ޢަލީ ވަހީދަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް އާދިއްތަ ދުވަހަށް ތާވަލުކޮށްފި
ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވިއިރު އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ކުށްތަކުގެ ދައުވާތަކުގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ހަތް ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އެއީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އެވެ. މިހުރިހާ މައްސަލަތަކެއްވެސް ބައްލަވަން ހަމަޖެހިފައިވަނީ ގާޒީ ހަސަން ސައީދުއެވެ.
އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހު މެންދުރު ފަށަން ހަމަޖައްސާފައި ވާއިރު، ބަދުއަޚުލާގީ މައްސަލައަކަށް ވާތީ އެ މައްސަލާގެ ޝަރީއަތް އޮންނާނީ ސިއްރުކޮށްފަ އެވެ. ނަމަވެސް އެ މައްސަލަތައް ލައިވްކޮށްދިނުމަށް އެދި ވަރަށް ގިނަބަޔަކު ދަނީ އަޑުއުފުލަމުންނެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަލީ ވަހީދަށް އަންނާނެ އެވެ. އެހެން ނަމަވެސް އެ ތުހުމަތުތަކަށް އަލީ ވަހީދު އިންކާރު ކުރައްވަ އެވެ.


