މިހާރު ކުރިއަށްދާ ޔޫއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ކުރިސްޓިއާނޯ ރޮނަލްޑޯގެ ޔުވެންޓަރސް ކަޓަފައިވަނިކޮށް ލިއޮނަލް މެސީގެ ބާސެލޯނާވެސް ކަޓައިފިއެވެ. ސްޕޭންގެ ބާސެލޯނާ މި މުބާރާތުން ކަޓާފައިވަނީ ޕީއެސްޖީ އާއި ވާދަކޮށެވެ. މިދިޔަ މަހު ބާސެލޯނާ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ބާސާ 4-1 އިން ބަލިވެފައި ވުމުން ރޭގެ މެޗުން އެޓީމަށް މަޖުބޫރުވެފައި އޮތީ މިއަށްވުރެ ބޮޑު ތަފާތަކުން މޮޅުވުމެވެ. ނަމަވެސް ރޭގެ މެޗު 1-1 އިން އެއްވަރުވުމާއިއެކު ޕީއެސްޖީ ވަނީ 5-2 ގެ އެގްރިގޭޓުން ކުރި ހޯދާ ކުއާޓާފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައެވެ. މިއީ ފާއިތުވި 14 އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ބާސެލޯނާ ކެޓި ފުރަތަމަ ފަހަރެވެ. ޗެމްޕިއަންސްލީގުގައި މީގެ ހަތަރު އަހަރު ކުރިން ބާސެލޯނާ އިން ވަނީ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން ބޮޑު ތަފާތަކުން ބަލިވެފައި އޮއްވައި ދެ ވަނަ ލެގުގައި ނަތީޖާ އަނބުރާލައިފަ އެވެ. ރޭގެ މެޗަށް ބާސެލޯނާ އިން އެ އަމާޒުގައި ނުކުތް ނަމަވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ރޭގެ މެޗުގެ ފުރަތަމަ ގޯލު ޖެހީ ވެސް ޕީއެސްޖީންނެވެ. މެޗުގެ 30 ވަނަ މިނިޓްގައި ޕީއެސްޖީގެ ގޯލު ޖެހީ ފުރަތަމަ ލެގުގައި ބާސެލޯނާ ކޮޅަށް ހެޓްރިކެއް ހެދި ޒުވާން ތަރި ކީލިއަން އެމްބާޕޭ އެވެ. ރޭގެ މެޗުގައި އޭނާ ޖެހި ގޯލަކީ ޕެނަލްޓީއަކުން ކާމިޔާބުކޮށްދިން ގޯލެކެވެ. މިމެޗުގައި އެމްބަޕޭ ގޯލްޖެހިތާ ހަތް މިނިޓް ފަހުން އޭރިއާބޭރުން ފޮނުވާލި ބާރު ޝޮޓަކުން ލިއޮނަލް މެސީ ވަނީ ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ. ބާސެލޯނާ އަށް ލަނޑު ޖަހައިދޭން މި މެޗުގައި އެންމެ ގިނަ ހުސް ފުރުސަތުތައް ލިބުނު ކުޅުންތެރިއަކީ އޮސްމާން ޑެމްބެލޭ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާ އަށް ލީޑުނަގައިދޭން ލިބުނު ރަނުގެ ފުރުސަތެއް މެސީ ވަނީ ނަގާލައިފަ އެވެ. އެންޓޮއިން ގްރީޒްމަން އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން މެސީ ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް ވަނީ މަތަކޮށްފަ އެވެ. މިއީ 2015 ވަނަ އަހަރަށް ފަހު މެސީ އަތުން ޗެމްޕިއަންސް ލީގުގައި ނާކާމިޔާބުވި ފުރަތަމަ ޕެނަލްޓީވެސް މެއެވެ. މިފަހަރުގެ މި މުބާރާތުގެ މެޗުތަކުގެ ނަތީޖާތައް ނިކުމެފައިވާ ގޮތުން މިއީ 2005 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ކުއާޓާ ފައިނަލުން މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފެނިގެން ނުދާނެ ފުރަތަމަ ފަހަރެވެ. އަދި މި ދެކުޅުންތެރިން ކުޅެމުން އަންނަ ޓީމެއްވެސް މު މުބާރާތުގެ ކުއާޓާރ ފައިނަލުން ފެނިގެން ނުދާނެ ފުރަތަމަ ފަހަރުވެސް މެއެވެ. މަހު 19 ވަނަ ދުވަހު ގުރުއަތުލުމަށް ހަމަ ޖެހިފައިވާ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން މިހާތަނަށް ޖާގަ ކަށަވަރު ކޮށްފައިވާ ހަތަރު ޓީމަކީ ޕީއެސްޖީގެ އިތުރުން ލިވަޕޫލްގެ އާއި ޕޯޓޯ އާއި ބޮރޫޝިއާ ޑޯޓްމަންޑް އެވެ.
