ޚަބަރު

ދިވެހި ސިފައިންނަކީ އިޙްތިރާމާއެކު ހިނިތުންވެހުރެ ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމުގެ ދިފާއީ އައްޑަނަ – މިނިސްޓަރ މާރިޔާ

ދިވެހި ސިފައިންނަކީ އިޙްތިރާމާއެކު ހިނިތުންވެހުރެ ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމުގެ ދިފާއީ އައްޑަނަކަމުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އެމްއެންޑީއެފް އިން ނެރޭ ހަފްތާ މަޖައްލާ “އައްޑަނަ” އަށް “އަސްކަރިއްޔާގެ ކުރިއެރުމާއި އައު ތަޖުރިބާ” މިސުރުޚީގެ ދަށުން ލިޔުންވި ލިޔުއްވުމެއްގައެވެ.

އެލިޔުމުގައި އެކަމަނާ ވިދާޅުވެފައިވަނީ ޒަމާނީ ގޮތުން ދުނިޔެއަށް މިއަންނަ ތަރައްޤީއާއެކު ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށް އަސްކަރީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކާއެކު ބާއްވާ ގުޅުންތައް އިތުރަށް މިއަދު މިވަނީ ބަދަހިކޮށްފައި ކަމުގައެވެ.

އަދި ޤައުމުތަކާއެކު ގުޅުން ބަދަހިވުމުން ދިވެހި އަސްކަރިއްޔާގެ ކުރިއެރުމަށް މުޅިން އާތަޖުރިބާތަކެއް ދަނީ ފަހިވެ ފައްކާވަމުންކަމަށާއި، އެގޮތުން ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އަސްކަރީ ބޮޑެތި ޤައުމުތަކުން ދިވެހި ސިފައިންނަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ސަރުކާރުން މިދަނީ ކުރަމުންކަމަށް އެކަމަނާ ވިދާޅުވިއެވެ.

ގައުމުތަކާއެކު ގުޅުން ބަދެހިކުރުމުން ހަމަ ޔަގީނުން ވެސް ދިވެހި ސިފައިނަށް ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ގިނަ ގުނަ ފަސޭހަތަކެއް ލިބޭނެކަން ހާމަކުރައްވަމުން އެކަމަނާ ވިދާޅުވީ ދިވެހިންގެ މަސް ކަނޑުތަކަށް ވަގަށް ވަދެ އުޅޭ ބޭރުގެ މަސް ބޯޓުތައް އަތުލައި ގަނެ، ދިވެހި މަސް ކަނޑުތައް ހިމާޔަތް ކޮށް، ޓެރަރިސްޓު ހަމަލާތަކާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްފުޅާކޮށް ގިނަ ހޯދުންތައް ހޯދުމަށް ވެސް ކުރިއެރުންތައް ލިބޭނެކަމަށެވެ.

އަދި ހަމަ އެހެންމެ، ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ވަގުތު ތަކުގައި އާތަޖުރިބާ އާއި އެކިއެކި ކުރިއެރުންތައް ދިވެހި ސިފައިނަށް ލިބިގެން ދިއުމަކީ ގައުމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަމަށާއި، އަދި ދާދި ފަހުން އިންޑިއާއަށް އެކަމަނާ ކުރި ދަތުރުގައި އަވަސް މުސްތަޤްބަލެއްގައި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ކޮވިޑް ވެކްސިން ޖަހައިދޭނެ ކަމަށް އެގައުމުގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންގު ޔަޤީންކަން ދެއްވިކަމަށްވެސް އެކަމަނާގެ ލިޔުއްވުމުގައި ވިދާޅުވެފައިވެއެވެ.

އެކަމަނާގެ ލިޔުއްވުން ކުރިއަށް ގެންދަވަމުން ވިދާޅުވެފައިވަނީ މިއަދު ދިވެހިރާއްޖޭގެ ދިފާޢީ މައި ތަނބުކަމަށްވާ ދިވެހި ސިފައިންގެ ޢަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ޤައުމީ ދިފާޢީ ބާރާމެދު ގެންގުޅުއްވާ ދުރުވިސްނުމާއި ވަރުގަދަ ތަޞައްވުރު ޙަޤީޤަތަކަށް ހެދުންކަމުގައެވެ.

ކުރިއާ ޚިލާފަށް ހައިބްރިޑް ތްރެޓްސްގެ ނުރައްކާ ބޮޑުވެފައިވާ މިޒަމާނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ވީހާވެސް ބޮޑަށް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ދިވެހި އަސްކަރިޔާއިން ފެންނަމުންދާކަން މިއަދު ރައްޔިތުން ބަލައި ގަންނަނީ ނުހަނު އުފަލާއެކު ގައި ކަމަށްވެސް އެކަމަނާގެ ލިޔުއްވުމުގައި ވިދާޅުވެފައިވެއެވެ.

ލިޔުއްވުން ނިންމާލައްވަމުން، ސިފައިންނާމެދު ދިވެހި ރައްޔިތުންގެ ހިތުގައި އޮތް ފުރިހަމަ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށް  ކުރަމުންދާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތްލައްވައި ކާމިޔާބު އިތުރުކުރެއްވުން އެދި އެކަމާ ވަނީ ދުޢާކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close