އެ ރޭގެ ހަނދާން……..!
ވައިޖެހެމުން ދަނީ އާދައިގެ ވަރަކަށް ހުޅަނގު އުތުރުންނެވެ. ޖެހެމުންދާ ވައިރޯޅީގައި ތެތްފިނިކަމުގެ އަސަރު ކޮންމެވެސް ވަރަކަށް އެބަހުއްޓެވެ. ޖެހޭ ވައިރޯޅި މިހާރުދަނީ މަޑުމަޑުން ގަދަވަމުންނެވެ. ހުޅަނގުފަރާތު އުޑުމަތިން ފުސްގަނޑެއް ނަގަމުން އާދެއެވެ. އޮއްސެމުންދާ ހަނދުގެ މައްޗަށް އެ ފުސްގަނޑު އެރުމުން ހަނދުގެ އަލި މުޅިންހެން ފަނޑުވެއްޖެއެވެ. ލަފާކުރެވޭ ގޮތުގައި އެ ފުސްގަނޑުން ވިއްސާރަ އައުން ވަރަށް ގާތެވެ. މިހާރު ގަޑިން މެންދަމުންއަލިވެ ދޭއްޖަހާ ބޮޑުވެދާނެއެވެ. މީގެކުޑަ އިރުކޮޅެއް ކުރިން މާލޭ އުތުރު ފަރާތު ހަތަރު ނަންބަރ ފާލަމުން ފުރި ސަޕުލައި ދޯންޏާ ދިމާލަށް ވަރަށް ނާއުންމީދީ ގޮތެއްގައި، މަގުގެ އަނެއްފަރާތުގައި ހުރި ބޮކި ދަނޑިއެއްގައި ލެނގިލައިގެން ހުރި އަންހެން ކުއްޖަކު ބަލަން ހުއްޓެވެ. ފެންނަފެނުމުގައި އޭނާގެ ޢުމުރުން ވިއްސަކަށް އަހަރަށް ވުރެން ގިނައެއް ނުވާނެއެވެ. ރީތިވަރަކަށް އިސްކޮޅުން ދިގު ހިމަތޮޅި ކުއްޖެކެވެ. ހަށިގަނޑުގެ ވަނާތައް ވަރަށް ފުރިހަމައެވެ. އޭނާ ލައިގެންހުރީ މަޑު ނޫކުލައިގެ ޕާކިސްތާނު ހެދުމެކެވެ. ދޯޕައްޓާ އޮތީ ކަރުގެ ދެފަރާތުން ފުރަގަހަށް އެއްލާފައެވެ. ހެދުމުގެ އަތުކުރި ދިގެއްނޫނެވެ. އަތުކުރި ހުރީ އުޅަނބޮއްޓާ ހަމަޔަށެވެ. ދޯޕައްޓާގެ ކުލަ ހެދުމުގެ ކުލަޔާ ދާދި އެއްގޮތެވެ. ހެދުން ފަހާފައިވަނީ ކުދި މާތަކެއްހުރި ފޮތްޗަކުންނެވެ. ކަނާއަތު ކޮނޑުގައި އަތްދަބަހެއް އަޅުވާފައި އޮތެވެ. އޭނާ އަރައިގެން ހުރީ ފުންނާބު ކުޑަކޮށް އުސް ފައިވާނަކަށެވެ. އޭނާގެ މޫނުމަތިން ފެންނަނީ ގޮތް ހުސްވެފައި ހުރިކަމުގެ ނިޝާންތަކެވެ. މެރިންޑުރައިވުގެ އެހިސާބުން އެއްވެސް މީހަކު މިވަގުތު ފެންނާކަށް ނެތެވެ. ޖެހެމުންދާ ވައިރޯޅި ކުރިން ޖެހުނު ވަރަށްވުރެން މިހާރު ކުޑަކޮށް ބާރުވަމުން އެބަދެއެވެ. ކަނޑުގައި ހިސާބަކަށް ކުދި ރާޅު އުފެދެން ފަށައިފިއެވެ. ކަނޑިންމައިން ވަންނަ އޮއިވަރުގެ ސަބަބުން ފަޅުތެރޭގައި އަޅާފައިހުރި އުޅަނދުތައް ހެލެމުންދެއެވެ. އެ އަންހެން ކުއްޖާ އޭނާގެ ކޮނޑުމަތީގައި އޮތް ދޯޕައްޓާ ނަގައި ބޮލާ ކަންފަތާ އެއްކޮށް އޮޅާލައިފިއެވެ. ޖެހެމުންދާ ވައިރޯޅީގެ ފިނިން ސަލާމަތް ވުމަށެވެ.
ޞަފުވާން އޭލެވަލް އިމްތިޙާނު ނިންމުމަށްފަހު، މިހާރު އުޅެނީ ވަޒީފާއެއްގައެވެ. ވަޒީފާ އަދާކުރަނީ މާލޭ-އިންޓަރނޭޝަނަލް އެއާޕޯރޓުގައި ހުންނަ ޑިއުޓީ ފުރީ ފިހާރައިގައެވެ. އަދާކުރާ ވަޒީފާއަކީ ސޭލްސްމަނެއްގެ ވަޒީފާއެވެ. އެ ވަޒީފާގައި ޞަފުވާން އުޅޭތާ މިހާރު ދެ އަހަރުވާން ދަނީއެވެ. ޞަފުވާން ދިރިއުޅެނީ މަންމަ ކައިރީގައި މަންމަގެ ގޭގައެވެ. އަދި، އޭނާ މީހަކާ ނީނދެއެވެ. ޞަފުވާނު މަންމަގެ ތިބެނީ ދެ ކުދިންނެވެ. އެންމެ ދޮށީ ޞަފުވާނެވެ. ދެން ހުންނަނީ އަންހެން ކުއްޖެކެވެ. ޞަފުވާނުގެ އާއިލާއަކީ މެދުފަންތީގެ އާއިލާއެކެވެ. ބައްޕަ އެޅެނީ ބޭރު ދަތުރުކުރާ އާގުބޯޓެއްގައި އޮއިލަރެއްގެ ވަޒީފާގައެވެ.
