ޚަބަރު

ސިފައިންގެ މި އަހަރުގެ ޝިޢާރު ރަމްޒުކޮށްދެނީ ރައީސް ޞާލިޙްގެ ހަރުދަނާ ތަޞައްވުރު – މިނިސްޓަރ މާރިޔާ

މިއަހަރު، ސިފައިންގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވާ “ސިފައިންގެ ޤާބިލްކަން – ޤައުމުގެ އަމާންކަން”، މި ޝިޢާރު ރަމްޒުކޮށްދެނީ ރައީސް ޞާލިޙްގެ ހަރުދަނާ ތަޞައްވުރުކަމުގައި މިނިސްޓާރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ސިފައިން 129 ވަނައަހަރީ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ އައްޑަނަ މަޖައްލާއަށް ލިޔުއްވި ލިޔުއްވުމެއްގައެވެ.

އެލިޔުވުމުގައި އެކަމަނާ ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދުޞާލިޙްވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ސުލްޙަވެރިކަމާއެކު ދިރިއުޅެވޭނެ، އަމާން މާޙައުލެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސިފައިން މުހިންމު ދައުރެއް އަދާކުރަމުންދާކަމަށް ވިދާޅުވެފައިކަމަށާއި، ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު އުފެއްދުމަށްޓަކައި، ޤާނޫނުތައް އިޞްލާޙުކޮށް، ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދުމަށް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވާފައިވާކަމަށެވެ.

މިމޭރުމުން ލިޔުއްވަމުން އެލިޔުއްވުމުގައި ވިދާޅުވެފައިވަނީ ދިވެހީ މަސްކަނޑުތައް ޙިމާޔަތްކޮށް، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކޮށް، ކޯސްޓްގާޑުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް، މިއަހަރުގެ ތެރޭގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ނިންމަވާފައިވާކަން އެމަނިކުފާނުވަނީ ހާމަކުރައްވާފައިކަމަށެވެ.  

129 ވަނަ ސިފައިންގެ ދުވަހުގެ މިއުފާވެރި މުނާސަބަތުގައި، މިނިސްޓަރ މާރިޔާވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާއިބްރާހީމް މުޙައްމަދު ޞާލިޙް އަށާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށާއި، ޖެނެރަލް އޮފިސަރުންނަށާއި، އެކި އެކިރޮނގުތކުގައި ޙަރަކާތްތެރިވާ އެންމެހާ ސިފައިންނަށާއި، ސިފައިންގެ ލޮބުވެތި އާއިލާތަކަށް، ތަހުނިޔާއާއި މުބާރަކްބާދީއަރިސްކުރައްވާފައެވެ.

އިތުރަށް އެކަމަނާ ވިދާޅުވެފައިވަނީ ދިވެހި ޤައުމީ ދިފާޢީ ބާރުން، ޤައުމީ ވާޖިބު އަދާކުރަން ހިތްވަރު އާކުރުމުގެ ގޮތުން، ކޮންމެ އަހަރަކު، އަހަރީ ދުވަހާގުޅުވައިގެން، ވަކި ޝިޢާރެއް ކަނޑައަޅައިކަމަށާއި، 2017 ގެ ޝިޢާރަކީ ޢަސްކަރީ އަޚްލާޤް – ސިފައިންގެ ނާރެސް” ކަމުގައެވެ. 2018 ގެ ޝިޢާރަކީ “ސިފައިންގެ ސާބިތުކަން – ޤައުމުގެ ސިޔާދަތު އެވެ. އަދި 2019 ގެ ޝިޢާރަކީ “އަސްކަރީ އުސޫލު ނެގެހެއްޓުން – ސަފުތަކުގެ ތަރުތީބު ދެމެހެއްޓުން” ކަމަށާއި، 2020 ވަނަ އަހަރު، ސިފައިންގެ ޝިޢާރަކީ “ސިފައިންގެ ހިތްވަރު – ޤައުމުގެ ސަލާމަތް” ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް އެލިޔުމުގައި ވިދާޅުވީ 2017 އާއި 2018 ގެ ޝިޢާރު ވެގެންދިޔައީ ހަމައެކަނި ސިފައިންގެ އަހަރީ ދުވަހު އިއުލާންކޮށްލުމަށްފަހު، ވަތްގަނޑަށްލާތަޅުލާފައި އޮތް ޝިޢާރުތަކެކަމަށާއި، އެއިން ޝިޢާރެއް ޙަޤީޤަތަކަށް ހެދުމަށް ކުރެވިފައިވާ ޢަމަލީ މަސައްކަތެއް ފެންނާކަށް ނެތްކަމުގައެވެ.

