ޚަބަރު

ކޯސްޓް ގާޑުގެ ހުނަރުވެރި އޮފިސަރުން ހެއްދެވި ލަވަ އިވުމުން ކުރެވުނީ ފުންއިޙްސާސްތަކެއް – މިނިސްޓަރ މާރިޔާ

   ނޫ ކަނޑާ ފެހި ޖަޒީރާތަކުން ހިތްއުފާދޭ، މަގޭ ރީތި ވަޠަނޭ ފިދާވާނަމޭ، 

          ވިންދު ހަމަޔަށް މިމޭގާ ޖަހާހާ ހިނދެއްގާ، ޚާދިމެއް މީ މިޤައުމުގެ ފިދާވާނަމޭ،

                ވެރިވެދާނޭ ހަތުރުވެރި ނުފޫޒުން މިބިން، ވެލިފުކެއްހާ ވިޔަސް ބީވެގެންދިޔަ ނުދޭން،

                        ދިވެހި މާޒީގެ ފަތްފުށްތަކުން ދަރުސު ލިބިގެން، ޙިކުމަތާއެކު ރުކުރުވާ ބަދަހި ސަފުތަކުން”

ކޯސްޓް ގާޑުގެ ހުނަރުވެރި އޮފިސަރުން ރާގު ހައްދަވައި، ތައްޔާރުކުރައްވާފައިވާ (މަތީގައި އެވާލަވަ ) މިރީތި، ހިތްގައިމު ލަވަ އަހަމުންދިޔައިރު، ކުރެވުނީ ވަރަށް ފުން އިޙްސާސްތަކެއެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ސިފައިންގެ ހަފްތާ މަޖައްލާ “އައްޑަނަ” އަށް “ޤައުމީ މަޞްލަޙަތުގެ ޙިމާޔަތުގައި” މިސުރުޚީގެ ދަށުން ލިޔުއްވި ލިޔުމެއްގައެވެ. އެލިޔުއްވުން ކުރިއަށް ގެންދަވަމުން އެކަމަނާ ވިދާޅުވީ 99.7 އިންސައްތަ ފެނުގެ މައްޗަށް އެކުލެވިފައިވާ، ވަށައިގެން މާސިންގާ ކަނޑު ނޫނީ ނުވާ، މިޖަޒީރާ ޤައުމުގެ ކަނޑުފަޅުތައް ޙިމާޔަތްކޮށް، ރައްޔިތުންގެ ފުރާނަޔާއި މުދާ ސަލާމަތްކުރަން، ރެއާއި ދުވާލު، ޙަރަކާތްތެރިވަމުންދާ ކޯސްޓް ގާޑުގެ ސިފައިންގެ އިޚްލާޞްތެރި ޝުޢޫރުތަކުން، ދިވެހި ޤައުމާއި ރައްޔިތުންނާ މެދު، ސިފައިންގެ ހިތްތަކުގައި އޮތް އިޚްލާޞްތެރިކަން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެކަމަށެވެ.

ވެލިފުކެއްގެ މިންވަރު ވިޔަސް، ބޭރުގެ ބައެއްގެ އަތަށް ދިޔަ ނުދޭން، ތިމަންނާމެން މިތިބީ ބަދަހި ސަފުތަކެއްގައި އެތުރި ތަރުތީބުވެގެންކަން އެބޭފުޅުން އެވަނީ ޔަޤީންކޮށްދެއްވާފައި ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާގެ ލިޔުއްވުމުގައި އިތުރަށް ވިދާޅުވެފައިވަނީ ދިވެހި އަސްކަރިއްޔާއާމެދު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ތަޞައްވުރުގެ އެންމެ މުހިންމު އެއް އަޞްލަކީ، ހުރިހާ ހާލަތެއްގައިވެސް، ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުން ކަމުގައެވެ.

އަޅުގަނޑުމެން ކުރިއަށް މިދަނީ، މި މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި، ހުރިހާ ގޮތަކުން ވިސްނައިގެން، މިސަރަޙައްދުގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޕާޓްނަރުންނާވެސް ގުޅިގެންކަމަށާއި، އެތައް އަހަރެއް ވަންދެން، ބައިނަލްއަޤްވާމީ އެކި ޕާޓްނަރުންގެ ކިބައިން އެކަމަށް އެދުމަށްފަހު، އަވަށްޓެރި އިންޑިޔާ ސަރުކާރާ ގުޅިގެން، “ސިފަވަރު” މަޝްރޫޢުގައި ޙަޤީޤީ ކުލަ ޖެހި، އެމްއެންޑީއެފް ކޯސްޓްގާޑަށް އަމިއްލަ ޑޮކްޔާޑަކާއި ބަނދަރެއް މިއަދު ލިބިގެން މިދިޔައީވެސް ސަރުކާރުން ގެންގުޅުއްވާ “ޑިފެންސް ޑިޕްލޮމަސީ އެންޑް ކޯޕަރޭޝަން”ގެ ހަރުދަނާ ސިޔާސަތުގެ ތެރެއިންކަމުގައި އެކަމަނާގެ ލިޔުއްވުމުގައި ވިދާޅުވެފައިވެއެވެ.

އަދި މިއީ ކޯސްޓް ގާޑުގެ ސިފައިންނަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހަކަމެއްކަމަށާއި، ދިވެހި ކޮންމެ ރައްޔިތަކަށް ލިބުނު އުފާވެރި ޚަބަރެއްވެސްކަމުގައި ވިދާޅުވަމުން މި ނޫ ކަނޑާއި ފެހި ޖަޒީރާ ރަށްތަކާއި އެރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޙިމާޔަތުގައި، ޖާނުން ފިދާވާން ޖެހުނަސް، އެކަމަށް ތައްޔާރަށް ތިބި، ދިވެހި އަސްކަރިއްޔާގެ ސިފައިން، އިޚްލާޞްތެރިކަމާއި ސާބިތުކަމާއެކު، ޤައުމީ ވާޖިބު އަދާކުރުންމަތީ ދެމިތިބުމުގެ ހެޔޮ ތައުފީޤު، މާތްﷲ މިންވަރުކޮށްދެއްވުން އެދި އެ ލިޔުން ނިންމަވާލައްވަމުން އެކަމަނާ ދުޢާކުރައްވާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close