ކޮންމެ ރެއެއްގެ ވެސް އާދައިގެމަތިން ޞަފުވާން ޑިއުޓީ ނިމިގެން މާލެ އައިސް ކުއިން އޮފް ދަ ނައިޓަށް ވަދެއްޖެއެވެ. ކުއިން އޮފް ދަ ނައީޓަކީ އެ ދުވަސްވަރު ސައުވީސް ގަޑިއިރު ޚިދުމަތްދޭ ހަމައެކަނި ހޮޓަލެވެ. އެ ހޮޓާ ހުންނަނީ ނަސަންދުރާ ޕެލަސް ހޮޓަލާ ޖެހިގެން ހުޅަނގަށް ހެންވޭރު މަސްވެރިންގެ ސަރަޙައްދުގައެވެ. ހޮޓާ ހުންނަނީ ދެ ފަންގިފިލައަށެވެ. އެ ހޮޓަލަކީ މަސްވެރިންނާ، އޮފީސް ތަކުގެ އެކި ފެންވަރުގެ މީހުން ވަންނަ މަޝްހޫރު ހޮޓަލެކެވެ. މަސްވެރިން ބޭނުން ކުރަން ހަމަޖައްސާފައި ވަނީ ހޮޓަލުގެ ތިރީބައެވެ. މަތީ ފަންގިފިލާ ބޭނުން ކުރަނީ އެހެން ފަރާތް ތަކުންނެވެ. ކުއިން އޮފް ދަ ނައިޓަކީ، ކާތަކެތި ވަރަށް މީރުކޮށް ތައްޔާރުކުރާ، ގިނަ މީހުން ވަންނަ ހޮޓަލެކެވެ. ޞަފުވާނު ސައިބޯން ހޮޓަލަށް ވަންއިރު އެވަގުތު އެތަނުގައި މީހުން ވަރަށް މަދެވެ. ސައިބޯން ތިބީ ދެތިން މީހެކެވެ. ޞަފުވާން އޯޑަރުދިނީ އޭނާ ކޮންމެ ރެއަކުވެސް ކާތަކެތި ކަމަށްވާ ރޮއްޓާ ރިހަޔާ ބިސްގަނޑަށެވެ. ޞަފުވާން ކައިނިމިގެން ބިލް ދައްކާފައި ހޮޓަލުން ނުކުމެ ބައިސްކަލަށް އަރައި ގެއަށް ދާން ދުއްވާލައިފިއެވެ. އޭރު، ޖެހެމުންދާ ވައި ވަރަށް ގަދައެވެ. މިއީ ވިއްސާރަ ކޮޅިގަނޑެއްގެ ޢަލާމަތް ކަން ޔަޤީނެވެ. އަވަހަށް ގެއަށް ފޯރާތޯ ބަލަމްވީއެވެ. ޞަފުވާނު ހިތަށް އެރިއެވެ. ޞަފުވާނު މަންމަގެ ގެ ހުންނަނީ ގަލޮޅުގައެވެ. އެހެންކަމުން، ގެއަށް ދާން އެންމެ ކައިރިވާނެ ގޮތްބަލައި އެގޮތަށް ދާން ނިންމައިފިއެވެ. ޞަފުވާން ބައިސްކަލު ދުއްވާފައި ދިއައީ މެރިންޑުރައިވުން ހުޅަނގަށެވެ. އޭނާ އެދިއަދިއުމުގައި މަގުގެ ދެކުނު ފަރާތުގައި ހުރި ބޮކިދަނޑި އެއްގައި ލެނގިގެން ހުރި އަންހެން ކުއްޖަކު އޭނާޔަށް ފެނިއްޖެއެވެ. އެތަނުން އެހެން މީހަކު ފެންނާކަށް ނެތެވެ. އެކުއްޖާ ހުރީ އޭނާގެ ބޮލާ ކަންފަތް ނިވާވާގޮތަށް ސުކާފެއް ކަހަލަ އެއްޗެއް އޮޅައިގެންނެވެ. ޞަފުވާން އެ ކުއްޖާ ފަސްދީ ތަންކޮޅަކަށް ކުރިޔަށްގޮސް ފަހަތަށްއެނބުރި ބަލައިލިއިރު އެކުއްޖާ ހުރީ ޞަފުވާނަށް ބަލާށެވެ. މިހާ ދަން ގަޑިއެއްގައި އަދި އަމުދުން މިހާ ވައިގަދަވެ ވިއްސާރަ ވެހުމުގެ ކޮޅުމަތި ފެންނަމުން ދާއިރު، އެކަނި އަންހެން ކުއްޖަކު، އެއްވެސް ސަބަބެއްނެތި އެހެން ހުރުމަކީ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫނެވެ. އެ ކުއްޖަކު އެހުރީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ. ނޫނީ ކޮންމެވެސް އެހެން ކަމެއް ދިމާވެގެންނެވެ. މިކަހަލަ ވަގުތެއްގައި އަޅައިނުކައި ދިއުން ވާނީ އިންސާނިއްޔަތު ކަމުގެ ގޮތުން ބަލާއިރު ވަރަށް ދަށު ދަރަޖައިގެ ކަމަކަށެވެ. ޞަފުވާން ހިތުގައި އުފެދުނު މި ޚިޔާލުތަކުން ބައިސްކަލު އަނބުރާލައި އެ އަންހެން ކުއްޖާ ކައިރިއަށް އައިސް ބައިސްކަލު މަޑުކޮށްލައިފިއެވެ. ޞަފުވާން ބައިސްކަލު މަޑުކޮށްލުމުން އެ ކުއްޖާ ޞަފުވާނުގެ މޫނަށް ވަރަށްރަނގަޅަށް ބަލައިލުމަށްފަހު އިސްދަށަށް ޖަހައިފިއެވެ. އެ އަންހެން ކުއްޖާގެ މޫނު ޞަފުވާނަށް ފެނުމުން އެ އަންހެން ކުއްޖާ މިރޭ އެއާރޕޯޓުން އޭނާޔަށް ފެނުނު ހަނދާން ވެއްޖެއެވެ. އެ ކުއްޖާ އަނގައިން ބަހެއް ނުބުނެ ހުރުމުން ޞަފުވާން ހަދާނެ ގޮތަކާއި މެދު ވިސްނާލައިފައި، މިކަހަލަ ވަގުތެއްގައި އެކަނި އޭނާ އެތަނުގައި ހުރީ ކީއްވެގެންތޯ އަހައިފިއެވެ. އެ ކުއްޖާ އެ ސުވާލަށް ޖަވާބު ނުދީ ޞަފުވާނަށް އަނެއްކާވެސް ބަލައިލައިފިއެވެ. ވަރަށް އަސަރުގަދަ ބެލުމެކެވެ. އެނާގެ ފުށުން ހާސްވުމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ޞަފުވާން އަނެއްކާވެސް ބުނެފިއެވެ. ” މިހާ ވައިބާރު ވިއްސާރަ ވެހުމުގެ ކޮޅުމަތި ފެންނަ ރެއެއްގެ މިހާ ދަން ގަނޑިއެއްގައި، ކަރަންޓު ނަރުތައް ހާމަޔަށް ފެންނަންއޮތް ބޮކިދަނޑިއެއްގެ ބުޑުގައި ހުރުމަކީ މާރައްކާތެރި ކަމަކަށް ނުވާނެއެވެ. އަޅެ އެހެން ނޫން ހެއްޔެވެ؟” ޞަފުވާނު ވާހަކަ ދައްކަމުން ގެންދިޔައިރު އެ އަންހެން ކުއްޖާ ހުރީ ކަޅި ޖަހައިނުލައި ޞަފުވާނަށް ބަލާށެވެ. އޭނާގެ ހިތަށް ތަފާތު ޝުޢޫރުތައް ވަދެ ނުކުންނަމުން ދެއެވެ. ޞަފުވާނަށް ޖަވާބު ނުދީ ހުރުމަށް އޭނާގެ ހިތެއް ނުރުހުނެވެ.
” ގޮތް ހުސްވެފައި ހުރި މީހަކަށް ހަމަ މިގޮތްވެސް އެންމެ ރަނގަޅު ވާނެ ނޫން ހެއްޔެވެ!” އެކުއްޖާ ޖަވާބުގައި ބުނެފިއެވެ.
އެކުއްޖާ އެހެން ބުނުމުން ޞަފުވާނު ބުނެފިއެވެ. ” އަހަރެންގެ ނަމަކީ ޞަފުވާނެވެ. އަހަރެން މިރޭ ކަލޭ އެއާރޕޯޓުން ދުއްހަނދާން އެބަވެއެވެ. މީ އަނެއްކާ ކުށް ހީއެއްބާއެވެ!”
” ނޫން! ތީ އެއްގޮތަކަށް ވެސް ކުށް ހީއެއްނޫނެވެ. އަހަރެން މިރޭ އެއާރޕޯޓަށް ދިޔައިމެވެ.”
” ދެން މިހާރު މިތަނުގައި ތިހުންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟” ޞަފުވާން އަހައިފިއެވެ.
” ޞަފުވާން ވަރަށް ހަނދާން ބައްޔޭ ދޯ! ދެންމެ ނޫން އަހަރެން ބުނީ ގޮތް ހުސްވެފައި ހުރި މީހަކަށް މި ގޮތްވެސް ކަމުދާނެ ނޫންހޭ!” އެ އަންހެން ކުއްޖާ ހިނިތުން ވެލަމުން ޖަވާބުދިނެވެ. އެ ހިނިތުން ވުމުގައި ހުރީ ހިތް ކަތިލާފަދަ ޖާދުވީ ބާރެކެވެ.
” އަހަރެން މިހާރު ނަންބުނެ ތަޢާރުފު ވެއްޖައިން، އެކަމަކު މީނަ ނަމެއް ވެސް ނުބުނި.”
” ތިބުނީ ތެދެއް. އެކަން އެއޮތީ އަތްދަށުން ގޮސްފައި. އަހަރެންގެ ނަމަކީ ޝަރުމީލާ. އެހެން ބުނެފައި ސަލާމް ކުރުމަށް އޭނާގެ އަތް ދިއްކޮށްލައިފިއެވެ.
މަރިޔަމް ޝަރުމީލާއަކީ އަރިއަތޮޅު ރަށެއްގެ ކުއްޖެކެވެ. އާއިލާ ދިރިއުޅެމުންދަނީ އެނާގެ އުފަން ރަށުގައެވެ. އެ އާއިލާގައި ދެ އަންހެން ކުދިންނާ ފިރިހެން ކުއްޖެ ހުރެއެވެ. އެންމެ ދޮށީ ޝަރުމީލާއެވެ. ޝަރުމީލާ އޭލެވަލް ހަދައި ނިމިގެން ވަޒިފާ އަދާކުރަނީ ބޮޑުހިތި ރިޒޯޓުގައެވެ. އަދާކުރަނީ ރިސެޕްޝަނިސްޓެއްގެ ވަޒީފާއެވެ. މިހާރު އެ ވަޒީފާގައި އޭނާ އުޅޭތާ އަހަރެއް ވަނީއެވެ.
