ވާހަކަ

ކުއްލި ބަދަލު

މިހާރު ގަޑިން މެންދަމުންއަލިވެ ދެގަޑިބައިވެއްޖެ އެވެ. މިހާ ދަންވި އިރުވެސް ސިއުނާ ނިދަން ގެއަކަށް އަދި ނާދެއެވެ. ސަބަބެއް ނޭނގުނު ނަމަވެސް، ސިއުނާގެ އުޅުމަށް ކުއްލިއަކަށް އަންނަމުންދާ ބަދަލުތަކާ މެދުގައި ބައްޕަ އަޙުމަދު ފުޅާއި މަންމަ ޙައްވާ މަނިކެގެ ފިކުރު ދަނީ އިންތިހާޔަށް ބޮޑުވަމުން ދެއެވެ. އަޙުމަދު ފުޅަކީ ބާޒާރު ފިހާރައެއްގެ ސޭޓަކަށް ވުމުން ހެނދުނު މައިރާ ފިހާރަޔަށް ދުރުވެފައި އެނބުރިގެއަށް ދުރުވެވެނީ ކޮންމެ ރެއަކުވެސް ދަންބައެއްއަޅައި ދާ ފަހުންނެވެ. ސިއުނާ ކުޑައިރުގައި ތަންކޮޅެއް އިރާކޮޅު ގެއަށް ދުރުވިއެވެ. ބައްޕަ ގެއަށް ދުރުވާއިރު ސިއުނާ އަބަދުވެސް ބައްޕަޔާއި ބައްދަލު ކުރެއެވެ. އެކަމަކީ، ސިއުނާ ވަރަށް ތުއްތު އިރުން ފެށިގެން އަދާހަމަޔަށް ކުރަމުން އަންނަ ކަމެކެވެ. ގިނަފަހަރު އިންނަނީ ފިލާވަޅެއް ދަސްކުރަން ނުވަތަ ކޮންމެވެސް ކަހަލަ ފޮތެއް ކިޔަން ބޭރުގޭތެރެގައި ހުންނަ ސަރަންފީ ގޮނޑިތަކުން ގޮނޑިއެއްގައި އިށީދެގެންނެވެ. މިހާރު، ސިއުނާ ކިޔަވަމުންދަނީ ސައިރިކުސް ކޮލެޖުގައި ކޮމްޕިއުޓަރ ޕުރޮގުރާމިންގ ޑިގުރީ ކޯހެއްގައެވެ. ސިއުނާ ވަނީ އަމީނިއްޔާ ސުކޫލުން ޖީސީއީ އޯ ލެވެލް އާއި އޭލެވެލް ޓޮޕު ޓެންގެ ތެރޭހިމެނިގެން އެ ކާމިޔާބު ޙާޞިލު ކޮށްފައެވެ. ކިޔަވަން ވަރަށްމޮޅު ތޫނުފިލި ކުއްޖެކެވެ. ސިއުނާއަކީ، އަޙުމަދު ފުޅާއި ޙައްވާ މަނިކެއާ ދެމަފިރީންނަށް ކުއްޖަކު ނުލިބިގެން އުޅޭތާ އެތައް އަހަރުތަކެއް ވުމަށް ފަހުން ލިބުނު ހަމައެކަނި ދަރިފުޅެވެ. އެދެމަފިރިންގެ ހުރިހާ އުންމީދެއް ވަނީ ސިއުނާއާއި ގުޅިފައެވެ. ސިއުނާއަކީ ކުޑައިރުއްސުރެ ވެސް ވަރަށް ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. އެހެންކަމުން، މައިންބަފައިންގެ އިތުބާރު އޭނާއަށް ވަނީ ވަރަށް ބޮޑަށް ލިބިފައެވެ. ހަމައެފަދައިން، މައިން ބަފައިންގެ ފަރާތުން ލިބެންޖެހޭ އޯގާތެރިކަމާއި ލޯތްބާ އަޅައިލުން ދަނީ ސިއުނާއަށް ވަރަށް ފުރިހަމައަށް އަބަދުވެސް ލިބެމުންނެވެ. އުޅެނީ ވަރަށްއުފަލާއި ހިތް ހަމަޖެމުމާ އެކުގައެވެ. ދަތި ވާ އެއްވެސް ކަމެއް ނޯވެއެވެ.

