ޚަބަރު ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ އެއް ޤައުމަކުން އެކަނި ކުރިމަތިލައިގެން، ބަލިކުރެވޭނެ ވަބާއެއް ނޫން – މިނިސްޓަރ މާރިޔާ

ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ އެއް ޤައުމަކުން އެކަނި ކުރިމަތިލައިގެން، ބަލިކުރެވޭނެ ވަބާއެއް ނޫން – މިނިސްޓަރ މާރިޔާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށްވާއިރު، މިއީ އެއް ޤައުމަކުން އެކަނި ކުރިމަތިލައިގެން، ބަލިކުރެވޭނެ ވަބާއެއް ނޫންކަމުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމާ މިހެން ވިދާޅުވީ އެމްއެންޑީއެފް އިން ނެރޭ ހަފްތާ މަޖައްލާ “އައްޑަނަ” އަށް “ޓެރަރިޒަމާއި ދެކޮޅަށް އެންމެން” މިސުރުޚީގެ ދަށުން ލިޔުއްވި ލިޔުމެއްގައެވެ. އެކަމަނާ ވިދާޅުވީ  ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދޭދޭ ޤައުމުތަކުން ގުޅިގެން މަސައްކަތްކޮށްގެން ނޫނީ ހުއްޓުވޭނެކަމެއް ނޫންކަމަށެވެ. އަދި ދުނިޔޭގެ ތާރީޚަށް ބެލިއަސް، ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރަން އޮތް އެންމެ އެކަށޭނަ އެއް މަގަކީ އެއީ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އެ ލިޔުން ކުރިއަށް ގެންދަވަމުން އެކަމަނާ ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ “އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން” (އައި.އެމް.ސީ.ޓީ.ސީ)ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ޙަރަކާތްތެރިވުމަށްޓަކައި އެޤައުމަށް ވަޑައިގެންނެވި ސިފައިންގެ 4 ބޭކަލުންނާ، މިދިޔަ ހަފްތާގެ ތެރޭގައި، އެކަމަނާ ބައްދަލުކޮށް، ލިޔުން ޙަވާލުކުރެއްވި ކަމަށެވެ. ޓީމުގެ މަސައްކަތުގައި ފުރިހަމަ ކާމިޔާބީއަށް އެކަމަނާ އެދިވަޑައިގަންނަވާ ކަމުގައިވެސް އެލިޔުއްވުން ފަށްޓަވަމުން ލިޔުއްވާފައިވެއެވެ.

އަދި ކޯވިޑް-19 ޕެންޑެމިކުން އަރައިގަތުމަށް ދުނިޔޭގެ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ދުނިޔޭގެ ފެންވަރުގައި، ޢަމަލީގޮތުން މަސައްކަތްކުރުމަށް، ދިވެހި ސިފައިން އަމިއްލަ ޤައުމު ދޫކޮށް، އެހެން ޤައުމެއްގައި ޙަރަކާތްތެރިވާން ދިޔުމަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގެންގުޅުއްވާ “ޒީރޯ ޓޮލެރަންސް” ސިޔާސަތަށް ލިބުނު ކުރިއެރުމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިކަމަށްޓަކައި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށާއި، ޖެނެރަލް އޮފިސަރުންނަށާއި، ހުރިހާ ރޭންކެއްގެ ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް، ރައީސް ޞާލިޙްގެ ނަންފުޅުގަޔާއި މިނިސްޓަރ މާރިޔާގެ އަމިއްލަ ނަންފުޅުގައި، ޝުކުރާއެކީ ތަހުނިޔާ ކިޔުއްވައިފައިވެއެވެ. އަދި އެޝުކުރުގައި، ސައުދީއަށް ވަޑައިގެންނެވި ހިތްވަރުގަދަ 4 ބޭކަލުންގެ އާއިލާގެ މެންބަރުން ޚާއްޞަގޮތެއްގައި ޝާމިލްކުރަވާ ކަމަށް ވިދާޅުވެފައިވެއެވެ.

އެ ލިޔުން ނިންމާލައްވާފައިވަނީ ބައިނަލްއަޤްވާމީގޮތުންނާއި ސަރަޙައްދީގޮތުން އަމާން، ރައްކާތެރި ވެށްޓެއް ޤާއިމްކުރުމަށްޓަކައި، ސިފައިން ކުރަމުން ދާ މަސައްކަތުގައި، މާތްﷲ ބަރަކާތްލެއްވުން އެދިވަޑައިގެން ދުޢާކުރައްވަމުންނެވެ.

ޓެގް

މާރިޔާ އެމްއެންޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.