” އެންމެ ރަނގަޅު ނިކަން އަހަރެންނަށް ބުނެދީބަލަ ތިދިމާވެގެން އުޅޭ ކަމެއް. އެހެން މިބުނީ، ފަހަރެއްގައި އަހަރެންނަށް ވެސް އެ ކަމުގައި އެހީތެރިކަމެއް ވެދެވޭނެ ވަރުގެ ކަމަކަށް ވާނަމަ، އެހީވެ ދިނުމުގެ ނިޔަތުގައި.” ޝަރުމީލާ ދިއްކޮށްލި އަތުގައި ހިފައިގެން ހުރެ ޞަފުވާނު ބުނެފިއެވެ. އެއަތުގެ މަޑުކަމާ، އިނގިލި ތަކުގެ ހިމަކަން ޞަފުވާނަށް އެދިން ލައްޒަތަކުން އެއްގޮތަކަށްވެސް އެ އަތުން ދޫކޮށްލާ ހިތެއް ނުވިއެވެ.
” އަހަރެން ފުރަތަމަ ބުނެދޭންވީ ކޮން ވާހަކައެއް؟”
” ބުނެދޭންވީ މިޖެހޭ ގަދަ ވައިގައި މިތަނުގައި އެކަނި ހުންނަން ޖެހުނު ސަބަބެއް. އެތަން ފެނިގެން އަހަރެން މިތަނަށް އަންނަން ޖެހުނީ. އެހެންވެގެން.”
” އާނ! މިކިޔައިދެނީ. މިރޭ މިހުރީ ޙަޤީޤަތުގައި ވެސް ވަރަށް ރަނގަޅު ލަނޑެއް ލިބިގެން. އެހެން ވެގެން އަހަރެން ބުނީ ގޮތް ހުސްފައޭ މިހުރީ. ވީގޮތަކީ، އަހަރެން މިއަދު ހަވީރު މާލެއަށް އައީ އަހަރެން ވަޒީފާ އަދާކުރާ ރިޒޯޓުގެ ސަޕުލައި ދޯނީގައި. އެ ދޯނި މިރޭ މާލޭން ފުރާއިރު އެނބުރި ރިޒޯޓަށްދާން. މާލެ އައީ ހަފުތާއެއްގެ ޗުއްޓީ ނަގައިގެން މާދަމާ ރަށަށް ދާތީ މަންމަޔަށް ރަން ފަށެއް ގަންނަންވެގެން. ސިފާނީ ޖުވެލާސްއިން މަންމަޔަށް ރަން ފަށެއް ގަނެގެން ނުކުމެވުނީ ސުކޫލް ދައުރުގެ އެންމެ އެކުވެރި ކުއްޖާގެ ކުރިމައްޗަށް. އޭނާ އެ ވަގުތު އުޅެނީ ފޮއްޓެއް ގަންނަން ބާޒާރަށް އައިސް. އެތަނުން އޭނާޔަށް އަހަރެން ފެނިގެން މިރޭ އޭނާ ރާއްޖޭން ބޭރަށް ކިޔަވަންދާން ފުރާ ވާހަކަ ބުނެފައި، އެއާރޕޯޓަށް ދާންވާނެޔޭ ބުނީމަ އޭނާޔާ އެކުގައި އެގެއަށް ދިޔައީ. ޞަފުވާނަށް އެއާރޕޯޓުން އަހަރެން ފެނުނީ އޭނާ ފުރުވަން އެއާރޕޯޓަށް ގޮސް އޭނާ ޗެކިން ކުރީމަ އަވަހަށް މާލެ އަންނަން ފާލަން ކައިރީގައި ހުއްޓައި. އަހަރެންވެސް ޞަފުވަނު ދުށިން. އެތަނުން ފެރީއަށް އަރައިގެން މާލޭ ނެރުން ފެރީ ވަންއިރު، ސަޕުލައި ދޯނި ފުރައިގެން ދަނީ. އެކޮޅުކެހި ލިބިގެން ދާނެ ތަނެއް ނެތިގެން މިރޭ މިތަނުގައި މިހުރެވުނީ. ދެން ރިޒޯޓު ފެރީ އޮންނާނީ މާދަމާ ހެނދުނު ހަތެއް ޖަހާއިރު.” ޝަރުމިލާ ވީގޮތް ޞަފުވާނަށް ކިޔައިދިނެވެ.
” އެހެންވީމަ މިތަނުގައި ތިޔަހުރީ މާދަމާ އިރުއަރާ ހަތެއް ޖަހަންދެން ކޮޅުފިއްޔަށް ޖެހިފައި މިޖެހޭ ގަދަ ވައިތެރޭގައި ހުންނަންތަ؟”
” މިހެން މިތަނުގައި ނުހުރެ ހަދާނެ ގޮތެއް ނެތް. އަތުގައި އޮތީ އެންމެ ދިހަ ރުފިޔާ. މާލޭގައި ކުލީ ކޮޓަރި ހުންނަތަނެއްވެސް ނޭނގޭ. އަދި، އެނގުނަސް ދިހަ ރުފިޔާއަށް މާލޭން ކޮޓަރިއެއް ނުވެސް ލިބޭނެ. ދެރައީ ވިއްސާރައިގެ ކޮޅުމަތި ފެންނަމުންދާތީ! ދެންމެ ހިތަށްއެރި ކުއިން އޮފް ދަ ނައިޓަށް ވަދެ އެތަނުގައި މަޑުކޮށްލަން ދާންވީއޭ. އެ ޚިޔާލުގައި ހަދާނެ ވަކިގޮތެއް ނުނިންމިގެން ހުއްޓައި ޞަފުވާނަށް އަހަރެން ފެނިގެން އަހަރެންގެ ކައިރިއަށް އައިސް، މިތަނުގައި އަހަރެން ހުރި ސަބަބެއް އޮޅުން ފިލުވަން ތިސުވާލު ކުރީ. އަޚުލާޤި ގޮތުން ވަރަށް މާތް ސިފައެއް ޞަފުވާނުގެ ފުށުގައި ތިޔަހުރީ.”