ވީގޮތެއް ނޭނގި ކުއްލިއަކަށް ސިއުނާއަށް މިއަންނަންފެށި އަޖައިބެއްފަދަ ބަދަލާއި މެދުގައި ޝައްކެއް ހިނގާ ޒާތުގެ ވާހަކައެއް ގޭދޮށު އަވަށްޓެރިއެއް ކަމަށްވާ ޢައިޝާފުޅު ދާދި މިދާކަށްދުވަހު އަޙުމަދު ފުޅު ފެނިގެން ބުނެފައިވެއެވެ. ޢައިޝާފުޅު ބުނި ގޮތުގައި، އަންހެނެއްހެން ބޮލުއިސްތަށިގަނޑު ދިގުކޮށް ބޮލުމެދަށް ހުޅިޖަހައި، އަދި ކަންފަތުގައި އެކިވަރުގެ ބޮޅުތަކެއް ލައްވާފައި ހުރި ފިރިހެނެއްގެ ސައިކަލު ފަހަތަށް ސިއުނާ އަރައިގެން ގޮސްއައިސް ވާތަން އޭނާޔަށް ވަނީ ފެނިފައި ކަމަށެވެ. އެކަމާމެދުގައި ޢައިޝާފުޅުވެސް ހުރީ ޙައިރާންވެ އަންތަރީސް ވެފައެވެ. އެހެނީ، މިމަންޒަރަކީ ސިއުނާގެ ފުށުން ދުވަހަކުވެސް ފެނިދާނެކަމަށް ހީވެސްކުރެވިފައި ވާ ޒާތު ކަމަކަށް ނުވާތީއެވެ. ސިއުނާއަކީ ނުލާހިކު ކިޔަމަންތެރި ބަސްއަހާ ޚުލުޤު ރިވެތި ކުއްޖަކަށް ވާ ތީއެވެ. އަޙުމަދު ފުޅު އުޅުއްވާ ފިހާރައިން އާދަކޮށް ވިޔަފާރިކުރާ، އަޙްމަދު ފުޅުގެ ގޭކައިރީގައި ކަންމަތީ ފިހާރައެއް ހިންގާ ޙަސަނަށް އެއްދުވަހަކު ސިއުނާއާ ވަރަށް ވައްތަރު ކުއްޖަކު، އެއްފަޔަށާ އެއްއަތަށް އެކިކުލައިގެ ރަބަރު ބޭންޑުތަކެއް އަރުވާ، އަދި ފަޓުލޫނު ޅިދުން ސޮއްސާލައި، އިސްތަށިގަނޑުން ހުޅިއެއް ޖަހައިގެންހުރި ފިރިހެން ކުއްޖަކާ އެކީ ސިނގިރޭޓު ބޯން އާރޓިފިޝަލް ބީޗުގައި ހުރި ކެފޭއެއްގެ ތެރެއިން ދުއްކަމަށް ބުނެފައިވެއެވެ. މިހުރިހާ ވާހަކަތަކެއް އެއްކޮށްލުމުން ވިސްނުނު އެއްޗަކުންނާއި، ސިއުނާއަށް އައިސްގެން މިއުޅޭ ބަދަލުތަށް ގުޅައިލުމުން ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ވިސްނައިގަތުމަށް މާކަ އުނދަގުލެއް ނުވިއެވެ. ޙަޤީޤަތް ސާފުކޮށް ހޯދާ ދަރިފުޅު ސަލާމަތް ކުރުމަކީ ވަގުތުން ވަގުތަށް ކުރަންޖެހޭނެ މުހިންމު ކަމެއްކަމުގައި ދެކި އެކަން ކުރުމަށް ނިންމިއެވެ.  އެހާ ލޯބިން ބޮޑުކުރި ދަރިފުޅަށް މިއުޅޭ ‘ޑުރަގު ވަބާ’ ޖެހުނީތާއޭ އަޙުމަފު ފުޅު ހިތަށްއެރިއެވެ. އަޙުމަދު ފުޅުގެ ދެމަފިރިން ގަސްތުކުރީ މިރޭ ކިތަންމެ ލަހުން ސިއުނާ ގެއަށް އައިނަމަވެސް އޭނާއަށް ވެގެން މިއުޅޭ ގޮތެއް އަހައި ސާފުކޮށް އޮޅުންފިލުވުމަށް ފަހު ނޫނީ ނުނިދުމަށެވެ. ދަރިއަކު ހަލާކުވެގެން ދާތަން ބަލަން  އަޅައިނުލައި ތިބުމަކީ ހިތަށް ކުޅަދާނަ ކަމަކަށް ނުވާތީއެވެ. ދަރިންގެ ކަންތަކުގައި އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭނީ މައިންބަފައިން ކަމުގައި ޤަބޫލު ކުރާތީއެވެ.

ގަޑިން ފަތިހު ހަތަރެއްޖަހަން ގާތްވިތަނާ ގޭގެ ދޮރުމައްޗަށް ސައިކަލެއް މަޑުކުރި އަޑު އިވިއްޖެއެވެ. އަޙުމަދު ފުޅު ގޮނޑިން ތެދުވެ މަޑުމަޑުން ގޮސް ކުޑަ ދޮރުން ބޭރު ބަލައިލިއިރު  ސިއުނާ ސައިކަލު މަތިން ފައިބަނީއެވެ. ސައިކަލު ދުއްވަން އިނީ، ހެޔޮއެދޭ ގާތް ރައްޓެހިން ކިޔައިދިން ވާ ސިފަތައް ހުރި މީހެކެވެ. އަޙްމަދު ފުޅު ބަލަން ހުއްޓައި ދެން ފެނުނީ ބައްޕަޔަކަށް ބަލަން ނުކެރޭފަދަ ހުތުރު މަންޒަރެކެވެ. ސިއުނާ ފުށުން ފެނިދާނެކަމަށް ޚިޔާލުވެސް ނުކުރާފަދަ ބަދު އަޚްލާޤީ ޢަމަލެކެވެ. ކުއްލިޔަކަށް ބޭއިޚްތިޔާރުގައި އަޙުމަދު ފުޅަށް ލޯ މަރައިލެވިއްޖެ އެވެ. އަވަހަށް އެތަނުން އެނބުރި އައިސް ކުރިން އިށީނދެއިން ތަނުގައި އިށީނދެވިއްޖެއެވެ. ކިހިނެތްވީތޯ ޙައްވާ މަނިކެ އެހުމުން ޖަވާބެއް ނުދީ ގޭގެ މައި ދޮރާ ދިމާލަށް ބަލަން އިނދެއްޖެއެވެ. ސިއުނާ މަގުމަތީ ގޭޓުން ވަދެގެން އައިސް ގޭގެ މައިދޮރުގެ ދޮރުފަތް ހުޅުވައިލުމާއެކު ބައްޕަ އާއި މަންމަ ނިދި ނުކުރައްވާ ސިޓިން ރޫމުގައި ތިއްބެވިތަން ފެނުމުން ކުއްލި ސިހުމެއްލިބި ކުރިޔަށް އެޅި ފިޔަވަޅު ފަހަތަށް އެޅިއްޖެއެވެ. ބައްޕަމެން ފެނުނު ކަމަށް ނުހަދައި، އިސްދަށަށްޖަހައިގެން އޭނާގެ ކޮޓަރިއަށް ދިޔުމަށް ހިނގައިގެންފި އެވެ. “ދަރިފުޅާ ސިއުނާ އިހަށް ކޮޓަރިއަށް ނުގޮސް މިތަނަށް މަންމައާ ބައްޕަގެ ކައިރިއަށް އައިސްބަލަ. ބައްޕަމެން ދަރިފުޅާ ވާހަކަ ދައްކާލަން ވަރަށް ބޮޑަށް ބޭނުންވެގެން ނުނިދާ މިތަނުގައި މިރޭ މިތިބީވެސް.” އަޙުމަދު ފުޅުގެ އަޑުގައިވަނީ މަޑުމޮޅިކަމުގެ އަސަރެވެ. “އަނެއްކާ! އަހަރެންނާ ކޮންވާހަކައެއް ދައްކަންވީ.” ސިއުނާ ވަރަށް ރުންކުރު، އަދަބު ކުޑަ ގޮތަކަށް ބައްޕަޔަށް ޖަވާބުދިނެވެ. ސިއުނާގެ މަންމަ، ލިބުނު ޙައިރާން ކަމާއިއެކު ސިއުނާއާ ދިމާލަށް ބަލައިލާފައި ހިތަށްއެރިއެވެ. މާތް ﷲ ގެ ކުޅަދުންވަންތަވެރިކަމެވެ. މިހާ މަދު ދުވަސްކޮޅެއް ތެރޭގައި، ނުހަނު ލޯބިން އެތަކެއް ޤުރުބާނެއް މާލާ ޖާނުންވެގެން ބަލައިބޮޑުކުރި ދަރިފުޅަށް އައިސްފައި މިވަނީ ކޮންފަދަ ބޮޑު ބަދަލެއް ހެއްޔެވެ! ސިއުނާ އަކީ އަބަދުވެސް އަދަބުވެރިކަމާ އެކުގައި ބައްޕައާ ވާހަކަދައްކާ އަދަބުވެރި ކިޔަމަންތެރި ޚުލްޤު ރިވެތި ކުއްޖެކެވެ. މާތް ﷲ މިދަރިފުޅަށް ޖެހިގެން މިއުޅޭ މުސީބާތުން ސަލާމަތް ކުރައްވާށިއެވެ! “ދަރިފުޅާ ސިއުނާ ބަލަ ދަރިފުޅުގެ ބައްޕަ ނޫންތަ އެވާހަކަ ދައްކަވަނީ؟ މިހާރު ބައްޕައަށް އެއްވެސް އިޙުތިރާމެއް ޤަދަރެއް ކުރުމެއް ނެތުނީތަ؟ ދަރިފުޅާ މިތަނަށް އައިސް ނިކަން ބައްޕައާ މަންމައާ ދެމެދުގައި އިށީދެބަލަ. ބައްޕަ އެދައްކަވަން އުޅުއްވާ ވާހަކައެއް ނިކަން އަޑު އަހާލަން. ބުނަންތަ! ތިޔަހެން އުޅޭކަށް ހަމަ ހެޔޮނުވާނެ ދަރިފުޅާ.” ސިއުނާގެ މަންމަޔަށް ރޮވިއްޖެއެވެ. ސިއުނާ އެހުރި ފިޔަވަޅުމަތިން ކުޑަކޮށް ބައްޕަމެންނާ ގާތަށް ޖެހިލައިފިއެވެ. އެކަމަކު ހުރީ ކުރިންވެސް ހުރިގޮތަށް އިސްޖަހައިގެންނެވެ. “ދަރިފުޅު މިހާރަކަށް އައިސް މިހާދަންވަންދެން ނުނިދާ ބޭރުގައި އުޅެންޖެހޭނެ އެއްވެސް ސަބަބެއް ބައްޕަމެނަށް ވިސްނަވިސްނާވެސް ހަމަ ނޭނގުނު. ދަރިފުޅަކީ ދުވަހަކުވެސް ތިހެން އުޅުނު ކުއްޖެއް ނޫން. އެކަހަލަ މީހުންނާ ގުޅުން ބަހައްޓައިގެން އުޅުނު ކުއްޖެއް ނުމެނޫން. މިހާރު ތިޔަ ކަންތައް ކުރާ ގޮތަކީ ފަތިސްވީމައި ގެއަށް އައިސް، މެންރުންއަނބުރާ ދާންދެން ނިދާފައި ތެދުވެ ފިލަފިލައިގެން އަވަހަށް ބޭރަށްދިއުން. ފިލާވަޅު ދަސްކުރުމެއް، ކުލާހަށް ދިއުމެއްނޯވޭ. ބައްޕަމެންގެ ލޮލަށް ދަރިފުޅު ފެންނަނީއެއް ނޫން. މިގޭތެރޭގައި ކުރިން އޮތް އުފާވެރިކަން މުޅިން ގެއްލިގެން ހިނގައްޖެ. ދަރިފުޅާ ބުނަންތަ! މިހުންނަނީ ވަރަށް ބޮޑެތި އެކަމާމެދު ދަރިފުޅުވެސް ފުންކޮށް ވިސްނަން ޖެހޭނެ ކަންކަން. އެންމެރަނގަޅު! ދެންމެ ތިއައީ ކާކުގެ ސައިކަލެއްގެ ފަހަތުގައިތަ؟ ނިކަން ބައްޕަޔަށް ބުނެދީބަލަ.” “އެއީ ބޮޑުދައިތަ މެންގޭ ކުރިމަތީގައި ހުންނަ ޙުސެއިން މަނިކު ގޭގައި އުޅުނު ޝުޖާޢު.” ސިއުނާ ހަރުކަށި ގޮތަކަށް ޖަވާބުދިނެވެ. “އަސްތަޣުފިރުﷲ! ޝުޖާޢުއޭ! އެކަމަކު ވާ ސިއުނާ! އޭނާ އެއީ މަސްތުވާތަކެތި ބޭނުންކޮށް، ވިއްކާ ހަދައިގެން ޖަލަށްލާފައި ހުރި މީހެއް. ޙުސެއިން މަނިކުގެ ގެއިން އޭނާ ނެރުނީވެސް އެމަސްއަލަ ދިމާވެގެން. މަންމަ ގާތުގައި ބޮޑުދައިތަ އެއްދުވަހަކު އެ ވާހަކަ ކިޔައިދެމުން ބުނި. ފުލުހުން އޭނާގެ އަތުގައި ބިޑި އަޅުވައިގެން ގޮވައިގެން އައިސް ޝުޖާޢު ނިދަންދީފައި ހުންނަ ކޮޓަރިއާ އަދި މުޅިގޭތެރެ އެއްކޮށް ބަލައި ފުލުހުން ފާސްކޮށް ހެދިކަމަށް. އެ ކަންތައް އެ ގޮތަށް ހިނގުމުން އެ މީހުން ގަތްލަދުންނާ ގަންނާކުރެއްވި ބިރުން ޝުޖާޢު އެގެއިން ބޭރުކުރީވެސް އޭނާ ފުލުހުންގެ ހައްޔަރުގައި ޖަލުގައި ހުއްޓައި. އެކަހަލަ ވިޔާނުދާ ގޯސް ޢަމަލުތައް ކުރާ ވިޔާނުދާ މިހުންނާ ދަރިފުޅު ތިޔަހަރަ ރަނގަޅު ކުއްޖާ ވިއްޔާ ތިޔަގުޅުނީ، ކީކޭ ފަހެ ދެން ބުނާނީ!”