ނަމަވެސް، މާތްﷲ ގެ އިރާދަފުޅުން، ވޭތުވެދިޔަ 4 އަހަރުގެ ޝިޢާރު، ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި، އެއްފަހަރާ ޙަޤީޤަތަކަށް ހެދުމަށް މިކުރެވުނު މަސައްކަތުން، އެތައް ކުރިއެރުމަކާއި ކާމިޔާބީއެއް، މިވަނީ ޙާސިލްކުރެވިފައިކަމަށާއި، މިކަން ރާއްޖޭގެ ގިނަ ރައްޔިތުން ނުހަނު އުފަލާއެކު ބަލައިގަންކަމަށް އެކަމަނާ ވިދާޅުވިއެވެ.  

ދިވެހި އަސްކަރިއްޔާގެ ޤާބިލްކަމާޢީ ހުނަރުވެރިކަމާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖެއާއި ރާއްޖޭން ބޭނުންތަމްރީނާއި ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދީ، ދިވެހި އަސްކަރިއްޔާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް، ކާމިޔާބު ގިނަމަސައްކަތްތަކެއްދަނީ ކުރެވެމުދާކަމަށާއި، ރާއްޖެއާއި، ރާއްޖޭން ބޭރުން އެކިރޮނގުތަކުން ހޯދި ފުރުޞަތުތަކުގެ ފުރިހަމަބޭނުންކޮށް  ފަޚުރުވެރިވާ ފަދަ ރަން ވަނަތަކާއި މެޑަލްތައް، ސިފައިން ޙާސިލްކޮށްފައިވާކަން، އެކަމަނާވަނީ ފަޚުރާއެކީ ފާހަގަކުރައްވާފައެވެ. އަދި ސިޔާސީ ނުފޫޒުން ދިވެހި އަސްކަރިއްޔާ އެއްކިބާކޮށް، “ޕްރޮފެޝަނަލް ފައިޓިންގ ފިޓް ފޯރސް” އެއްގެ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ދިވެހި އެންމެހާ ރައްޔިތުންނަށް، ހަމަހަމަކަމާއި އޯގާތެރިކަމާއެކީ، ސިފައިންގެ ޚިދުމަތް ފޯރުކޮށްދޭނެ މަގު ފަހިކޮށްދީފައިވާކަން ގިނަ ރައްޔިތުން ޤަބޫލުކުރާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ދިވެހިއަސްކަރިއްޔާގައި ޙަރަކާތްތެރިވާ އަންހެން ސިފައިން ބާރުވެރިކުރުވުމުގައި އިތުރު ހަރުފަތްތަކެއްވަނީ ގިރާކޮށްފައެވެ. އެމްއެންޑީއެފްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމަށް އަންހެން ބޭފުޅުން އައްޔަންކުރުމާ ގުޅިގެން، ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެންމެ މަތީ ފަޑީގައި، ފުރަތަމަ ފަހަރަށް، ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުންނަށް ތިއްބެވޭނެ މަގުފަހިކޮށް، ސިފައިންގެ ލީޑަރޝިޕުން ނިންމާ ނިންމުންތަކުގައި، ކަނބަލުންގެ އަޑު ހިމެނޭނެހެން ލަފާދޭ މަޖިލީހަށް ބަދަލުވަނީ ގެނެވިފައެވެ. މިއަދު، އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައިވެސް އަންހެން ބޭފުޅުން ތިއްބަވާނެއެވެ. ދާދިފަހުން، އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގައި ކޯހެއް ފުރިހަމަކުރުމަށް، ފުރަތަމަ ފަހަރަށް ފޮނުވި ދިވެހި އަންހެން އޮފިސަރ ކެޑޭޓު އެނބުރި ޤައުމަށް އައީ “ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑަންޓް އެވޯޑްގެ މަތިވެރި ޝަރަފާއެކުގައިކަން މިފުރުޞަތުގައި ފާހަގަކުރަމެވެ. އެކަމަނާ ވިދާޅުވިއެވެ.