” އަހަރެން އެހީތެރިވެ ދޭން ބޭނުން. އެކަން ޝަރުމީލާ ޤަބޫލު ކުރާނަންތަ؟”
” ތިޔަބުނީ އަނެއްކާ ކޮންކަހަލަ އެހީއެއްގެ ވާހަކައެއް؟”
” މިބުނީ އަހަރެންގެ ގެއިން ކޮޓަރިއެއް ޝަރުމީލާޔަށް ދެވިދާނެ ވާހަކަ. އަހަރެން އުޅެނީ މަންމަގެ ގޭގައި. އެ ގެ މިހިސާބާ މާދުރެއް ނުވާނެ. ޝަރުމީލާ އެގޮތާއި ރުހޭކަމަށްވާނަމަ އަހަރެންނާ އެކުގައި ހިނގާ ގެއަށް ދާން. މިހާރުވެސް އެދަނީ ނަގަމުންދާ ކޮޅިގަނޑުން ޖެހޭ ވައި ބާރުވަމުން. ތިގޮތަށް ވައިތެރޭ ފިނީގައި ހުންނަން ހަދައިގެން ރޯގާޖެހި ބަލިވެދާނެ.”
ޞަފުވާނުގެ ހުށަހެޅުމަށް ދޭނެ ޖަވާބަކާއި މެދުގައި ޝަރުމީލާ އޭނާގެ ހިތާ ސުވާލު ކުރަން ފަށައިފިއެވެ. ޞަފުވާނުގެ މޫނުމަތިން ފެންނަނީ، އަމާންކަމާ، އޯގާތެރިކަމާ، އިޚްލާޞްތެރި ކަމުގެ ސިފައެވެ. މަކަރުވެރި ހީލަތްތެރިކަމުގެ ސިފައެއް ނުފެނެއެވެ. ހަމަ ޔަޤީނުންވެސް އޭނާގެ ހުށަހެޅުން ޤަބޫލުކުރުމަށް އަހަރެންގެ ހިތް ދެކޮޅެއް ނުހަދައެވެ. ހިތް އެދެނީ އެ ހުށަހެޅުން ޤަބޫލުކުރާށެވެ. މިވަގުތު އެކަން ޤަބޫލުކުރަން ޙާލަތުވެސް މިވަނީ މަޖުބޫރު ކޮށްފައެވެ. ދެކޮޅުހެދުމުން ލިބޭނެ ވަކިއިތުރު މޮޅެއްނެތެވެ.
“ކީއްވެގެން ޖަވާބެއް ނުދީ މާފިކުރު ބޮޑުވެފައި ތިހުރީ؟” ޝަރުމީލާ ޖަވާބެއްނުދީ، އޭނާގެ ހިތާ ކުރަމުންދާ ސުވާލުތަކާއެކު، ޞަފުވާނުގެ މޫނަށް ކަޅިޖަހާނުލައި ބަލަން ހުރުމުން ޞަފުވާނަށް ކުޑަކޮށް ރަކިވެ ލަދުގަންނަގޮތް ވެގެން އަހައިފިއެވެ.
“ކަމެއްގައި ނިންމުމެއް ނިންމާއިރު ވިސްނާލުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްވީމަ ކުޑަކޮށް ވިސްނާލަން ޖެހުނީ. އަހަރުމެން ދެ މީހުން މިރޭ މިތަނުން ފުރަތަމަ މިބައްދަލުވީ. މިހާރު ދާން މިޖެހެނީ ޞަފުވާނު ދިރިއުޅޭ ގެއަށް. އެކަމަކު، ޙާލަތު މަޖުބޫރު ކުރަނީ ޞަފުވާނުގެ ހުށަހެޅުން ހެޔޮހިތުން ބަލައިގަތުމަށް.”
ޝަރުމީލާ އެހެން ބުނެފައި، ގެއަށްދަމާ ހިނގާށޭ ކިޔާފައި ޞަފުވާނާ އެކީގައި އެ ގެއަށް ދިއުމަށް ހިނގައިގެންފިއެވެ. ޞަފުވާނުވެސް ބައިސްކަލުމަތިން ފައިބައި ބައިސްކަލު އަތުން ހިފައިގެން ޝަރުމީލާ އާއި އެކުގައި ގެއަށްދާން ހިނގައިގެންފިއެވެ. ޖެހެމުންދާ ވައިރޯޅި މަޑެއް ނުވެއެވެ. މިހާރު ކުޑަކޮށް ކެރިޖަހަންވެސް ފަށައިފިއެވެ. ގެއަށްދާން ކައިރިވާނެ މަގުތަކުން ދެމީހުން ހިނގަމުން ދިއައިރު ކޮންމެ މީހަކުވެސް އާއިލާގެ ވާހަކަޔާ ވަޒީފާ އަދާކުރާ ތަނުގެ ވާހަކަ ކިޔައިދީ ހެދިއެވެ. ގެ އާއި ހަމަޔަށް ދެވުނުއިރު، ކުރިން ދެ މީހުންގެ މެދުގައިއޮތް ބީރައްޓެހިކަން ފިލައިހިގައްޖެއެވެ. ޞަފުވާނު ގޭ ދޮށަށްގޮސް މަގުމަތީ ދޮރު ހުޅުވާލަން ތަޅުގެ އަތްގަނޑުގައި ހިފިތަނާ އިހަށް މަޑުކޮށްލަ ބަލާށޭ ޝަރުމީލާ ބުނެފިއެވެ. އެހެން ބުނެފައި އޭނާގެ އަތްދަބަހުން ކުޑަ ޕޮކެޓް ކެމެރާއެއް ނަގަމުން ޞަފުވާން އިހަށް މިދިމާލަށް އެނބުރިލަ ބަލާށޭ ބުނެފިއެވެ. ތިފަދަ އޯގާތެރިއެއްގެ ފޮޓޯއެއް ހަނދާނަކަށް ކޮންމެހެން ވެސް އަތުގައި އޮންނަން ވާނެޔޭ ބުނެފައި، ޞަފުވާނު އެނބުރިލި ވަގުތު ފޮޓޯ ނަގާފައި ޝުކުރިއްޔާއޭ ޝަރުމީލާ ބުނެފިއެވެ.
