ޚަބަރު

ލައިސެންސް ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް މަޖިލީހަށް

ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މިމައްސަލަ އަކީ ރަށްވެހި ފަތިސް ކެމްޕޭނެއްގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި ވާހަކަ ފުޅަކާ ގުޅިގެން ހުށަހެޅުއްވި މައްސަލައެއްކަމަށް ބެލެވެއެވެ. އެ ކެމްޕޭންގައި ރައީސް ވިދާޅުވީ ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ ފަރާތްތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ލައިސަންސް ލިބުނު ކަމުގައިވިޔަސް ޓްރެފިކް ގަވާއިދުތަކާއި ހިލާފުވެގެން ކުރެވޭ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެ ޖޫރިމަނާ އިތުރުވުމުގެ ސަބަބުން ލައިސަންސް ނުނެގިފައިވާ އެތައް ފަރާތެއްވެސް އެބަ ތިބިކަމަށެވެ. އަދި އެފަރާތްތަކަށް ހައްލެއް ހޯދައިނުދެވި ގިނަ ދުވަސް ފާއިތުވަމުންދާ ދިޔުމަކީ އޭގެ ސަބަބުން އެފަރާތްތަކަށް ގިނަގުނަ މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެއްކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައި ޖޫރިމަނާގެ ޢަދަދު ދިހަ ހާސް ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމަޢަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީޢަތަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށެވެ.

ކޯޓުން ނެރޭ އަމުރައި ގުޅިގެން ހެދޭ ޤަވާއިދުގައި 6 ކަމެއް ހިމެނުމަށް ހަސަން ވަނީ ހުށަހަޅުއްވާފައެވެ.

1- ކޮމިއުނިޓީ ސަރވިސްގައި ބައިވެރިވެވޭނެ ހާލަތްތަކާއި އެކަމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި،

2- ކޮމިއުނިޓީ ސަރވިސްގެ ގޮތުގައި ކުރެވިދާނެ މަސައްކަތްތަކާއި، އެމަސައްކަތް ކުރެވިދާނެ ތަންތަން ކަނޑައެޅުމާއި،

3- އެމަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާ އަދާކުރުމުގެ ގޮތުން ފައިސާ އުނިކުރެވޭނޭ އުޞޫލު ބަޔާންކުރުމާއި،

4- ކޮމިއުނިޓީ ސަރވިސްގެ މަސައްކަތަށް ނުކުތުން ޝަރުޠުކުރެވުމާއެކު އެފަރާތްތަކަށް ލައިސަންސް ނެގުމަށް ހުރަހެއް ނޯންނާނެކަން ބަޔާންކުރުމާއި،

5- ދައްކަންޖެހި ނުދައްކާވާ ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އުޞޫލު ބަޔާން ކުރުމާއި،

6- ޖޫރިމަނާ އެކުގައި މަޢާފްކުރެވޭނޭ ހާލަތްތައް ބަޔާން ކުރުން.

މިމައްސަލަ ހުށަހެޅުއްވުމަށްފަހު ވަހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ޒުވާންނަށް ދިމާވެފައިވާ މިމައްސަލައަކީ އަވަސް ހައްލެއް ހޯދަން ޖެހޭ މައްސަލައެއްކަމަށެވެ. އަދި މުޅި ހަޔާތް މި ޖޫރިމާނާތަކުގެ ދަށުގައި ތާށިވެފައި ބޭތިއްބުމުގެ ބަދަލުގައި މިކުދިންނަށް އަވަސް ހައްލެއް ހޯދުމަށް ޤާނޫނުގެ ދަށުން ކުރަންޖެހޭ މަސައްކަތް އަވަސް ކުރަންްޖެހޭކަމަށް ހަސަން ވިދާޅުވިއެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close