މެސީގެ މޮޅު ކުޅުމާއިއެކު މޮޅުވެ ޕޮއިންޓްގެ ގޮތުން ރެއާލް އާއި އެއްވަރުކޮށްފި
ސްޕެނިޝް ލީގުގައި ރޭ ލިއޮނަލް މެސީގެ ބާސެލޯނާ އާއި ވެލެންސިޔާ ބައްދަލުކުރި މެޗުގައި މެސީގެ މޮޅުކުޅުމާއިއެކު 3-2 ން މޮޅުވެ ލީގު ތާވަލުގެ ދެވަނާގައި އޮތް ބާސާގެ ވާދަވެރި ރިއަލްމެޑްރިޑާއި ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފިއެވެ.
ރޭގެ މެޗަށް ނިކުތް އިރުވެސް ބާސާއަށް އޮތީ އެމެޗުން މޮޅުވުމަށް މަޖުބޫރުވެފައެވެ. އެއީ ލީގުގެ 1 ވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެ ވަނާގައި އޮތް ރެއާލް މެޑްރިޑްކުޅުނު މެޗުތަކުން މޮޅުވެފައި ވުމުންނެވެ.
ވެލެންސިއާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީވެސް ވެލެންސިއާ އިންނެވެ. މެޗުގެ 50 ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ގަބްރިއެލް ޕައުލިސްޓާއެވެ. ވެލެންސިއާއަށް ރޭގެ މެޗުގައި އެމީހުންގެ ލީޑު ހިފަހައްޓައި ލެވުނީ ހަމ އެންމެ 7 މިނިޓަށެވެ. އެއަށްފަހު ފެނިގެން ދިޔައީ މެސީގެ ގޯލެކެވެ. މި ގޯލަކީ މެސީ ފޮނުވާލި ޕެނަލްޓީ ވެލެންސިއާގެ ކީޕަރު ޔެސްޕާ ސިލިސަން އަތުގައި ޖެހިފައި ރީބައުންސްވެގެން އައި ބޯޅައެއްގައި މެސީ ޖެހި ގޯލެކެވެ. އަދި އޭގެ 6 މިނިޓްފަހުން އެންޓޮއިން ގްރީޒްމަން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. އަދި މެޗުގެ 69 ވަނަ މިނިޓްގައި މެސީ ވަނީ ހިލޭ ޖެހުމަކުން ގޯލެއް ޖަހައި ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ. ވެލެންސިއާއިން ރޭގެ މެޗުގައި ޖެހި 2 ވަނަ ގޯލު މެޗުނިމެން 7 މިނިޓަށްވެފައި ވަނިކޮށް ކާމޔާބުކޮށްދިނީ ސޮލާއެވެ.
ސްޕެނިސް ލީގުގައި އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 34 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލާއި ތިން ވަނައިގައި އޮތް ބާސެލޯނާގެ އޮތީ 34 މެޗުން 74 ޕޮއިންޓެވެ. ރެއާލަށް ކުރި ލިބެނީ ހެޑް ޓު ހެޑް ޤަވާއިދުންނެވެ. ހަތަރެއްގައި އޮތް ސެވިއްޔާ އަށް 33 މެޗުން ވަނީ 70 ޕޮއިންޓް ލިބިފަ އެވެ.
ސްޕެނިސް ލީގުގައި ޓޭބަލުގެ ކުރި ނުވަތަ ލީގު ހޯދުމުގެ ރޭހުގައި ދެން އޮތް އެންމެ މުހިއްމު މެޗަކީ އަންނަ ހޮނިހިރު ދުވަހު އެތުލެޓިކޯ އާއި ބާސެލޯނާ ބައްދަލުކުރާ މެޗެވެ.