ދެމީހުން އެކުގައި ގޭތެރެއަށް ވަންއިރު މެދުގެ ތެރޭގައި ދިއްލާފައި ހުރި ބޮކީގެ އަލިކަން ފިޔަވައި އިތުރު އައްޔެއް ގޭތެރެއިން ފެންނާކަށް ނެތެވެ. ގޭތެރޭގައިވަނީ މެންދަމެއްގެ ހަމަހިމޭންކަމެވެ. މީހެއްގެ ހިލަމެއް ނުވެއެވެ. މުޅި މާޙައުލު ވަނީ ނިދާފައެވެ.
ޞަފުވާނުގެ ކޮޓަރި ހުންނަނީ މެދުގެތެރޭން ވަދެވޭގޮތަށް ގެއަށް ވަންނަ މައިދޮރުގެ ކަނާތްފަރާތުގައެވެ. ޞަފުވާނު ވަދެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާ ބޮކި ދިއްލާލުމަށްފަހު ޝަރުމީލާ ގާތުގައި ވަންނާށޭ ބުނެފިއެވެ. ޝަރުމީލާ ކޮޓަރިއަށް ވަދެ، ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުއްޓި، ހަދާނެގޮތެއް ނޭނގިގެން ހުންނަ ކަހަލަ ގޮތަކަށް މަޑުން ހުރެއްޖެއެވެ. ޞަފުވާން ބަލައިލިއިރު ޝަރުމީލާ ހުރިގޮތުން ބިރުނުގަންނާށޭ، އަނެއްކާ ކަންބޮޑުވީހޭ އަހައިފިއެވެ. ޝަރުމީލާ ޖަވާބުގައި ނޫނެކޭ ބުނެފައި މަޑުމަޑުންގޮސް އެނދުގައި އިށީނދެއްޖެއެވެ. އަހަރެން ފާޚާނާއަށް ވަދެލާފައި މިނިކުންނަނީއޭ ބުނެފައި ޞަފުވާނު ފާޚާނާޔަށް ވަދެ ފާޚާނާގެ ދޮރުފަތް ލައްޕައިފިއެވެ. ޞަފުވާނު ފާޚާނާޔަށް ވަނުމުން، ޝަރުމީލާ އެނދުގައި އިށީނދެގެންއިނދެ ކޮޓަރި ތެރެއަށް އޭނާގެ ނަޡަރު ހިނގާލައިފިއެވެ. އެނދަކީ ޑަބަލް އެނދެކެވެ. އެނދުގައިހުރީ ވަރަށް ރީތި ކުރެހުމެއްހުރި ބެޑުސީޓެއް އަޅައިފައެވެ. ބާލީހު އުރަތައްވެސް ހުރީ އެފޮތިންނެވެ. ލަފާކުރެވޭ ގޮތުގައި އެއީ ރެޑީމޭޑް ސެޓެއްގެ ބެޑުސީޓާ ބާލީހު އުރައެވެ. އެނދުގެ ތަންމަތި ހުރީ ވަރަށް ރީތިކޮށް އަޅައިފައެވެ. ކޮޓަރިތެރޭން ލެވެންޑާގެ ލުއިލުއި މީރުވަސް ދުވައެވެ. ކޮޓަރީގައި ހުރީ އޮފްވައިޓް ކުލަ ލާފައެވެ. ކޮޓަރިތެރޭގައި ހުރި ހުރިހާ އެއްޗެއްވެސް ހުރީ ވަރަށް ތަރުތީބުކޮށް ބަހައްޓާފައެވެ. މިތަންތަން ފެނުމުން ޝަރުމީލާ ހިތަށްއެރިއެވެ. މިކަމަކީ، އާއްމުކޮށް ޞަފުވާނު ޢުމުރުގެ ޒުވާން ފިރިހެން ކުއްޖެއްގެ ކޮޓަރީގައި ކަންތައް ހުންނާނެ ގޮތެއް ނޫނެވެ. މި ކޮޓަރީގައި ހުރިހާ ކަމެއްވެސް މިހުރީ ވަރަށް ފުރިހަމަކޮށެވެ. ޝައްކެއްވެސް ނެތެވެ. ޞަފުވާނަކީ، ނުވަތަ މިކަންތައް ޞަފުވާނަށް ކޮށްދޭ މީހަކީ ވަރަށް ގޮތްހުރި، އުޅުންހުރި މީހެއްކަން ޔަޤީނެވެ. އެހެން ނޫންނަމަ ހުރިހާ ކަމެއް މިހާ ފުރިހަމަކޮށެއް ނުހުންނާނެއެވެ.
