ޢަޒުމާއި އުންމީދަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަޔަރ ސްޓޭޝަން ޤާއިމްކުރުން – މިނިސްޓަރ މާރިޔާ
ސަރުކާރުގެ އަޒުމާއި އުންމީދަކީ ސިފައިންގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޚިދުމަތް ފާޅުކަން ބޮޑު ގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފުޅާކުރެވި، ކުރިއަށްވުރެ ބޮޑަށް ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސިފައިންގެ ހަފްތާމަޖައްލާ އައްޑަނައަށް “ސިފައިންގެޚިދުމަތް ފުޅާކުރުން” މިމަޢުޟޫއަށް އެކަމަނާ ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވީ ރަމަޟާން މަހަކީ އާންމުކޮށް ބަދިގޭގައި ހިނގާ އަލިފާނުގެ ހިތާމަވެރި ހާދިސާތައް ނިސްބަތުން ގިނަ މައްސަރަކަށްވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މިފަދަ ހިތާމަވެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަޔާއި މުދާ ރައްކާތެރިކުރުމަށް ޚާއްޞަ ތަމްރީނުތަކެއް މިދަނީ ކުރިއަށްގެންދަމުންކަމުގައެވެ.
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް، މި ފުރުޞަތުގައި އެކަމަނާ އިލްތިމާސްކުރައްވައްވާފައިވެއެވެ.
މިގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދިވެހިސިފައިންގެ ޚިދުމަތް، ރައްޔިތުންނާ ވީހާވެސް ގާތުން ދިނުމަށް ކުރާ މަސައްކަތުގެ ދަށުން، މި ހަފުތާގެ ތެރޭގައި ފ. ނިލަންދޫގައި ފަޔަރ ސްޓޭޝަނެއް ހުޅުވައި، ޚިދުމަތް ދޭން ފަށާފައިވާއިރު، އައްޑޫ ސިޓީގެ ހުޅުމީދޫގައި ވެސް ފަޔަރ ސްޓޭޝަނެއް ހުޅުވައި، ޚިދުމަތްދޭން މިވަނީ ފަށާފައިކަމަށް އެކަމާ ވިދާޅުވިއެވެ.
މިއީ، ހަމަ ޔަޤީނުން ވެސް، މި ރަށްރަށުގެ ރައްޔިތުންނަށާއި ސިނާޢީ މަސައްކަތްތެރިންނަށް ލިބުނު ބޮޑު ފަސޭހަޔަކާއި ހިތްހަމަޖެހުމެކެވެ. މިފަދަ ކޮންމެ ހާދިސާއެއްގައި ވެސް ރައްޔިތުންގެ ފުރާނަޔާއި މުދާ ސަލާމަތްކުރަން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ދިވެހި ރައްޔިތުން ނުހަނު އުފަލާއެކު ބަލައިގަންކަމަށްވެސް އެކަމަނާގެ ލިޔުއްވުމުގައި ވިދާޅުވެފައިވެއެވެ.
އެކަމަނާގެ ލިޔުއްވުމުގައި އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުންގެ ޙައްޤުގައި ނަތީޖާ ނެރުމަށްމިކުރާ މަސައްކަތުގައި ފާއިތުވެގެން މިދިޔަ ދެ އަހަރާއިބައިގެ ތެރޭގައި ހޯދާފައި މިވާ ކުރިއެރުމާއި ކާމިޔާބީއަކީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއިސިފައިންގެ ލީޑަރޝިޕްގެ ހަރުދަނާ އިރުޝާދުގެ ދަށުން، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ހީވާގި، ހިތްވަރުގަދަ އަދި ކެރޭ ފަޔަރފައިޓަރުން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާކަން ކަށަވަރުކަމަށެވެ.
އެކަމަނާގެ މިހަފްތާގެ ލިޔުއްވުން ނިންމާލައްވާފައިވަނީ ދިވެހި ޤައުމާއި ދިވެހިރައްޔިތުންގެ ފުރާނަޔާއި މުދާ ރައްކާތެރިކުރުމަށް، ދިވެހި އަސްކަރިއްޔާއިން ރެއާއި ދުވާލު ކުރަމުންދާ ބުރަ މަސައްކަތުގައި، މާތްﷲ ބަރަކާތްލައްވައި، އިތުރު ކާމިޔާބީ މިންވަރުކޮށްދެއްވުންއެދި ދުޢާކުރައްވަމުންނެވެ.

