ރިއަލް އާއި އެއްވަރުކޮށް ޗެލްސީން ފުރުޞަތު ބޮޑުކޮށްފި
ރޭކުޅެވުނު ޗެމްޕއަންސްލީގު ސެމީފައިނަލުގެ ފުރަތަމަ ލެގުގައި އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ރިއަލް މެޑްރިޑުގެ ދަނޑުގައި އެޓީމާއި ދެކޮޅަށް ކުޅެ 1-1 ން އެއްވަރުކޮށް ޗެލްސީން ދެވަނަ ލެގުގެ ފުރުޞަތު ބޮޑުކޮށްފިއެވެ.
ރޭގެ މިނަތީޖާ އާއިއެކު އަންނަ ހަފްތާގައި ޗެލްސީ ދަނޑުގައި ކުޅޭ މެޗު ލަނޑެއް ޖެހިޔަނުދީ އެއްވަރުކޮށްލައިގެން ނުވަތަ ކޮންމެ ނަތީޖާއަކުން ޗެލްސީ މޮޅުވިކަމުގައި ވިޔަސް ފައިނަލްގެ ފުރުޞަތު ޗެލްސީއަށް ލިބިގެންދާނެއެވެ. ޗެލްސީގެ ދަނޑުގައި ކުޅޭމެޗުގެ އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހޭނެ ހަމައެކަނި ނަތީޖާއަކަށް ވެގެންދާނީ އެ މެޗު 1-1 އިން އެއްވަރުވުމެވެ. އެ އަށް ވުރެ ބޮޑު ނަތީޖާ އަކުން އެއްވަރުވެއްޖެނަމަ ނުވަތަ ރިއަލް މޮޅުވެއްޖެ ނަމަ ފައިނަލުން ފުރުސަތު ލިބޭނީ ރެއާލަށެވެ.
ރޭގެ މެޗު ފަށައިގެން ޗެލްސީން އެޓޭކް ވަރުގަދަކޮށް ރެއާލްއަށް ޕްރެޝަރ ކުރަން ފެށިނަމަވެސް ރިއާލުގެ ކުޅުން ރަނަގަޅުކުރިތަން ފެނިގެން ދިޔައެވެ. ނަމަވެސް މެޗުގައި ޗެލްސީން ޖެހި ގޯލު ފެނިގެން ދިޔައީ ރިއަލުގެ ކުޅުން ރަނަގަޅުކުރިވަގުތުއެވެ. ޗެލްސީގެ މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 14 ވަނަ މިނިޓްގައި ޗެލްސީގެ އެންޓޯނިއޯ ރޫޑިގާ މަތިން ވައްޓާލި ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ކީޕަރު ކޯޓުއާ ކައިރިންވެސް ނައްޓާފައި ޕުލިސިޗް އެވެ.
ރޭގެ މެޗުގައި ރިއާލަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ބެންޒެމާ އެވެ. އެއީ މެޗުގެ 29 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ބޯޅަ އެއް ވޮލީ އަކުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެލަނޑަށް ފަހުވެސް ރިއަލްއިން ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. ނަމަވެސް ޗެލްސީގެ ޑިފެންސްލައިން ފެނިގެން ދިޔައީ އެއަށްވުރެ މާ ބޮޑަށް އޮގަނައިޒުކޮށެވެ.
މި މުބާރާތުގެ ދެވަނަ ސެމީގައި މިރޭ ބައްދަލުކުރާނީ އިނގިރޭސި ވިލާތުގެ ބޮޑުބާރު މެންޗެސްޓާ ސިޓީ އާޢި ފުރާންސްގެ ބޮޑުބާރު ޕީއެސްޖީއާ އެވެ.