ގުޅުންހުރި ލިޔުންތައް

“ޕައްޕަ ގާތުގައިވެސް ގާތް ރައްޓެއްސަކު ބުނި، ސިއުނާއާ ވަރަށް ވައްތަރު ކުއްޖަކު، ބޯދިގުކޮށް އިސްތަށިގަނޑުން ހުޅިއެއްޖަހައި އަދި ކަންފަތުގައި އެކިވަރުގެ ބޮޅު އެލުވައިފައި ހުރި މީހަކާ އެކު ކެފޭއެއްގެ ތެރޭގައި ސިނގިރޭޓު ބޯން އިންތަން އޭނާ ދުށްވާހަކައެއް. ދަރިފުޅު މިހާރު ސިނގިރޭޓު ވެސް ބޯން ފެއްޓީތަ!” ޙުސެއިން މަނިކު ސިއުނާއާ ސުވާލު ކުރެއްވިއެވެ. “ބޯދިގުކޮށް ބަހައްޓާހާ ބަޔަކީ ވިޔާނުދާ މީހުން ކަން އެނގެނީ ކިހިނެތްތަ؟” ބައްޕަ ކުރެއްވި ސުވާލަށް ޖަވާބުދެމުން ސިއުނާ ބުންޏެވެ. “ދަރިފުޅާ ތިޔަ ވާހަކައެއް ނޫނޭ ބައްޕަ މިބުނަނީކީ. ނިކަން ވިސްނައިގެން އަޑުއަހާބަލަ. އަހަރުމެންމީ މާތްވެގެން ވާ އިސްލާމް ދީނަށް ތަބަޢަވެގެން، އެ ދީނުގެ ޙުކުމްތައް ޤަބޫލުކޮށްގެން އުޅޭ މުސްލިމުން. އެ ދީނުގައިވަނީ ކޮންމެ ކަމަކަށްވެސް އިންތަކަކާއި މިންތަކެއް ކަނޑައަޅުއްވާފައި. އަދި، ހަމަ އެހެންމެ މުސްލިމުން އެ އިންތަކުން ބޭރުނުވުމަށް ވަރަށް ޞަރީޙަ ބަސްފުޅުން ވަނީ އަންގަވާފައި. އިސްލާމް ދީނުގައި ވަނީ އަންހެނުން އަޅާގޮތަށް ފިރިހެނުން ހެދުން ނޭޅުމަށާ، ފިރިހެނުން އަޅާގޮތަށް އަންހެނުން ހެދުން އަޅާ ނުހެދުމަށްވެސް އަންގަވާފައި. ދަރިފުޅަކީ އެކަންތައް ވަރަށް ރަނގަޅަށް އެނގޭނެކުއްޖެއް. އަދި އެހެން ނޫނަސް ވިޔާނުދާ މީހުންނާ ގުޅުން ބަހައްޓާނަމަ ގިނަފަހަރަށް އޮންނާނީ ހެޔޮމަގުން ކަސިޔާރުވެވި އެމީހުން އެއުޅޭ ވިޔާނުދާގޮތަށް ލެނބި އެ މަގުން ދެވިފައި. މިހާރު ދަރިފުޅުގެ އަތުގައި އޮތް އަތުކުރީ ގަޑިއާ ކަރުގައި އޮތް ރަންފަށް ކޮބައިތަ؟” “އެ..އެ.. ވީ ޝުޖާޢު ވަރަށް ބޮޑަށް ދަތިވެ ދަރައިގެން އެދަރަނި އަދާކުރުމަށް ވިއްކާލާފައި. އޭނާ ބުނި ފައިސާ އޭނާޔަށް ލިބުނީމަ އެ ތަކެތި އަނބުރާ ގެނެސްދޭނަމޭ.” “އެކަމަކު، ބައްޕަޔަށް ތިޔަވާހަކަ ޤަބޫލުކުރަން ހާދަ އުނދަގުލޭ ދަރިފުޅާ! މަންމަ ދެންމެ އެބުނީ ޙަޤީޤަތެއްނަމަ، މިހާރުވާނީ އެ ތަކެތި ވިއްކާ، އަދި އެފައިސާއަށް މަސްތުވާ ތަކެތި ގަނެފައިކަން