ޒަކާތުގެ ގޮތުގައި ނަގުދު ފައިސާ ދެއްކުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ އޮންލައިންކޮށް ދެއްކުން – އިސްލާމިކް މިނިސްޓަރ
ކޮވިޑްގެ މިހާލަތުގައި ޒަކާތުގެ ގޮތުގައި ނަގުދު ފައިސާ ދެއްކުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ އޮންލައިންކޮށް ފައިސާ ދެއްކުން
ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ މިއަހަރުވެސް ފިޠުރު ޒަކާތް ދެއްކުމަށްޓަކައި ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށެވެ. މިގޮތުން މިއަހަރުވެސް އޫރިދޫއާއި ދިރާގާއި ބޭންކް އޮފް މޯލްޑިވްސްގެ އިތުރަށް އިސްލާމިކް ބޭން މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން އިސްލާމިކް މިނިސްޓްރީއަށް ގޮސް ޒަކާތް ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ގޮވާމުން ޒަކާތް ދައްކާން ބޭނުންވާ ފަރާތްތަކަށް ރަމަޟާން މަހުގެ ފަހު ދިހައިގައި އެ ފުރުޞަތުވެސް ހުޅުވާލާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ފަޤީރުންނަށް ބެހުމަށްފަހު އެމީހުންގެ އެކައުންޓްތަކަށް ޖަމާކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވާފައިވާކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ ފަޤީރުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މާލޭގެ ފަޤީރުންގެ ވަގުތީ ލިސްޓް އެކުލަވާލާ ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ. އަދި އޮތޮޅުތެރޭގެ ފަޤީރުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް 10 ދުވަސް ތެރޭ ނިންމާ ރަމަޟާންމަހުގެ 15ގެ ކުރިން ފައިނަލް ލިސްޓް އެކުލަވާލެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

