އޭސީސީގެ ރައީސް ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ތާއީދެއް ނުލިބުނު
ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ އޭސީސީގެ ރައީސް ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށް އެމްޑީޕީ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އޭސީސީގެ ރައީސް ކަމުން ޝިއުނާ ވަކިކުރުމަށް ހުށަހެޅުވުމުން އެކަމަށް ޕީޖީ ގްރޫޕްގެ ތާއިދު ނުލިބުނު ކަމަށް ސަންއޮންލައިން ބުނެފިއެވެ. އެ ހުށަހެޅުމަށް ލިބުނީ 13 ވޯޓުކަމަށްވެސް “ސަން” އިން ބުނެފައިވެއެވެ.
ސަންއޮންލައިންގައި ބުނެފައިވަނީ އެ ބައްދަލުވުމުގެ ރިޔާސަތު ބެލެއްޓެވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކަމަށެވެ. އަލީ އާޒިމް ނިންމެވީ އެ ބައްދަލުވުމުގައި އެއްވެސް ހުށަހެޅުމަކަށް ތާއީދު ނުލިބޭ ކަމަށެވެ. އެހެންވެ ފަހުން މަޝްވަރާކޮށް ގޮތެއް ނިންމަން މައްސަލަ ބޭއްވިކަން އެނގޭކަމަށެވެ.
ވެންޓިލޭޓަރު މައްސަލާގައި ޕީޖީ އިން ކުރިން ބުނީ ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑިކްލައިން ކުރަން ޖެހުނީ ކޯޓެއްގައި ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.
އެ ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.