ހަމަ ކަށަވަރު ޔަޤީން ކަމެއް. މިއީ ބައްޕަ މިދައްކަން އުޅޭ ވާހަކައަކީ. ދަރިފުޅަކީ ދުވަހަކުވެސް ސިނގިރޭޓްބޮއި އުޅުނު ކުއްޖެއްވެސް ނޫން އަދި ދަރިފުޅުގެ މަންމަޔާ ބައްޕަ އަކީވެސް ދުންފަތުގެ އިސްތިޢުމާލު ދުވަހަކުވެސް ކުރި ބައެއްނޫން. ދަރިފުޅު މިހާރު ތިޔަހުރީ ޝުޖާޢުގެ މަޅީގައި ހަމަ ނިކަން ރަނގަޅަށް ޖައްސާފައިކަން ޔަޤީން. ޝުޖާޢާ ދަރިފުޅު ރައްޓެހެވީ ކޮންތަނަކުން ކޮންއިރަކު؟ ހަމަގައިމުވެސް މިގެއަށްއައިސް އުޅުނު މީހެއްނޫން އެ ޝުޖާޢު އަކީ.” “ޙުސެއިން މަނިކު ގޭގައި އޭނާ އުޅުން އިރު ބޮޑުދައިތަގެއަށް އަހަރެން ގޮސް އުޅުމުން ބައެއްފަހަރު ފެނޭ އަދި ކުޑަކޮށް ވާހަކަވެސް ދައްކާ ހަދާތީ އަހަރެން އޭނާ ދަންނަން.” ސިއުނާ ބައްޕަޔަށް އޮޅުންފިލިވާ ދިނެވެ. “ދެން، އެހާ ދުރު ރައްޓެހި ކަމެއް ކުއްލިއަކަށް މިހާ ބަދަހިމިވީ ކޮންކަމަކާ ލައިގެން؟” “ވީގޮތަކީ، އެއްދުވަހަކު އަހަރެން ކޮލެޖައް ގޮސްފައި އެނބުރި ގެއަށް އަންނަނިކޮށް ފެނިގެން ޝުޖާޢު ބުނީ ސައިކަލަށް އަރާށޭ ގެއަށް ގެންގޮސްދޭނަމޭ. އެދުވަހު ގެނެސްދީފައި، އޭގެފަހުންވެސް އާދޭ. އެހެންގޮސް ރައްޓެހިކަން ބޮޑުވެ ކޮފީއަކަށް ދާންހިނގާށޭ ކިޔާވަރުން އެކަމަށް އެއްބަސްވެވި އޭނާއާ އެކުގައި ދެވުނީ. އަހަރެން ހީކުރީ އޭނާ ދާނީ ރެސްޓޯރަންޓަކަށް ކަމަށް. އެކަމަކު ގެންދިޔައީ އޭނާ އުޅޭ ކޮޓަރިއަށް. އަހަރެން ހުރިން ބިރުން ކޮޓަރިއަށް ނުވަންނަން ވެގެންވެސް. އަހަރެން ޖެހިލުންވެފައި ހުރުމުން އެއްވެސް ކަމެއް ނުވާނޭ ބިރު ނުގަންނާށޭ ކިޔާފައި އޭނާގެ ކޮޓަރިއަށް ވެއްދީ. އޭނާ ގެނެސްދިން ކޮފީ ބޮއިގެން އަހަރެންނަށް ނޭނގުނު ވީގޮތެއްވެސް. ނިދިފައި ހޭލެވުނީ އެރޭވަރަށް ދަންވިފަހުން. މުޅި ހަށިގަނޑަށް ހުރީ ޒާތެއްގެ ފިންޏެއްވެ އަދި ބޮލަށް ބަރުވެފައި. ޝުޖާޢު ބުނީ އެއީ އެއްވެސް ކަމެއްނޫނޭ ފަހުން ވަރަށް ރިލެކުސް ވާނެޔޭ. ދެން އެ ކޮފީ ވީ އަހަރެންނަށްވެސް ވަރަށް ކަމުދާ އެއްޗަކަށް.” މިވާހަކަ މިހާހިސާބަށް ސިއުނާ ކިޔައިދިން އިރު ސިއުނާގެ މަންމަ ގިސްލައި ރޮމުންދަނީއެވެ.

