ޕީޖީ ޝަމީމްގެ އިސްތިއުފާއަށް ރައީސް ނަޝީދު ގޮވާލައްވައިފި
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު ޕީޖީ ޝަމީމްގެ އިސްތިއުފާއަށް ގޮވާލައްވައިފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. ޝަމީމްގެ އިސްތިއުފާއަށް ނަޝީދު ގޮވާލެއްވީ ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރެއްވުމަށް ނިންމުމާއި ގުޅިގެންނެވެ.
ވަޓްސްއަޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖުގައި ބުނެފައިވަނީ، ވެންޓިލޭޓަރ ގައްނަން ހަރަދުކުރީ ދައުލަތުން ކަމަށާއި އެކަމަށް ފައިސާ ދެއްކީވެސް ދައުލަތުން ކަމަށެވެ. އެފައިސާއެއް އަދި ވެންޓިލޭޓަރެއްވެސް ނުލިބޭ ކަމަށާއި އެހެންކަމުން އުންސުރެކޭ ކިޔުމުގެ ފުރުސަތު ނެއްކަމަށެވެ. އަދި މިމައްސަލައިގައި ޕީޖީ ޝަމީމް އިސްތިއުފާދެއްވަން ވެއްޖެކަމަށެވެ.
ހެލްތް މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގަތުމަށް ޔޫއޭއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްފައިވާއިރު އެ ވެންޓިލޭޓަރުތަކުގެ ތެރެއިން ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެއްބަސްވުން ހެދިއިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފައެވެ.
އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންވެ އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފައެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން ރޭ ވިދާޅުވީ އޭސީސީން ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން އެ މައްސަލަ މުރާޖައާކޮށް ބެލިއިރު، އާ މައުލޫމާތާއި އެކަމާ ގުޅިގެން ކުރިން ހޯދި ހެކި ގަރީނާގެ މައްޗަށް ބަލައި ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ އާއި މައްސަލައިގައި ދައުވާ ނުކުރުމަށް އެ އޮފީހުން ނިންމި ސަބަބުތައް އެ ގޮތުގައި ދެމިއޮތްކަމަށް ފެންނާތީ، ދައުވާ ނުކުރަން ނިންމި ނިންމުމަށް ބަދަލު ނުގެންނަން ނިންމާފައިވާ ކަމަށެވެ.
