ސިފައިންގެ ޝިޢާރުގައި ޙަޤީޤީ ކުލަ ޖައްސާ، ޢަމަލީ ސިފަ ގެނައުމަކީ، ސިފައިންގެ ކޮންމެ މީހެއްގެ މައްޗަށް އޮތް ޤައުމީ ވާޖިބެއް ކަމުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސިފައިންގެ ފަރާތުން ނެރޭ ހަފްތާ މަޖައްލާ “އައްޑަނައަށް” އެކަމަނާ ލިޔުއްވި ލިޔުމެއްގައި ވިދާޅުވީ ސިފައިންގެ ދުވަހާ ގުޅިގެން، މިދިޔަ ހަފްތާގެ ތެރޭގައި އިއުލާންކުރި “ސިފައިންގެ ޤާބިލްކަން – ޤައުމުގެ އަމާންކަން”، މި ޝިޢާރާމެދު ފިކުރު ހިންގާލުމަކީ މުހިއްމު ކަމަށެވެ.
ސިފައިންގެ ޝިޢާރަކީ 2017 އަދި 2018 ވަނަ އަހަރު ހެދިގެން ހަމައެކަނި ޤަލަމަކުން ލިޔެލާފައި، ވަތްގަނޑަކަށްލާ ތަޅުލާފައި އޮންނަ އެއްޗަކަށް ވިޔަ ނުދީ، މިއަހަރުގެ ޝިޢާރުގައި ޙަޤީޤީ ކުލަ ޖައްސާ، އެއަށް ޢަމަލީ ސިފަ ގެނައުމަކީ، ސިފައިންގެ ކޮންމެ މީހެއްގެ މައްޗަށް އޮތް ޤައުމީ ވާޖިބެކެވެ. އެކަން އެންމެ ފުރިހަމަގޮތުގައި ކުރެވޭނީ އެޝިޢާރުގެ ޙަޤީޤީ މާނަ ތިލަކުރަން މަސައްކަތެއް ކުރެވިގެންނެވެ. އެކަމަނާ ލިޔުއްވާފައިވެއެވެ.
އަދި ސިފައިންނަކީ ފަންނީ، “ޕްރޮފެޝަނަލް” އަދި ޤާބިލް ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވެރިކަމާ ޙަވާލުވެވަޑައިގެން، އެންމެ ފުރަތަމަ ދުވަހު ވެސް، ހާމަކުރެއްވި އެއް ތަޞައްވުރެއް ކަމަށާއި، ސިފައިންނަކީ އެމީހުންނަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ހުރިހާ ގޮތަކުންވެސް ކުފޫހަމަވާ ބަޔަކަށްވާން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ، އެމީހުންނަކީ ރައްޔިތުންގެ ފުރާނަޔާއި މުދާ ސަލާމަތްކުރަން، ރެއާއި ދުވާލު، އަތުކުރި އޮޅާލައިގެން ތިބި ބަޔަކަށްވާތީކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާގެ ލިޔުއްވުމުގައި ވިދާޅުވީ މވަރުބަލިކަމެއް ނެތި، އަބަދު ވެސް ސިފައިންގެ އެންމެ ބޮޑު މަސައްކަތް އަމާޒުކުރެވިފައިވަނީ ޤައުމުގެ ސަލާމަތާއި އަމާންކަމާ ގުޅުންހުރި މަސައްކަތް ކުރުމަށެވެ. މި މަތިވެރި ޤައުމީ ޚިދުމަތް ފޯރުކޮށް ދިނުމަށް ސިފައިންގެ ސަފުތައް މިއަދު ވެސް ދަނީ ހިތް ވަރާ އަޒުމާއެކު، ހަލުވި ދުވެލީގައި ކުރިއަށްކަމަށެވެ.
ސިފައިންގެ ތަމްރީނާއި ތައުލިމާއި ފަންނީ ހުނަރުވެރިކަން އިތުރުކުރުމަށް ސިފައިން ދަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަގުނަ ތަމްރީން އާއި ކޯސްތައް ފުރިހަމަ ކުރަމުންނެވެ. ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ސިފައިން ދަނީ އޯގާތެރިކަމާއި ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ. ކޮންމެ ދިމާލަކަށް ބެއްލެވި ކަމުގައި ވިޔަސް ސިފައިންގެ ކޮންޓްރިބިއުޝަން ފެނިވަޑައިގަންނަވާނެއެވެ. އެގޮތުން މިއަހަރުގެ ހުރަވީ ދުވަހު ހޯމް މިނިސްޓްރީން ދުވަހުގެ މުނާސަބަތުގައި ގެނެސްދެއްވި ޕްރޮގްރާމް އާއި އަދި ޤައުމީ ދުވަހަށް ހޯމް މިނިސްޓްރީން ތައްޔާރު ކުރައްވާ ޕްރޮގްރާމްގައި ވެސް އެންމެ އިސްރޯލެއް ކުޅެނީ ދިވެހި ސިފައިންނެވެ. ރާއްޖޭގެ ޅަޖީލު ރާއްޖޭގެ ތާރީޚަށް އަހުލުވެރި ކުރުވުމުގެ މާތް މަޤްސަދުގައެވެ. އެކަމަނާގެ ލިޔުއްވުމުގައި އިތުރަށް ވިދާޅުވެފައިވެއެވެ.
އަދި ސިފައިންގެ ތެރޭގައި ވެސް ސިފައިންގެ ކޯޕަރަލް 21-01 ކޯހާއި ސިފައިންގެ އިންސްޓްރަކްސްޝަނަލް ކޯސް 21-02 އިން ވަނަ ވަނަ ހޯދި ކުދިންނާ ބައްދަލުކޮށް އެކުދިންނަށް މަރްހަބާ ކިޔުމުގެ ހިތް ހަމަޖެހުން އެކަމަނާއަށް ލިބިވަޑައިގެންނެވިކަމަށާއި، އަދި އިނިސްޓްރަކްޓަރ ކޯސްގެ ވަނަތައް ހާސިލްކޮށްފައި ވަނީ ސިފައންގެ އަންހެން ބޭކަނބަލުން ކަން ފާހަގަ ކުރަށްވާ ކަމަށްވެސް އެކަމަނާގެ ލިޔުއްވުމުގައި ވިދާޅުވެފައިވެއެވެ.
ސިފައިންގެ ޤާބިލްކަން އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ އަހްމިއްޔަތު ކަމާއި އަދި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ޓީމް ހުއްޓުމެއްނެތި ސިފައިންގެ ޤާބިލްކަން އިތުރު ކުރުމަށް ކޮށްދެއްވަމުން ގެންދަވާ މިންނަތް މަސައްކަތް ތަށް އަކަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރ ގެލިޔުން ނިންމާލައްވާފައިވަނީ ސިފައިންގެ ހުވަޔާ އެއްގޮތަށް، ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ޙިމާޔަތްކުރުން މަތީ، ސާބިތުކަމާއެކީ ދެމިތިބުމުގެ ހެޔޮ ތައުފީޤު، މާތްﷲ، ދިވެހި ސިފައިންނަށް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...