ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެއް ފުޓްބޯޅަ ކުލަބުކަމިގައިވާ ސްޕެއިނުގެ ގަދަބާރު ބާސެލޯނާގެ ރައީސްކަމަށް މިހާތަނަށް އެކުލަބަށް އެންމެ ގިނަ ކާމިޔާބީތައް ހޯދާދީފައިވާ ޖޮއާން ލަޕޯޓާ އިންތިހާބުވެއްޖެއެވެ.
ބާސެލޯނާގެ ރައީސްކަމުގެ މަޤާމަށް ޖޮއާން ލަޕޯޓާ ދެ ވަނަ ފަހަރަށް އިންތިހާބުވީ އިއްޔެ ކުރިއަށްދިޔަ ވޯޓު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކޮށްގެންނެވެ. ބާސެލޯނާގެ ރައީސަކަށް ހޮވުމަށް އިއްޔެ ބެއްވުނު އިންތިހާބުގައި ލަޕޯޓާ އަށް ވަނީ 30،184 ވޯޓު ލިބިފަ އެވެ. ދެ ވަނަ އަށް ދިޔައީ 16،679 ވޯޓު ހޯދި ވިކްޓަ ފޮންޓް އެވެ. އަދި މިދިޔަ އޮކްޓޫބަރު މަހު ބާސެލޯނާގެ ރައީސްކަމުން އިސްތިއުފާދިން ޖޯސެފް ބާޓޮމެއުއާ ގާތްގުޅުމެއް އޮންނަ ޓޯނީ ފްރެއިޒާ އަށް ލިބުނީ 4769 ވޯޓެވެ.
ލަޕޯޓާ ބާސެލާނާގެ ރައީސްކަން ކުރެއްވި ފުރަތަމަ ދަޢުރުކަމަށްވާ 2003-2010 އާއި ދެމެދު އެކުލަބުންވަނީ ސްޕެނިޝް ލީގު ހަތަރު ފަހަރު، ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު އުފުލައިލި އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްރޭންކް ރައިޑާކާއި ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީ އެވެ. ޔޫތު ޓީމުގެ ކޯޗަކަށް ގާޑިއޯލާ ހުއްޓާ 2008 ވަނަ އަހަރު އޭނާ ސީނިއާ ޓީމަށް ގެނައީ ލަޕޯޓާ އެވެ. އެކަންވީ އެ ކްލަބް ކާމިޔާބީގެ މުޅިން އާ ހަރުފަތަކަށް އެރުމެވެ.
ކަންމިހެން އޮތްކަމުގައިވިޔަސް މި ދަޢުރުގައި ލަޕޯޓާ އަށް ކުރިމަތީގައި އޮތީ ބޮޑު ޗެލެންޖްތަކެކެވެ. ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ މުސްތަގުބަލާ ގުޅޭ ނިންމުމުގެ އިތުރުން އެ ކްލަބްގެ މާލީ ހާލަތު ރަނގަޅު ކުރުމެވެ. އެންމެ ފަހުން ނެރުނު މާލީ ތަފާސް ހިސާބުތަކަށް ބަލާއިރު ބާސެލޯނާގެ ދަރަނި ވަނީ 1.2 ބިލިއަން ޔޫރޯ އަށް އަރައިފަ އެވެ.
އިއްޔެ ކުރިއަށް ދިޔަ ބާސާގެ ރައީސަކު އިންތިހާބު ކުރުމުގެ ވޯޓްގައި މެސީ ވޯޓްލައިފައި ވުމުން ލަޕޯޓާގެ އުއްމީދަކީ ވީ އެންމެ އަވަހަށް މެސީގެ ކޮންޓްރެކްޓް އާ ކުރެވިގެން ދިއުންކަމަށް އޭނާ ހާމަކުރައްވައެވެ. އެހެންކަމުން އިއްޔެގެ މި ނަތިޖާ އާއިއެކު ގިނަބައެއްގެ ނަޒަރު ހުއްޓިފައިވަނީ މެސީގެ ކުރިމަގާއި މެދު ކަންތައްތައް ވެގެންދާނެ ގޮތަކާއިމެދުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...