އިދިކޮޅު ކޯލިޝަނުން އިންޑިޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކޮށްފި
އިންޑިޔާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ސުބްރަމާނިއަމް ޖަޔަޝަންކަރާއި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންމިއަދު ބައްދަލުކޮށްފިއެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިޔާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ސުބްރަމާނިއަމް ޖަޔަޝަންކަރާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕް ގްރޫޕުގެ ބޭފުޅުންގެ ބައްދަލުވުން އޮތީ މާލޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުގައެވެ.
މިއަދު މެންދުރު އޮތް މި ބައްދަލުވުމުގައި ޕީ.ޕީ.އެމް.-ޕީ.އެން.ސީ.ގެ ވަފުދުގައި އިސްކޮށް ހުންނެވީ ކޯލިޝަން ހިންގަން ވަގުތީގޮތުން ޙަވާލުވެވަޑައިގެން ހުންނެވި ޕީ.އެން.ސީ. ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އެމަނިކުފާނުގެ އަރިހުގައި ލީޑަރޝިޕް ގްރޫޕްގެ މެންބަރުން ކަމުގައިވާ ޕީ.އެން.ސީ ގެ ނާއިބު ރައީސުން މުޙައްމަދު ޙުސައިން ޝަރީފް، މުޙައްމަދު ސައީދު އަދި އާދަމް ޝަރީފް ޢުމަރު، ޕީ.ޕީ.އެމް ގެ ނާއިބު ރައީސުން މުޙައްމަދު ޣައްސާން މައުމޫން އަދި އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގަތެވެ. އަދި، ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، އެޑްވައިޒަރ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އަދި ޕީ.އެން.ސީގެ ސެކްރެޓަރީ ޖެނެރަލް ޤީލާ ޢަލީ ވެސް ހިމެނިވަޑައިގަތެވެ.
މި ބައްދަލުވުމުގައި، ވާދަވެރި ކޯލިޝަންގެ ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަސާސީ އެތަކެއް ޙައްޤެއް ނިގުޅައިގަނެވި، އެމަނިކުފާނު ނުޙައްޤުން ޖަލަށް ލައިގެން މި ސަރުކާރުން ކަންކުރަމުންގެންދާ ގޮތުގެ މަޢުލޫމާތު އިންޑިޔާގެ ޚާރިޖީ ވަޒީރަށް އެރުވާފައިވާނެ ކަމަށް އެކޯލިޝަނުން ވިދާޅުވިއެވެ.
އޭގެ އިތުރުން، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަވެރި ސިޔާސީ ޕާޓީއަށް ހަމަހަމަ ފުރުޞަތު ތަނަވަސްކޮށްދީފައި ނުވާކަމާއި، ޕީ.ޕީ.އެމް. އިން ކެމްޕޭން ކުރުމަށް ސަރުކާރުން އެކިގޮތްގޮތުން އަޅަމުންދާ ހުރަސްތަކަށްވެސް ވަފުދުގެ ބޭފުޅުން އަލިއަޅުއްވާލައިފައިވާނެ ކަމަށް އެކޯލިޝަނުން ވިދާޅުވިއެވެ.
ރާއްޖޭގައި ޤާއިމުކުރެވުނު ޑެމޮކްރެޓިކް ނިޒާމު، މި ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން އަންނަނީ ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންކަން ފާހަގަކޮށް، ރާއްޖޭގައި ދާޚިލީ ހަމަޖެހުން އޮތުމަކީ އިންޑިޔާއަށް މުހިންމުވާނެކަމެއްކަން ޔަޤީންވާކަމުގައިވެސް ވަފުދުގެ ބޭފުޅުން ވިދާޅުވިއެވެ. އެގޮތުން، ސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު ގާތުން ފާރަވެރިވުމަށާއި، ޑެމޮކްރަސީގެ މަގަށް ރުޖޫއަވުމަށް ސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިޔާއިން ބާރުއެޅުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައިފައިވާނެ ކަމަށް އެކޯލިޝަނުން ވިދާޅުވިއެވެ.
އިންޑިޔާއަކީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ސަމާލުކަންދޭނެ ޒިންމާދާރު އަވަށްޓެރިއެއް ކަމަށާއި، އެގޮތުން ރާއްޖޭގެ ވާދަވެރި ސިޔާސީ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް އަބަދުވެސް އިސްކަންދެއްވާނެކަމަށް އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. ޖަޔަޝަންކަރ ވިދާޅުވިއެވެ.


