ޚަބަރު “ސެނަހިޔާ ނޮދަން” ކްލިނިކަކީ ސިފައިންނަށް ލިބިގެންދިޔަ ދިރުމެއް: މިނިސްޓަރ މާރިޔާ

“ސެނަހިޔާ ނޮދަން” ކްލިނިކަކީ ސިފައިންނަށް ލިބިގެންދިޔަ ދިރުމެއް: މިނިސްޓަރ މާރިޔާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 “ސެނަހިޔާ ނޮދަން” ކްލިނިކަކީ ސިފައިންނަށް ޚިދުމަތް ދިނުމަށް ލިބުނު އިތުރު ދިރުމެއް ކަމުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ވެލްފެއަރގެ ކަންކަން ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުކޮށް، ވީހާވެސް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ތަޞައްވުރަށް ލިބިގެންދިޔަ ދިރުމެއް ކަމަށްވިދާޅުވެ މިނިސްޓަރ މާރިޔާ ވާހަކަފުޅު ދެއްކެވީ ފާދިއްޕޮޅު މާފިލާފުށީގައި ހުންނަ ސިފައިންގެ ޓްރެއިނިންގ ސެންޓަރުގައި “ސެނަހިޔާ ނޮދަން” ގެ ނަމުގައި ކްލިނިކެއް ހުޅުވައިދެއްވާ، ދެއްކެވި ވާހަކަފުޅުގައެވެ.

މިކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ކޮންމެ ސިފައިންގެ މީހަކީ ޤާބިލް، ޕްރޮފެޝަނަލް، ހަށިހެޔޮ، “ފައިޓިންގ ފިޓް” ސޯލްޖަރއެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި، ދޭންޖެހޭ ތަމްރީނުތައް ދީ، ޤައުމަށް ކުރިމަތިވެދާނެ ނުރައްކަލުގެ ޙާލަތްތަކާ ކުރިމަތިލުމަށް ތައްޔާރުކުރަނީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ކަމަށެވެ. އަދި ޤައުމީ ވާޖިބަކަށް ސިފައިން ތައްޔާރުކުރާއިރު، ޞިއްޙީގޮތުން ސިފައިންނަށް ލިބޭ ޒަޚަމްތަކާއި ހާނިއްކަތަކާއި މިނޫންވެސް ޞިއްޙީ ފަރުވާއަށް ބޭނުންޖެހިއްޖެ ޙާލަތެއްގައި، އެޚިދުމަތް އެންމެ އެކަށޭނަގޮތުގައި ފޯރުވައިދިނުމަކީ، ޤައުމީ ސަލާމަތާވެސް ގުޅިފައިވާ މުހިންމު މަސްއޫލިއްޔަތެއް ކަމަށް ވެސް މިނިސްޓަރުގެ ވާހަކަ ފުޅުގައި ވިދާޅުވި އެވެ.

 “މި ކްލިނިކަކީ، ސިފައިންނަށް ޞިއްޙީގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް، ރައްކާތެރިކަމާއެކު، ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް. މިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށާއި، ޖެނެރަލް އޮފިސަރުންނަށް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން.” މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

“ސެނަހިޔާ ނޮދަން” ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މީގެއިތުރުން މިނިސްޓަރު ވަނީ ކޯވިޑް-19ގެ މި ދަތި އުނދަގޫ ހާލަތުގައިވެސް، ވަރަށް ގުޅިގެން، އެހާމެ ފުރިހަމައަށް މިކްލިނިކްގެ މަސައްކަތް ނިންމާފައިވާތީ، ސިފްކޯއަށާއި، އެމް.އެން.ޑީ.އެފްގެ ސަރޖަން ޖެނެރަލް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދަށާއި މެޑިކަލް ކޯގެ ސިފައިންނަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވައިފައެވެ.

ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯރސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ސީ.ޑީ.އެސް.އެސްގެ ޖެނެރަލް އޮފިސަރ ކޮމާންޑިންގ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު އާއި އެމް.އެން.ޑީ.އެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން ނޯދަން އޭރިޔާ ކޮމާންޑަރ ކާނަލް އިސްމާއީލް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޓެގް

މާރިޔާ އެމްއެންޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.