ޚަބަރު

ވެންޓިލޭޓަރތަކުގެ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާނުކުރާކަށް ނާންގަން – ޗީފް އޮފް ސްޓާފްސް އަލީ ޒާހިރު

ކޮވިޑް-19 އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ނާންގަވާ ކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ވަކި މީހަކަށް ދައުވާ ނުކުރުމަށް އަލީ ޒާހިރު އެންގެވި ކަމަށް ބުނެ ރާއްޖެ ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރު ދޮގު ކުރައްވައި އަލީ ޒާހިރު “ވަގުތަށް” ވިދާޅުވިކމަށް އެނޫހުގައި ބުނެފައިވަނީ މައްސަލަތަކުގައި ދައުވާ ކުރަން ޖެހޭ މީހުނާއި ކުރަން ނުޖެހޭ މީހުން ކަނޑައެޅުމުގެ މެންޑޭޓް ރައީސް އޮފީހަށާއި އެ އޮފީހުގެ ޗީފް އޮފް ސްޓާފްސަށް ނޯންނަ ކަމަށް ވިދާޅުވިކަމަށެވެ. އަދި ވަކި ބަޔަކަށް ދައުވާ ކުރުމަށް ނުވަތަ ނުކުރުމަށް ޕީޖީއަށް އެންގުމުގެ ބާރު ވެސް ނޯންނަ ކަމަށް އޭނާ ވިދާޅުވިކަމަށްވެސް އެނޫހުގައި ވެއެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީ ތެރޭގައި ހިނގާފައިވާ ޚިޔާނާތްތައް، އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން ފެންމަތިވުމާ އެކު، އެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމުގެ މަރުހަލާއާއި ޝަރީއަތް ހިންގުމުގެ މަރުހަލާ އަވަހަށް ކުރިއަށް ގެންގޮސް، އޭގައި ބައިވެރިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ދައުލަތުގެ އެކި މުއައްސަސާތަކަށް ރައީސް އޮފީހުން ކުރި އިލްތިމާސް ވެސް އަލީ ޒާހިރު ހަނދުމަ ކޮށްދެއްވިކަމަށް ވަގުތުގައި ބުނެފައިވެއެވެ.

“މައްސަލައިގައި ދައުވާ ނުކުރަން އަޅުގަނޑު އެންގި ކަމަށް ޚަބަރު ޖެހުމަކީ ވަރަށް ދެރަކޮށް ހިންގާފައި އޮތް ކަމެއް، އެއްވެސް ޒިންމާދާރު ކަމެއް އޭގަ އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،” އަލީ ޒާހިރު ވިދާޅުވިއެވެ. ވަގުތުގައި ވެއެވެ.

އަލީ ޒާހިރު ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް މި ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އެ މުއައްސަސާތަކުން ނިންމާ ނިންމުންތައް މިއަދު ނިންމަނީ އަމިއްލައަށް ލިބިފައިވާ މިނިވަން ބާރުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. “މިއަދުގެ ސަރުކާރުން އަޅުގަނޑުމެން ކޮރަޕްޝަނާއި ދެކޮޅަށް އެތައް މަސައްކަތް ކުރެވެމުންދާތީވެ، އެ ކަމާ ހިތްހަމަނުޖެހޭ ބަޔަކު ފަތުރަމުންދާ ދޮގު ވާހަކައެއް ކަމުގައި ނުދެކެން،” އަލީ ޒާހިރު ވިދާޅުވިއެވެ. ވަގުތު ނޫހުގައި ވެއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުޤީޤު ކުރުމަށްފަހު، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވިއެވެ.

އެކަމަކު ޖިނާއީ ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ ޕީޖީއިން ފޮނުވާލިއެވެ. އެ މައްސަލައިގެ ތެރެއަށް ރައްޔިތުންގެ މަޖިލިސް ވެސް ވަދެ، އެ މައްސަލަ ރިވިއުކޮށްދޭން ޕީޖީއަށް އިލްތިމާސް ކުރުމުން، ޕީޖީއިން ދެން ވެސް ނިންމީ ކުށުގެ ޢުންޞުރު ހަމަނުވާ ކަމަށް ކަނޑައަޅައި ދައުވާ ނުކުރުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close