ޚަބަރު

އަދާލަތު ޕާޓީގެ ރައީސްކަމަށް ދެބޭފުޅުން، އިމްރާނާ ވާދަކުރައްވަނީ ޒާހިރު

ޢަދާލަތު ޕާޓީގެ ރައީސްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުވެސް ކުރިމަތިލައްވައިފިއެވެ.

އެ ޕާޓީގެ މިހާރުގެ ރައީސް ޝައިޚް އިމްރާން ރައީސްކަމަށް ވާދަކުރައްވާނެކަން މާކުރިން އިޢުލާންކުރައްވާފައިވަނިކޮށް ހަމަ އެމަޤާމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުވެސް ކުރިމަތި ލެއްވުމުން ދޭހަވަނީ ޕާޓީގެ ރައީސްކަން ދެބޭފުޅުންވެސް ބޭނުންވެ ވަޑައިގަންނަވާކަމެވެ. އެއްބޭފުޅަކަށް އަނެއްބޭފުޅަކު ދޫކުރެއްވުމުގެ ވިސްނުންފުޅެއް ނެތްކަމެވެ.

ނަމަވެސް ޑިމޮކްރަސީގެ ރީތި ހަމަތަކަށް ވިސްނާނަމަ މިއީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. އިންތިޚާބެއްގައި ވާދަކުރުމުގެ ޝަރުތުތައް ހަމަވާނަމަ އެއީ ކޮންމެމީހަކަށްވެސް ލިބިގެންވާ ހައްޤެކެވެ. އަދި މަލްޓި ޕާޓީ އެކުލެވޭ ސިސްޓަމެއް އޮންނަ ޤައުމެއްގައި ކަންކުރާންއޮތް މަގަކީވެސް އެއީއެވެ.

ޢަދާލަތު ޕާޓީގެ ޤަވާއިދު ގެ 41.1 ވަނަ މާއްދާއާއި 41.3 ވަނަ މާއްދާގެ ދަށުން ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތު މިމަހުގެ 21 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

މިނިސްޓަރ އިމްރާނާއެކު ރަނިންގ މޭޓެއްގެގޮތުގައި ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލާފައިވަނީ ގ. އަލިޝާ، އަޙްމަދު ޝަރީފެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުގެ ރަނިންގ މޭޓެއްގެގޮތުގައި ނައިބު ރައީސްކަމަށް ކުރިމަތިލާފައިވަނީ ދަފްތަރު ނަންބަރު 3851، އަޙްމަދު ނަޝީދެވެ.

ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު އޮންނަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ މިމަހުގެ 27 ވާ ބުދަ ދުވަހުގެ މެންދުރު 2 ގެ ނިޔަލަށް ޢަދާލަތު ޕާޓީގެ މެންބަރެއްގެގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ މެންބަރުންކަމަށް އެ ޕާޓީން ބުނެއެވެ. އަދި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށްވެސް ޢަދާލަތު ޕާޓީން މިހާރު ވަނީ ހުޅުވާލާފައެވެ.

ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބެއްލެވުމަށް ނުވަތަ ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިމަހުގެ 27 ގެ ކުރިން vote.adhaalath.org.mv އަށް ޒިޔާރަތްކުރައްވާ ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބައްލަވާ، ޝަކުވާއެއްވާނަމަ އޮންލައިންކޮށް ހުށަހެޅުއްވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދޫކުރަން ފެށިފަހުން 3 ވަނަ އަށް އުފެދުނު ޕާޓީއެވެ. އެގޮތުން ޢަދާލަތު ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ. އިލެކްޝަންސް ކޮމިޝަންގެ ޕާޓީތަކުގެ ދަފްތަރު ދައްކާގޮތުން 30 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ޢަދާލަތު ޕާޓީގައި މެންބަރުން ތިބި އަދަދަކީ 6436 އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close