މިސަރުކާރުގެ ޢަމާޒަކީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދައިދިނުން – މިނިސްޓަރ މާރިޔާ
މިސަރުކާރުގެ ޢަމާޒަކީ، ދިވެހި ޤައުމުގެ އިސްތިޤްލާލާއި މިނިވަންކަމަށް ބުރޫނާރާނެހެން، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދައިދިނުންކަމުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ ހަފްތާ މަޖައްލާ އައްޑަނައަށް ” އަސްކަރީ ޤާބިލުކަން ވަރުގަދަކުރުމުގައި ދިވެހި ސިފައިން” މިމަޢުޟޫއުގެ ދަށުން އެކަމަނާ ލިޔުއްވި ލިޔުއްވުމެއްގައި މިނިސްޓަރ މާރިޔާ ވިދާޅުވީ ރާއްޖެ ހިމެނޭ ޞަރަޙައްދަކީ ކަނޑުފޭރުމާއި ނިރުބަވެރިކަން ފަދަ ތަފާތު ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާ، ހަލަބޮލި ސަރަޙައްދަކަށްވާއިރު، ރާއްޖެ ހިމެނޭ މިސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ރާއްޖެއިން ދަނީ އަސްކަރީގޮތުން ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކާ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަމުގައެވެ.
އަދި ބަވަނަވެފައިވާ މިދުނިޔޭގައި ބަދަލުވަމުންދާ ނުރައްކަލުގެ ވެށީގައި ހުޝިޔާރުކަމާއެކު ޙަރަކާތްތެރިވުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ އަވަސް ތަރައްޤީ އާއި ހެޔޮ ބަދަލުތަކުގެ ތެރެއިން ދިވެހި ސިފައިން ހޯދާފައިވާ ކުރިއެރުންތައް މިއަދު ވަނީ ގިނަކުރެވިފައި ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
އެރޮގުން އެކަމަނާ ފާހަގަކުރެއްވީ ސިފައިންނަކީ ޢިލްމާއި ހުނަރު ލިބިފައިވާ ކެރޭ ހުޝިޔާރު ޤާބިލު ބަޔަކަށް ހެދުމާއި މަސްޢޫލިއްޔަތު އަދާކުރުމުގައި ފަސްނުޖެހި ޤައުމަށްޓަކައި ޤުރުބާންވާން އަބަދުވެސް ތައްޔާރަށްތިބޭ ތެދުވެރި ވަފާތެރި ބަޔަކަށް ހެދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ސިފައިންނަށް ދެވޭ ތަޢުލީމާއި ތަމްރީންކަމުގައެވެ.
އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ބޭރުގެ ފަންނުވެރިންގެ އެހީ ހޯދަމުންދާކަމަށާއި، އަދި ސިފައިންގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމަށްޓަކައި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކުގެ އިތުރުން، ޓެކްނިކަލް އެހީއާއި އާލާތްތައްވެސް ހޯދަމުންދާކަމުގައި އެކަމަނާގެ ލިޔުއްވުމުގައި ވިދާޅުވިއެވެ.
އެގޮތުން ކޯވިޑް- 19 ގެ މި ދަތިއުނދަގޫ ހާލަތުގައިވެސް ދާދިފަހުން، އެމެރިކާގެ ސެކިއުރިޓީ ފޯރސަސް ބްރިގޭޑް “އެސްއެފްބީއޭ 5″ގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ މާފިލާފުށީގައި “ބްލެކް މާލިން”ގެ ނަމުގައި އެއް މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ވަނީ ކާމިޔާބުކަމާއެކީ ނިންމާލައިފައިކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މިތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް މޭޖަރ ޖެނެރަލް ޑޭން މެކްޑޭނިއަލް ދެއްވި އިރުޝާދާއި އެއްބާރުލުން ފާހަގަ ކުރައްވާ އެކަމަނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މިނިސްޓަރ މާރިޔާގެ ލިޔުއްވުން ނިންމާލައްވާފައިވަނީ ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތުގައި މާތްﷲ ކާމިޔާބު މިންވަރުކޮށްދެއްވުންއެދިދުޢާކުރައްވަމުންނެވެ.