ޞަފުވާނު ފާޚާނާއިން ނުކުމެ ގަމީސް ބަދަލުކޮށް، އެނދުމަތިން ބާލީހެއް ހިފައިގެން ކޮޓަރިން ނުކުންނަމުން، އަހަރެން މެދުގެތެރޭގައި ހުރި ސޯފާގައި ނިދާނަމޭ ޝަރުމީލާ ރީތިވެލައިގެން ކޮޓަރި ތަޅުލައިގެން ނިދާށޭ ކިޔާފައި ކޮޓަރިން ބޭރަށް ނުކުމެގެން ހިނގައްޖެއެވެ. ޞަފުވާނުގެ ހުރި އާދަޔާ ޚިލާފު އަޚްލާޤީ މާތްސިފަ ފެނިފައި ޝަރުމީލާޔަށް ގުޑިލަން ނޭނގި އެނދުމަތީގައި އިނދެވިއްޖެއެވެ. އިރުކޮޅެއް ވާންދެން އެހެން އިނުމަށްފަހު، ފުން ނޭވާއެއްލާފައި ތެދުވެގެންގޮސް ފާޚާނާޔަށް ވަދެއްޖެއެވެ. ފާޚާނާޔަށްވަދެ، އަތްފައި ދޮވެ ރީތިވެލައިގެން ނުކުމެ، އެނދުގައި އޮށޯވެ ނިދަންއުޅެ ނިދޭގޮތެއް ނުވިއެވެ. ޞަފުވާނާ މެދުގައި ޚިޔާލު ކުރެވެނީއެވެ. އެ ޚިޔާލުތަކުގެ ކަނޑުގައި ފަތަފަތާ ނުނިދިގެން، އެންމެފަހުން ތެދުވެ ކޮޓަރީގެ ދޮރުފަތް ހުޅުވައި ޞަފުވާން ކޮބައިތޯ ބަލައިލައިފިއެވެ. އޭރު ޞަފުވާނު އޮތީ އޭނާ ހިފައިގެންދިއަ ބާލިސް މޫނުމަތީ އަޅައިގެން ސޯފާސެޓުގައި އޮށޯވެއެވެ. ފެންނަ ފެނުމަށް އަދި، އޭނާ ނިދިހެނެއް ހިޔެއް ނުވެއެވެ. ޝަރުމީލާ މަޑުމަޑުންގޮސް ޞަފުވާނު އަތުގައި ކޮށްޓައިލައިފިއެވެ. ޝަރުމީލާ ކޮށްޓައިލުމުން ޞަފުވާނު ކުއްލިޔަކަށް ސިހިގެންގޮސް މޫނުމަތިން ބާލިސް ނަގައި ބަލައިލިއިރު ކުރިމަތިން ފެންނަން ހުރީ ޝަރުމީލާ އެވެ. ޞަފުވާނު ބަލައިލުމުން، ޝަރުމީލާ އަތުން އިޝާރާތްކޮށްފައި އައިސްބަލާށޭ ބުނެފިއެވެ. އަނެއްކާ ކަމެއްވީހޭ! އަހަމުން ޞަފުވާނު ޝަރުމީލާ ފަހަތުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ޞަފުވާނު ކޮޓަރިއަށް ވަނުމުން ދޮރު ތަޅުލާފައި އައިސް އެނދުގައި އިށީނދެ ހަމަޖެހިލަމުން ޝަރުމިލާ ބުނެފިއެވެ. ” ޞަފުވާނު އެތާ މެދުގެތެރޭ ސޯފާސެޓުގައި ނިދަންއޮއްވާ މަންމަ މެނަށް ފެނިއްޖެނަމަ އެމީހުން ހީކުރާނީ ކިކޭހެއްޔެވެ؟ ތިގޮތަކީ ކަންތައްކުރަން އެއްގޮތަކަށްވެސް އެންމެ ރަނގަޅު ގޮތެއްނޫނެވެ. މި އެނދަކީ ޑަބަލް އެނދެއް ނޫންހެއްޔެވެ. މި އެނދުގައި ދެމީހުންނަށް ނިދޭނެއެވެ. އަހަރެން ފަތިހު ހަގަޑިބައި ވުމުގެ ކުރިން އަތިރިމައްޗަށް ދާން ޖެހޭނެއެވެ. ޞަފުވާން މި އެނދުގައި ނިދަން އޮތުމުން އަހަރެންނަށް އެއްވެސް އުނދަގުލެއް ނުވާނެއެވެ.”
ޝަރުމިލާ ދެއްކި ވާހަކައިގެ ޖަވާބުގައި، ޝަރުމީލާ ތިގޮތާއި ރުހިގަބޫލު ކަމަށްވަންޏާ އަހަރެންގެ އެއްވެސް މަސްއަލައެއްނެތޭ ކިޔާފައި އެނދުގެ ބިތްދޮށަށް އަރައި ޞަފުވާނު އޮށޯވެއްޖެއެވެ. އެނދުގައި އޮށޯވެ ދެ މީހުން ވާހަކަދައްކަން ތިބޭތާ ބައިގަޑި އެއްހާއިރު ވީފަހުން، ޞަފުވާނަށް ލިބުނު ވަރުބަލިކަމުން އޭނާޔަށް ނިދިއްޖެއެވެ. އެހެނަސް ޝަރުމީލާގެ ނިދި އޭނާ އެކަރިވެރިކޮށްފައި ވަކިވެ ހިނގައްޖެއެވެ. ހިތާއި ނަފުސަށް އަރާމު ލިބުނު ބީހުންތަކުގެ ޚިޔާލު ޝަރުމީލާގެ ހިތުގައި ކުރެވެނީއެވެ. އެ އުފާތައް ލިބުމަށް އިސްނެގީ އަހަރެންނެވެ. ޞަފުވާނެއް ނޫނެވެ. މިއީ ވަގުތީ އުފަލެއް ނަމަވެސް އެ ހަނދާންތައް އަހަރެންނާ ދުވަހަކުވެސް ވަތްކެއް ނުވާނެކަށް ޔަޤީނެވެ. އަހަރެންގެ ހިތުގައި ޞަފުވާނަށް އެފަދަ މަޤާމެއް ދެވުނުގޮތެއް އަހަރެންގެ ހިތަކަށް ނާދެއެވެ. ދުނިޔޭގެ ޙަޔާތަކީ ވަގުތީ އުފާތަކުގެ މަންޒިލެކޭ ބުނަނީ މިހެން ވެގެންނެވެ. އަހަރެން މިވާހަކަތައް ޞަފުވާނަށް ކިޔައިދޭން ބޭނުމެވެ. އެކަމަކު އެކަންކުރާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. ވަގުތެއްވެސް ނެތެވެ. އަހަރެންނަކީ ޞަފުވާނުގެ ޙަޔާތުން އެންމެ ރެއެއްގެ މެހެމާނެކެވެ. އެކަން ޔަޤީނެވެ. ޢިއްފަތުގެ ތަށި ދިއްކޮށްލީ އަހަރެންނެވެ. ޞަފުވާނު ކިތަންމެ ވަރަކަށްވެސް އެކަމާ އިންކާރު ކުރިއެވެ. އެކަން ޤަބޫލުނުކުރީ އަހަރެންނެވެ. އެވީގޮތެއް އަހަރެންގެ ހިތަކަށް ނުގެނެވެއެވެ. ޞަފުވާނު އަހަރެންނާމެދު ދެކޭނެގޮތެއް ޚިޔާލަށް ގެންނާކަށް ނޭނގެއެވެ. ހަމަގައިމިވެސް އަހަރެންނަކީ ޢިތްފަތް ވިއްކައިގެން އުޅޭ މީހެއްނޫނެވެ. ޝަރުމީލާ ނުނިދައި މިރޭ މިކުރެވުނު ކަންތަކާ މެދުގައި ފިކުރުކުރަން ފަތިސްވެ އަލިވަންދެން އޮވެއްޖެއެވެ.