މިހާ ކުރު މުއްދަތެއްގެ ތެރޭގައި، ދިވެހި އަސްކަރިއްޔާއަށް މިގެނައި ކުރިއެރުންތަކުގެ ފަހަތުގައިވަނީ، ރައީސުލްޖުމްހޫރިއްޔާއަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސިފައިންނާ ގުޅޭ ކަންކަމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމާއި އެމަނިކުފާނުގެ ހަރުދަނާ ވިސްނުންފުޅާއި ތަޞައްވުރުކަން ފާހަގަކޮށް، ކޮމާންޑަރ.އިން ޗީފް ރައީސް ޞާލިޙުން، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ލީޑަރޝިޕާއި އެންމެހާ ސިފައިންނާއި، ދިވެހި އެންމެހާ ރައްޔިތުންގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ޚާއްޞަ ޝުކުރެއް ދަންނަވަމެވެ. ސިފައިންގެ ލީޑަރޝިޕާއި ސިފައިންގެ އެއްބާރުލުމާ ނުލައި، މިއިން އެއްވެސް ކުރިއެރުމެއް ޙާސިލްކުރުމަކީ މުސްތަޙީލު ކަމެކެވެ. އެހެންކަމުން، މިފުރުޞަތުގައި، ކަށިން ހިތްވަރު ނަންގަވައިގެން، ވަރުބަލިކަމެއްނެތި، ރެއާއި ދުވާލު ސިފައިންގެ މަސައްކަތުގައި އުޅުއްވާ، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ލީޑަރޝިޕްގެ ބޭފުޅުން ދެއްވާ އިރުޝާދާއި ހުރިހާ ސިފައިންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، އެބޭކަލުންނާއި ބޭކަނބަލުންނަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަމެވެ. ޑިފެންސް މިނިސްޓަރ މާރިޔާގެ ލިޔުއްވުމުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

އެކަމަނާގެ ލިޔުއްވުން ނިންމާލައްވާފައިވަނީ މިއަހަރުގެ ޝިޢާރު، “ސިފައިންގެ ޤާބިލްކަން – ޤައުމުގެ އަމާންކަން”، އޭގެ އެންމެ ފުރިހަމަ، ޙަޤީޤީ މާނައިގައި ތަމްޞީލުކޮށް، މިއަހަރަކީވެސް، ދިވެހި އަސްކަރިއްޔާގެ ޤާބިލްކަމަށް އިތުރު ބާރެއް ލިބި، ސިފައިން ރައްޔިތުންނަށް ދޭ އެފަދަ ދެވަނައެއް ނެތް އޯގާތެރި ޚިދުމަތުން، ޤައުމުގެ އަމާންކަމަށް އިތުރު ދިރުމެއް ލިބިގެންދާނެ އަހަރަކަށް ހަދަން ސިފައިން ޢަޒުމް ކަނޑައެޅުމެވެ. އަދި ސިފައިންނަށްޓަކައި ރައްޔިތުންގެ ހިތްތަކުގައިވާ ލޯތްބާއި އިޙްތިރާމާއި އިތުބާރު އިތުރުވެގެންދިޔުން އެދިވަޑައިގަންނަވަމުން ސިފައިންގެ ހުވަޔާ އެއްގޮތަށް، ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ޙިމާޔަތްކުރުން މަތީ،ސާބިތުކަމާއެކީ ދެމިތިބުމުގެ ހެޔޮ ތައުފީޤު، މާތްﷲ ދިވެހި ސިފައިންނަށް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close