ޚަބަރު

އަންދާޒާ ކުރިވަރަށްވުރެ އަވަހަށް އަމާޒަށް ވާޞިލް ވެވުނީ ރައީސްގެ ޙިކުމަތުން – ޑރ.މައުސޫމް

ރާއްޖެއިން މިއަހަރު ކަނޑައެޅި 5 ލައްކަ ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް އަންދާޒާކުރި ދުވަހަށްވުރެ އަވަހަށް 5 ލައްކަ ފަތުރުވެރިންގެނެވުނީ ރައީސުލްޖުމްހޫރިއްޔާގެ ޚިކުމަތްތެރި ނިންމެވުމުންތަކުގެ ސަބަބުންކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ އަންދާޒާ ކުރި ތާރީޚަށް ވުރެ ކުރިން ފަސްލައްކަ ޓޫރިސްޓުން ރާއްޖެއަށް ގެނެވުމަކީ ޓޫރިޒަމް އިންޑަސްޓްރީގެ ހިތްވަރާއި ރައީސް ސޯލިޙުގެ ހިކުމަތްތެރި ނިންމެވުންތަކުގެ ނަތީޖާކަމަށެވެ. އަދި މިކާމިޔާބީއަށްޓަކައި މަރުޙަބާއާއި ޝުކުރު އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މިފުރުޞަތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ޚަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް މަރުޙަބާ ކިޔައި ޝުކުރު ދަންނަވަން. އަދި މިމަރުޙަބާގައި ވަކިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ޚަރަކާތްތެރިވާ އެންމެހާ މުވައްޒަފުން ޝާމިލުކުރަން” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެ ސަލާމަތީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުކޮށްލުމުގައި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި ސިއްހީ ޚިދުމަތްތެރިންނާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން އެހެނިހެން މުވައްސަސާތަކާއި ވޮލަންޓިއަރުން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ.

5 ލައްކަ ފަތުރުވެރިޔާ ރާއްޖެ އައުމާއި ގުޅިގެން އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި މިކަހަލަ ބޮޑެތި ކާމިޔާބީތަކެއް ޙާސިލްވުމަކީ ވަރަށް އުފާވެރި ކަމެއްކަމަށެވެ. އަދި މިއީ ޕަބްލިކް ސެކްޓަރއާއި ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންގެ މިންނަތް މަސައްކަތުގެ ނަތީޖާކަމަށް ތައްޔިބު ވިދާޅުވިއެވެ.

“މިދިޔަ ހަފްތާގައި އަޅުގަނޑުމެން ވަނީ ދިވެހިރާއްޖޭގެ ބޯޑަރު ހުޅުވާލުމަށްފަހު ޒިޔާރަތްކުރި އެއްލައްކަ ވަނަ ފަތުރުވެރިޔާއަށް މަރުޚަބާ ކިޔާފައި. އަދި މިއަދު އަޅުގަނޑުމެން މި މަރުޚަބާ ކިޔަނީ މިއަހަރުގެ ފަސްލައްކަ ވަނަ ފަތުރުވެރިޔާއަށް” ތައްޔިބު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close