ޚަބަރު

ދިވެހި ސިފައިންގެ ޢާއިލާތަކަށް މިނިސްޓަރ މާރިޔާ ޝުކުރު އަދާކުރައްވައިފި

ދިވެހި ސިފައިންގެ ޢާއިލާތަކަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ޚާއްޞަ ޝުކުރެއް ދަންނަވައިފި އެވެ.

ސިފައިންގެ މަތިވެރި ޚިދުމަތާ ގުޅުމަށް މައިންބަފައިންގެ ދެލޯފަދަ ދަރިން ހަދިޔާކުރި ހިތްވަރުގަދަ މައިންބަފައިންނަށާއި އާއިލާތަކަށް، މިނިސްޓަރ މާރިޔާ ޝުކުރު އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނަންފުޅުގައެވެ.  

އެކަމަނާގެ މިޚާއްޞަ ޝުކުރު އަދާކުރެއްވީ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުން ވަނަތައް ޙާސިލްކުރެއްވި ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ދެއްވުމަށް، ފާދިއްޕޮޅު މާފިލާފުށީގައި ހުންނަ ސިފައިންގެ ޓްރެއިނިންގ ސެންޓަރުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ، ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 މިނިސްޓަރު މާރިޔާ ވިދާޅުވީ، ސިފައިންގެ ޚިދުމަތުގައި ކުރިއެރުން ޙާސިލްކުރަން ބޭނުން ނަމަ، ތިމާގެ ޤާބިލްކަމާއި ބުރަ މަސައްކަތާއި ޕްރޮފެޝަނަލިޒަމުން އެ ކުރިއެރުން ތިމާއަށް ޙައްޤުވާކަން، އެއޮންނަ އުޞޫލުގެ ތެރެއިން، ސާބިތުކޮށްދީފިނަމަ، ޕްރޮމޯޝަނަކަސް، ކުލަޔަކަސް، މެޑައްޔަކަސް، އެއީ ލިބޭނެ ޙައްޤެއް ކަމަށެވެ. އަދި މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި، ސިޔާސީ ނުފޫޒުން ދިފާޢީ މުއައްސަސާ އެއްކިބާކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިއަދު، ސިފައިންގެ ކޮންމެ މީހަކަށްވެސް ކުރިއެރުން ޙާސިލްކުރެވޭނީ، ހަމައެކަނި އޭނާގެ ހިތްވަރާއި ފަންވަރާއި މަސައްކަތުން ނަތީޖާ ނެރެގެން ކަމަށް ވެސް މިނިސްޓަރުގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ސިފައިންގެ ބަދަހި ސަފުތަކާ ގުޅިގެން، ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާއިރު، އެއްވެސް ތަފާތެއްނެތި، ހަމަހަމަކަމާއެކު، ޚިދުމަތްދިނުމަށް ކޮންމެ ކުއްޖަކުވެސް އިސްކަންދޭންވާނެ ކަމަށެވެ. އަދި މިއަދު ދިވެހިރާއްޖޭގެ ދިފާޢީ މައި ތަނބުކަމަށްވާ ދިވެހި ސިފައިންގެ ޢަމާޒަކަށް ވާން ވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ޤައުމީ ދިފާޢީ ބާރާމެދު ގެންގުޅުއްވާ ދުރުވިސްނުމާއި ވަރުގަދަ ތަޞައްވުރު ޙަޤީޤަތަކަށް ހެދުންކަމަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ދިވެހި ސިފައިންނަކީ ދިވެހި ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިޙްތިރާމް ޙާސިލްކޮށްފައިވާ، ޤާބިލް، ސިފަވަންތަ އަޚްލާޤެއްގެ މަތީގައި ތިބޭ، ޕްރޮފެޝަނަލް އަދި “ފައިޓިންގ ފިޓް ފޯރސް” އެއްގެ ގޮތުގައި ތިބޭބައެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، ސިފައިންގެ ލީޑަރޝިޕާއި، ކޯހުގެ މުދައްރިބުންގެ މިންނެތް މަސައްކަތުން ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު މާރިޔާގެ ވާހަކަ ފުޅުގައި އެކަމަނާ ވަނީ، ކޯވިޑް-19 ގެ މި ދަތި އުނދަގޫ ހާލަތުގައިވެސް، ސިފައިންގެ އާ ޖީލެއް ބިނާކުރުމަށްޓަކައި، މާލެ ނުގޮސް، އާއިލާޔާ ދުރުގައި، ގިނަ ދުވަސްތަކެއް، ކޯހުގެ މުދައްރިބުން ހޭދަކުރައްވާފައިވާކަން ފާހަގަކޮށް، އެފަރާތްތަކަށް ޝުކުރުއަދާ ކުރައްވައިފައެވެ.

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯސް ނިމުންފަހަގަކުރުން / ފޮޓޯ: އެމްއެންޑީއެފް

މިއަދުގެ މިރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯރސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ސީ.ޑީ.އެސް.އެސްގެ ޖެނެރަލް އޮފިސަރ ކޮމާންޑިންގ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު އާއި އެމް.އެން.ޑީ.އެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން ނޯދަން އޭރިޔާ ކޮމާންޑަރ ކާނަލް އިސްމާއީލް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close