ޚަބަރު

ލަންދޫ “ކުޅިދޮށުޕާކް” ރަސްމީކޮށް ހުޅުވައިފި

ނ.ލަންދޫ ޒުވާނުން އިސްނަގައިގެން އެރަށު ކައުންސިލާއި ގުޅިގެން “ކުޅިދޮށުޕާކް” ނަމުގައި ތަރައްޤީކުރި ޕާކް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ޕާކް ހުޅުވުން އޮތީ މިއަދު ހަވީރު 4:30 ގައި ކުޅިދޮށު ޕާކް ސަރަޙައްދުގައެވެ. މިރަސްމިއްޔާތުގައި ލަންދޫގެ ކަމުވޮށިވެގެންވާ އިސްރައްވެހިންގެ އިތުރުން ގިނަޢަދަދެއްގެ ކުޑަކުދިންނާއި، ޢާއްމުރައްޔިތުންނާއި، ޒުވާނުން ބައިވެރިވިއެވެ.

ކުޅިދޮށުޕާކް ހުޅުވުމުގެ ރަސްމިޔާތުގައި ކައުންސިލްގެ މެމްބަރުންނާއި، ޕާކް ތަރައްޤީކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެންމެހައި ޒުވާނުންވެސް ބައިވެރިވިއެވެ. ޕާކް ހުޅުވުމުގެ ޝަރަފް ޒުވާނުންގެ ފަރާތުން ދިނީ އެޕާކް ތަރައްޤީކުރުމުގެ މަސައްކަތް މީގެ 3 މަސްކުރިން ފެށިދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ވެސް މެދުކެނޑުމެއްނެތި ކޮންމެދުވަހަކުވެސް މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވި 3 ޒުވާނުންނަށެވެ.

ޕާކް ހުޅުވުމުގެ ގޮތުން ޚާއްޞަ ކޭކެއްފެޅުންވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ. އަދި އޭގެ އިތުރުން ރަށުގެ ކަނބަލުންގެ ފަރާތުން ތައްޔާރުކުރި ޚާއްޞަ ސައިފޮދެއްވެސް އެރަސްމިއްޔާތުގެ ފަހުން އޮތެވެ. އަދި އެރަސްމިއްޔާތުގައި ބައިވެރިވި އެންމެހައިފަރާތްތަކަށް ކުޅިދޮށު ޕާކް ދައްކާލުންވެސް މިއަދު އޮތެވެ.

ޕާކްގެ ފާލަން މަތީގައި ތިބި ޒުވާނުންތަކެއް / ފޮޓޯ: ކުޅިދޮށުޕާކް އެފްބީ ޕޭޖް

ކުޅިދޮށު ޕާކް ރަސްމީކޮށް މިއަދު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ލަންދޫ ކައުންސިލްގެ ފަރާތުން ވާހަކަދެއްކެވީ މެމްބަރު ޢަބުދުﷲ ޢާރިފް އެވެ. އޭނާގެ ވާހަކައިގައި ކުޅިދޮށު ޕާކް ތަރައްޤީކުރުމުގައި އެހީތެރިކަންދިން އެންމެހައި ފަރާތަތްތަކަށް ކައުންސިލްގެ ނަމުގައި އަދި ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރެއްވިއެވެ. ޢާރިފް ފާހަގަކުރެއްވި ގޮތުގައި ލަންދޫގައި އަދިވެސް މިއޮތީ ވަރަށް އެކުވެރި ރައްޔިތެކެވެ. އެކުވެރި ޒުވާނުންތަކެކެވެ. އޭގެ ހެއްކެއްގެ ގޮތުން އާރިފް ފާހަގަކުރެއްވީ އެރަށުރައްޔިތުން މީގެ ވިއްސަކަށް އަހަރުކުރިން އެކުވެރިކަމާ އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުން އެޅި 400 ފޫޓްޖެޓީއެވެ. އަދި އެޖެޓީ މިއަދު ފުޑުފުޑުވެ ވީރާނާވަމުން ދަނިކޮށް ޒުވާނުން މިއަދު ނުކުމެ އަނެއްކާވެސް މިކުރީ އެއަށްވުރެ މާބޮޑު ބުރަ އަދި ކުރިމަގަށް ފައިދާކުރާނެ މާމުހިންމު މަސައްކަތެއްކަމުގައި އާރިފް ފާހަގަކުރެއްވިއެވެ.

ކުޅިދޮށުޕާކްގެ މައި ހަޓް / ފޮޓޯ: ކުޅިދޮށުޕާކް ޕޭޖް

ނ.ލަންދޫ ކުޅިދޮށު ޕާކަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ރައްޔިތުންނަށް ލާބަޔާ މަންފާ ލިބޭނެ ތަނަކަށް ވާނެކަން ޔަޤީނެވެ. މުސްތަޤުބަލުގައި އިކޯޓޫރިޒަމް ފެށުމަށް ހުޅުވާލެވޭ ދޮރޯއްޓަކަށް މިތަން ވާނެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން މިޕާކް ބަލާލުމަށް މިހާރުވެސް ޒިޔާރާތްކުރާ މެހްމާނުން ގިނަކަމަކީ މިކަމުގެ ހެއްކެކެވެ. މިތަން ބަލާލުމަށް ޒިޔާރަތްކުރާ މެޙްމާނުންގެ ފަރާތުން ސީދާގޮތުންނާ ނުސީދާގޮތުގައި ރައްޔިތުންނަށް ނަފާލިބޭނެއެވެ. ކޮވިޑްގެ ހާލަތުން ސަލާމަތްވެ ރިޒޯޓްތަކުން ފަތުރުވެރިން ރަށްރަށަށް ޒިޔާރަތްކުރެވެން ފެށުމުން ފަތުރުވެރިންނަށްވެސް އުފުރުޞަތު ހުޅުވާލެވޭނެ ކަމަށް ލަންދޫ ޒުވާނުން ބުނެއެވެ.

އެއް ކޮމެންޓް

  1. ތިޔައީ ވަރަށް ފުރިހަމަ މަސައްކަތެއް … ތިޔަމަސައްކަތުގައި އުޅުނު ކުދިންނަށް ދަރުމަހުރި ތިޔައީ ނަމޫނާ މަސައްކަތެއް ރައްޔިތުންނަށް ކޮށްދިން ވަރަށް އަގުހުރި ކަމެއް ޝުކުރިއްޔާ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close