިރު، ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި، ސިފައިން އަވަދިނެތި ކުރާ ބުރަ މަސައްކަތާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ރައްޔިތުންނަށް ވީހާވެސް ތާޒާކަމާއެކު ފޯރުކޮށްދޭން އެމްއެންޑީއެފުންވަނީ ދާދިފަހުން އާ ވެބްސައިޓެއް ލޯންޗުކޮށްފައި ކަމަށެވެ. މިއީ، ރައްޔިތުންގެ ފުރިހަމަ އިޙްތިރާމާއި އިތުބާރު ލިބިފައިވާ، ޒަމާނީ، ޤާބިލް އަދި ޕްރޮފެޝަނަލް ބާރަކަށް އެމްއެންޑީއެފް ހެދުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަށާއި، އަދި މިވެބްސައިޓު ރައްޔިތުން ވަރަށް ފުރިހަމައަށް ބަލައިގަނެފައިވާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކާއި ހިތްހަމަޖެހުމެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާގެ މިހަފްތާގެ ލިޔުން ނިންމާލައްވާފައިވަނީ ސިފައިންގެ ހުވަޔާ އެއްގޮތަށް، ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ޙިމާޔަތްކުރުން މަތީ، ސާބިތުކަމާއެކީ ދެމިތިބުމުގެ ހެޔޮ ތައުފީޤު، މާތްﷲ، ދިވެހި ސިފައިންނަށް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...