“ދަރިފުޅާ އާދޭހާއިއެކުގައި ބައްޕަ މިބުނަނީ ޝުޖާޢުއާ ދުރުވޭ. ނޫނީ ދަރިފުޅުގެ މުޅި ޙަޔާތު ބަރުބާދުވެ ދެދުނިޔެއިން ގެއްލިދާނެކަން އެއީ ޔަޤީންކަމެއް. ނަތީޖާ އަކަށްވާނީ އެމީހުންނާ އެކުގައި ދަރިފުޅުވެސް ކުށުގެވެށިން ހައްޔަރުވެ ޖަލަށްދާން ޖެހުން. އަދި ތިކަމުގެ އެއްމެ ނުރައްކާތެރި ކަމަކީ ބާރުގަދަ މަސްތުވާ ތަކެތީގެ ބޭނުން ކުރެވިއްޖެނަމަ ދެން އެއިން ދުރުވެގަތުމަކީ އެއްގޮތަކަށްވެސް  ކުރެވޭނެ ކަމެއްނޫން. ރިހެބެއްގައި އެތައްއަހަރަކު ބަހައްޓައިގެން ފަރުވާދިނަސް ހަމަ ދޫކޮށްލާއިރަށް އަލުން އެ ބޯންފަށާނެ. ދުނިޔޭގެ ދިރިއުޅުމާއި އާޚުރަތް އެކީގެއްލި އެދިއައީ. ބައްޕަޔަކަށް އަދި ހިޔެއްނުވޭ ދަރިފުޅަށް ހެރޮއިން ފަދަ ބާރުގަދަ ޑުރަގެއް ޝުޖާޢު ބޯންދިން ހެނެއް.” އަޙުމަދު ފުޅުގެ ވާހަކަ މިހާތަނަށް ދިއަތަނާ މަޑުމަޑުން އަރިއަޅަމުން އައިސް ޙައްވާ މަނިކެ އަޙުމަދު ފުޅުގެ ގައިގައި ލައްވެއްޖެއެވެ. އަޙުމަދު ފުޅު ބަލައިލިއިރު ޙައްވާ މަނިކެ އޮތީ ޚަބަރު ހުސްވެފައެވެ. އެތަންފެނުމުން ސިއުނާ މަންމާއޭ ކިޔާ ބާރަށް ރޮއިގެންފައި އައިސް މަންމަގެ ގައިގައި އޮޅުލައިގެންފިއެވެ. އަޙުމަދު ފުޅު އުޅުނީ އަވަހަށް ޙައްވާ މަނިކެ ހޮސްޕިޓަލަށް ގެންދިއުމުގެ ކަންތައް އަވަސް ކުރެވޭތޯއެވެ. ސިއުނާ މަންމަގެ ގައިގައި ބައްދައިގެން އޮވެ ރޮމުން، ދެން އަޅުގަނޑު ދުވަހަކުވެސް މިބާވަތުގެ ވިޔާނުދާ ބަޔަކާ ގުޅިގެން ނޫޅޭނަމޭ، އަޅުގަނޑަށް މަޢާފުކުރާށޭ ކިޔަމުންދެއެވެ. މަންމާއޭ އަޅުގަނޑު އެކަނި މިދުނިޔެއަށް ދޫކޮށްލައްވާފައި ވަކިވެނުލައްވާށޭ ކިޔަމުން ގިސްލައި ބާރަށް ރޮމުންދެއެވެ. ޙައްވާ މަނިކެއަށް އެއަޑު އިވޭނީ ކިހިނަކުން ހެއްޔެވެ! އޭނާ ވަނީ ހޭނެތި ޚަބަރުހުސްވެފައެވެ.

