މިނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި ރޫޙާނީގޮތުން މަސައްކަތް ކުރުމުގެ ތަނަވަސް ފުރުޞަތު މިބަރަކާތްތެރި މައްސަރުން ފަހިވެގެންދާއިރު، އަޅުކަމާއި ހެޔޮ ޢަމަލުތައް ގިނަކޮށް، އަނެކުންނާމެދު ހިތްސާފުކުރުމަށް އިސްކަންދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި މިނިސްޓާރ އޮފް ޑިފެންސް އަލްއުސްތަޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮއެދުންތައް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލާއި، ޖެނެރަލް އޮފިސަރުންނާއި އެންމެހާ ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު އަރިސްކުރައްވަމުން އެކަމަނާ މިހެން ވިދާޅުވީ ސިފައިންގެ ފަރާތުން ނެރޭ ހަފްތާ މަޖައްލާ އައްޑަނައަށް “ރަމަޟާން މަސްއައުމުން” މިސުރުޚީގެ ދަށުން ލިޔުއްވި ލިޔުއްވުމެއްގައެވެ.
އެލިޔުއްވުމުގައި އެކަމަނާ އިތުރަށް ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް، މިއަހަރުވެސް މި ބަރަކާތްތެރި މަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިރާއްޖެއާއި މުޅި ދުނިޔެ ވީ ދަނޑިވަޅެއްގައިކަމުގައެވެ. އެހެން ނަމަވެސް، މާތް ﷲ ގެ ވާގިފުޅާއެކު، މިބަލިން ދިފާޢުވުމަށް ވެކްސިންދިނުމުގެ ކެމްޕޭނެއް ފެށި، ދިވެހި އާބާދީގެ ބޮޑު ބައި މިވަނީ ވެކްސިނޭޓްކުރެވިފައި ކަމުގައިވެސް އެކަމާނާ ވިދާޅުވިއެވެ.
މި މާތް މައްސަރުގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގޭގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކާ ކުރިމަތިލުމަށް، މާތް ﷲ ގެ އިރާދަފުޅާއެކު، އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ، ކެރޭ އަދި ހީވާގި ފަޔަރފައިޓަރުން ތިބީ ރޭވުންތެރިކަމާއެކުގައިކަން މިފުރުޞަތުގައި ޔަޤީންކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވެފައިވެއެވެ.
ލިޔުއްވުން ނިންމާލައްވާފައިވަނީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްކުރަން ރެއާއި ދުވާލު ދިވެހި ސިފައިން ކުރަމުންދާ މަސައްކަތުގައި މާތް ﷲ ބަރަކާތްލެއްވުންއެދި ދުޢާކުރައްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...