މެސީގެ ބާސާވެސް ކަޓައިފި
ކިޔާލަން ހޭދަވާނީ 2 މިނިޓް
ފޮންޓް ސައިޒް
ޓެގް
މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން
ފަހުގެ
- މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން 22 މަޝްރޫޢެއް ހިންގަން އެމްޓީސީސީއާއެކު ސޮއިކޮށްފި
- ޑިމޮކްރަސީގެ ހަގީގީ ރޫހަކީ ފަރުދީ ޒިންމާ އަދާކުރުން: ބަންޑާރަނައިބު
- ނުދައްކާ ހުރި 7 ބިލިއަންގެ ބިލްތައް ދައްކަން ބަޖެޓުގައި ފައިސާއެއް ނެތް: އޮޑިޓަރ ޖެނެރަލް
- މޫސުން ރަނގަޅެއް ނުވޭ މެޓް އޮފީހުން ނެރުނު ހުދު ސަމާލު ހަވީރު ފަހަކަށް ދަށްމާލައިފި
- ކާރިސާތަކުން ރައްކާތެރިވުމުގެ ނިޒާމުތައް ހަރުދަނާކުރަން ރެޑް ކްރެސެންޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
- ކޮޕް 31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމުހޫރިއްޔާ ތުރުކީއަށް ފުރާވަޑައިގެންފި
- ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ ކެޕްޓަންގެ މޭމައްޗާއި ކަރު ފިހިއްޖެ
- ޓީޗަރުންގެ ފަންނީ ތަރައްޤީއަށް އަންނަ އަހަރު ކޮމްޕިއުޓަރު ސިސްޓަމް ދެނީ
ލިޔުމާއި ގުޅޭ
ބާސެލޯނާއިން ފަހަތުން އަރައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ލީގުގެ އެއްވަނަ މަގާމުގައި ފަރަގު ބޮޑުކޮށްފި
ސިޓީ ބަލިވުމުގެ ފައިދާއާއި އެކު، އާސެނަލް ލީގު ތާވަލުގެ ކުރީގައި ފަރަގު ބޮޑުކޮށްފި
ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް އުއްމީދު ނުކުރަން: ޕޯޗުގަލްގެ ކޯޗު
ހާލަންޑްގެ ލަނޑުން ސިޓީ މޮޅުވިއިރު، އާސެނަލުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި
ލިޔުމާއި ގުޅޭ
ބާސެލޯނާއިން ފަހަތުން އަރައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ލީގުގެ އެއްވަނަ މަގާމުގައި ފަރަގު ބޮޑުކޮށްފި
ސިޓީ ބަލިވުމުގެ ފައިދާއާއި އެކު، އާސެނަލް ލީގު ތާވަލުގެ ކުރީގައި ފަރަގު ބޮޑުކޮށްފި
ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް އުއްމީދު ނުކުރަން: ޕޯޗުގަލްގެ ކޯޗު
ކޮމެންޓް (0)
ލޯޑް ކުރަމުން...