ޙައްވާ މަނިކެ ހޮސްޕިޓަލަށް ގެންދިޔަތާ ދެ ގަޑިއެއްހާ އިރުފަހުން ހޭއެރިއިރު ސިއުނާ މަންމަގެ ކައިރީގައި ރޯން އެނދު މަތީ އިށީނދެގެން އިނެވެ. އަޙުމަދު ފުޅު ސިއުނާގެ ބުރަކަށީގައި ފިރުމަމުން، ދަރިފުޅާއޭ! ނުރޮއި ހުއްޓާލާށޭ، ކުށްކުރެވޭނީ އިންސާނުންނަށޭ، ދެން އެފަދަ ކަމެއް ނުކުރުމަށް ޢަޒުމް ކަނޑައަޅާ އިޞްލާޙުވީމައި އެނިމުނީއޭ ބުނެ ނަޞޭޙަތް ދެމުންދެއެވެ. ބައްޕަ އާއި މަންމަ ދަރިފުޅަށް މަޢާފު ކޮށްފީމެވެ. ދެންވެސް އެބާވަތުގެ މީހުންނާ ގުޅިގެން އެމީހުން ހިނގަމުންދާ ގެއްލުން ދެނިވި މަގުން ދަރިފުޅު ނުދިއުމަކީ ބައްޕަމެން އެދޭ ގޮތެވެ. ހިތުގެ ދުޢާވެސް މެއެވެ. ކުށަކީ، އިންސާނުނަށް ކުރެވޭނެ ކަމެކެވެ. މީހާ އިސްލާޙް ވީމައި އެކަން އެ ނިމުނީއެވެ. ހަނދާން ބަހައްޓަންވި ކަމަކީ ކިތަންމެ ރައްޓެހި މީހަކަސް މާތް ﷲ ޙަރާމް ކުރެއްވި ޢަމަލުތައް ކުރާނަމަ އެމީހަކާ ގާތް ގުޅުން ނުބޭއްވުމަށެވެ. އުޅެން ވާނީ އެމީހުންނަށްވެސް ހެޔޮ ނަޞޭޙާތްދީ ހެޔޮމަގަށް ގެނައުމަށެވެ.

ތިންދުވަސް ފަހުން ޙައްވާ މަނިކެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ހޮސްޕިޓަލުގައި މަންމަ އޮތް ދުވަސްތަކުގައި ސިއުނާ އަބަދުވެސް އުޅެމުންދިއައީ މަންމަ ކައިރީގައި ހޮސްޕިޓަލުގައެވެ. ޝުޖާޢުގެ އެއްވެސް އުނދަގުލެއް އެދުވަސް ތަކުގައި ނުފޯރައެވެ. އަދި ސިއުނާ ސިނގިރޭޓު ބޮއެއްވެސް ނޫޅެއެވެ. ސިއުނާގެ މަންމަ ހޮސްޕިޓަލުން ދޫކޮށްލި ދުވަހުގެ ރޭ ބައްޕަމެންނާ އެކުގައި ސިއުނާ ރޭގަނޑުގެ ކެއުން ކާންއިނދެ ބަލަމުން ގެންދިޔަ ޚަބަރުގެ ތެރެއިން ކީޚަބަރެއްގައި، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޭނުންކުރަމުންދިއަ ނެޓުވާރކެއްގެ އެތައްބަޔަކު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ވާ ހެރޮއިންއަށް ޝައްކުކުރެވޭ ޕެކެޓުތަކަކާ އެކު ހައްޔަރުކުރި ވާހަކައެއް ކިޔައިފިއެވެ. މަގުމަތީ އަގު މިލިއަނެއްހާ ރުފިޔާގެ މަސްތުވާ ތަކެއްޗާ، އަދި އެތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ބައެއް ސާމާނު ހުރިކަމަށް ވެއެވެ. އެ ހައްޔަރުކުރި މީހުންގެ ތެރޭގައި ޝުޖާޢުވެސް ހިމެނެއެވެ. އެ ޚަބަރު އިވުމުން، ސިއުނާގެ މަންމަ އާއި ބައްޕަގެ ހިތުން މާތް ﷲ ށް ޝުކުރު ދެންނެވުނެވެ. އެއީ، އެމީހުންގެ ލޯބިވާ ދަރިފުޅު އެނުރައްކާތެރި މަޅިން އެ ކަލާނގެ ރަޙުމަތްފުޅުން ސަލާމަތް ކޮށްދެއްވި ކަމަށްޓަކައެވެ. ސިއުނާއާއި އެވާހަކަ ކުރިން ނުދެއްކުނުނަމަ މިކަމުގައި އޭނާވެސް ބަނދެވި އަދަބު ލިބުނީސްކަން ޔަޤީނެވެ. “އަޅުގަނޑަށް އެޅުނު ކަތި ފިޔަވަޅުން ބައްޕަ އާއި މަންމަ އަޅުގަނޑު ސަލާމަތް ކޮށްދެއްވީތީވެ މިއަދު ވަރަށް އުފާކުރަން އަދި ޝުކުރުވެސް ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ފުށުން ދެން ދުވަހަކުވެސް އެފަދަ ވިޔާނުދާ ގޯސް ޢަމަލެއް ނުފެންނާނެ. އިންޝާ ﷲ!” ސިއުނާ އިންތަނުން ތެދުވެގެން އައިސް ވަރަށް އުފަލާއިއެކު ބައްޕަގެ ގައިގައި ބައްދާލަމުން އޭނާގެ ޢަޒުމާއި ހިތުގެ ޝުޢޫރު ހާމަކޮށްދިނެވެ.   

-ނިމުނީ-

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close