ޙަޤީޤީ ލީޑަރޝިޕަކީ މީހަކު ތަބަކަކަށް ލައިފައިދޭ އެއްޗެއް ނޫން، އެއީ، ތިމާގެ އަމިއްލަ ހިތްވަރާއި ފަންވަރުން ޙާސިލްކޮށް، ދަމަހައްޓާ މުހިންމު، ބުރަ މަސްއޫލިއްޔަތެއް – މިނިސްޓަރ މާރިޔާ
ޙަޤީޤީ ލީޑަރޝިޕަކީ މީހަކު ތަބަކަކަށް ލާފައިދޭ އެއްޗެއް ނޫންކަމަށާއި، އެއީ، ތިމާގެ އަމިއްލަ ހިތްވަރާއި ފަންވަރުން ޙާސިލްކޮށް، ދަމަހައްޓާ މުހިންމު، ބުރަ މަސްޢޫލިއްޔަތެއް ކަމުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސިފައިންގެ ހަފްތާ މަޖައްލާ އައްޑަނައަށް” އަންހެނުންގެ ދުވަސް އައުމުން” މިސުރުޚީގެ ދަށުން މިނިސްޓަރ މާރިޔާ ލިޔުއްވި ލިޔުއްވުމެގައި ވިދާޅުވީ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، ތިމާޔަކީ އަންހެނަކަށް ވިޔަސް ނުވަތަ ފިރިހެނަކަށް ވިޔަސް، ތިމާ ކުރިއަރާނީ ތިމާ އަމިއްލައަށް ކުރާ ބުރަ މަސައްކަތުންނާއި ދައްކާ ހުނަރުންކަމަށާއި، ތިމާގެ ވަށައިގެން ބަޔަކު އެހީވެދޭން ތިއްބަސް، ކާމިޔާބީގެ ހަރުގަނޑުން އަރާ މައްޗަށް ދެވޭނީ ޚުދު ތިމާގެ އަތްފަޔަށް ލާ ހިތްވަރަކުންކަމުގައެވެ. އަދި ކައިރީގައި ތިބި މީހުންނަށް ކޮށްދެވޭނެ އެންމެ ބޮޑު މިންވަރަކީ އަތޮޅުވެރިންނަށް ހިއްޕޭނީ ވަލުގައޭ ބުނާ އުޞޫލުން ހަރުގަނޑުގައި ހިފަހައްޓައިދިނުކަމުގައި ކަމަށްވެސް އެލިޔުމުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހި ޤައުމީ ދިފާޢީ ބާރުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ އެންމެހާ ކަނބަލުންނަށާއި، އެބައެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަނބަލުން މަސައްކަތްކުރައްވާ އެމްއެންޑީއެފްގެ ލީޑަރޝިޕަށާއި، ކަނބަލުންނާ އެއް މައިދާނެއްގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ސިފައިންގެ ބޭކަލުންނާއި، އެންމެހާ ސިފައިންގެ އާއިލާތަކަށާއި، ދިވެހި އެންމެހާ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ނަންފުޅުގަޔާއި، އެކަމަނާގެ އަމިއްލަ ނަންފުޅުގައި، އަރިސްކުރައްވާ ކަމަށް އެލިޔުއްވުމުގައި އެކަމަނާ ވިދާޅުވެފައިވެއެވެ.
ލިޔުއްވުން ކުރިއަށް ގެންދަވަމުން އެކަމަނާ ވިދާޅުވެފައިވަނީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރު ބިނާކޮށްފައިވަނީ ލީޑަރުންގެ ގޮތުގައި އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށް ކަމަށް ވާއިރު، ކޮންމެ ކަމެއް އަލަށް ފަށައިގަންނައިރު، ވަރަށް އުސް އޮޅިތަކެއް ގިރާކުރަންޖެހޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަންވާނެކަމުގައެވެ.
އަދި ފިރިހެނުން ގިނަ ތަނަކަށް އައިސް، އަންހެނަކަށް ވީތީ، ތިމަންނާއަށް މިވެނި އެވެނި ކަމެއް ނުކުރެވޭނޭ ބުނުމުގެ ބަދަލުގައި، ކެރިގެން ނުކުމެ، ހަމަ ކޮންމެ ކަމެއްވެސް ކުރެވުނު އެންމެ ރަނގަޅަކަށް ކުރުމުގެ ޖޯޝާއި ރޫޙު ކަށިން ނެރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ކަމަށް ވިދާޅުވެފައިވެއެވެ.
ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި، އަންހެން ސިފައިން އާދަޔާޚިލާފު ކުރިއެރުންތަކެއް ޙާސިލްކުރައްވާފައިކަން އުފަލާއެކީ މިފުރުޞަތުގައި، ފާހަގަކުރައްވާ ކަމަށް ވިދާޅުވަމުން އެކަމަނާ ވިދާޅުވެފައިވަނީ މިއަދު، އެމްއެންޑީއެފް ފަދަ އޭޕެކްސް އޯގަނައިޒޭޝަނެއްގެ އެންމެ މަތީ ފަޑީގައި، ލަފާދޭ މަޖިލީހުގައި، ފުރަތަމަ ފަހަރަށް، ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުން ތިއްބަވާއިރު، އެ ދެއޮފިސަރުންނަކީވެސް އަންހެން ބޭފުޅުންކަން ފާހަގަކުރައްވާފައިވެއެވެ.
މިއަދު، އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައިވެސް އަންހެން ބޭފުޅުން ތިއްބަވާނެކަމަށާއި، މިހިނދުވެސް، އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގައި، ފުރަތަމަ ފަހަރަށް، ދިވެހި އަންހެން އޮފިސަރ ކެޑޭޓަކު ގެންދަވަނީ ކޮމިޝަނިންގ ކޯހެއް ފުރިހަމަކުރައްވަމުންކަމުގައި މިނިސްޓަރ މާރިޔާ ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއެއްގައި، އަންހެނުން ބާރުވެރިކުރުވުމަށާއި މިންތީގެ ހަމަހަމަކަމުގެ ސަޤާފަތް ޤާއިމްކޮށް، ކުރިއެރުވުމަށްޓަކައި ރައީސް ޞާލިޙްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މާތްﷲ ކާމިޔާބީ މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވަމުން ލިއުން ނިންމާލައްވަމުން ވިދާޅުވެފައިވަނީ އެމްއެންޑީއެފްގެ ހަރުދަނާ ލީޑަރޝިޕްގެ އިރުޝާދުގެ ދަށުން، އިތުރު ކާމިޔާބީއާއި ކުރިއެރުން ޙާސިލްކުރުންމަތީ ސާބިތުވެ ދެމިތިބުމުގެ ހެޔޮ ތައުފީޤު، ދިވެހި އަސްކަރިއްޔާގައި ޙަރަކާތްތެރިވާ އެންމެހާ ކަނބަލުންނަށް، މާތްﷲ މިންވަރުކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ.
މިނިސްޓަރ މާރިޔާ މިނިސްޓަރުކަމާއި ޙަވާލުވެ ވަޑައިގެންނެވި ފަހުން އެމްއެންޑީއެފްގެ އެކި ދާއިރާތަކަށް ލިބެމުން އަންނަ ކުރިއެރުންތައް ރައްޔިތުން އަންނަނީ އުފަލާއެކު ބަލައިގަންނަމުންނެވެ. އަދި ޚާއްޞަ އަންހެން މުވައްޒަފުން އެދާއިރާގައި އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވަމުންނެވެ.