ޞަފުވާނަށް ހޭލެވުނީ އޭނާ އާއްމުކޮށް ހޭލަން ގަޑި ސޯނާ ކޮށްފައި ހުންނަ ގަޑީގައި، ގަޑި ސޯނާވުމުން ސޯނާގެ އަޑަށެވެ. ހޭލައި ބަލައިލިއިރު ކޮޓަރީގައި ޝަރުމީލާއެއް ނެތެވެ. ޝަރުމީލާ ބުނިގޮތަށް ފަތިހު އޭނާ ފުރަން ދިޔައީތާއެވެ! ޞަފުވާން ހިތަށްއެރިއެވެ.
އާދައިގެމަތިން ޞަފުވާން އެއާރޕޯޓަށް ދާން ތައްޔާރުވެގެން، ކާކޮޓަރިއަށް ވަންއިރު ޞަފުވާނުގެ އަންހެން ކޮއްކޮ ސައި ތައްޔާރު ކުރަނީއެވެ. ޞަފުވާނު މޭޒު ކައިރީގައި އިށީނދެ، މޭޒުމަތީގައި ހުރި ކަދުރު ފުޅިއަކުން ތިން އޮށް ކަދުރު ނަގައިފިއެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް ޞަފުވާނު ވާހަކަ ނުދައްކާ މަޑުން އިނުމުން އަނެއްކާ ބަލިވީތޯ، ޞަފުވާނަށް ހެދި ސައިތަށި ބަހައްޓަމުން ކޮއްކޮ އަހައިފިއެވެ.
”ނޫނޭ! ބަލިވީކިނޫން.”
“ދެން ކީއްވެގެން ދޮންބެ މުޅިން މާއެހެން ފާޑަކަށް މިއަދު ތިއިންނަނީ؟ އަނެއްކާ ވަޒީފާ އަދާކުރާ ތަނުގައި މަސްއަލައެއް ޖެހުނީތަ؟”
“ނޫން! އެތަނުގައި އެއްވެސް މަސްއަލައެއް ނުޖެހޭ. ދޮންބެވެސް ކަމަކާ މެދުގައި ވިސްނައިލަން ޖެހިދާނެތާ!”
“އާނ! ތިކަން އޮތީ ތިގޮތަށް. އަނެއްކާ….!”
“ހަހަހަ! އަނެއްކާއޭ ކިޔާފައި ތިޔަނުބުނެ މަޑުޖެހުނީ، އެއީ ކޮން ވާހަކައެއް؟”
“އެއީ ހަމަ އެވާހަކަ. ދޮންބެވެސް މިހާރު މީހަކާ އިންނަން ވެއްޖެ. މަންމަ ރޭގަވެސް ކާންއިނދެގެން އެވާހަކަ އަހަރެންނާ ދެއްކި. މަންމަ ބުނި ދަރިފުޅު ނިކަން ދޮންބެއާ އެވާހަކަ ދައްކަބާލާށޭ. މަންމަ ދެއްކީމަ ދޮންބެ މުޅިން އެހެން ގޮތަކަށް ހީކޮށްފާނެޔޭ.”
“މަންމަ ތަންކޮޅެއް ކުރީ ދުވަހެއްގައި މީހުންނާ ނީނދެ ގިނަދުވަހު ހުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނޭ ކިޔައިގެން ނުސީދާކޮށް އެ ވާހަކަ ދެއްކި. ދޮންބެވެސް އެކަމާ އެބަ ވިސްނަން. ކޮއްކޮ އެކަމާ ހާސްނުވޭ. އެކަންތައް ކުރާނަން.”
ދެބެން ވާހަކަ ދައްކަމުން ސައިބޮއި ނިމިގެން، މިހާރު މާލަސްވެސް ވެއްޖެޔޭ ކިޔާފައި އަވަސްއަވަހަށް އެތާހުރި ޓިސޫ ފޮށިން ޓިސޫއެއް ނަގައިގެން ޞަފުވާނު ހިނގައްޖެއެވެ.
ޞަފުވާނު އެދުވަހު ޑިއުޓީ ނިމިގެން ހަވީރު ގެއަށް އައުމުން، މީހަކު ދަރިފުޅަށް ދޭން ދީފައިއޮތް އެއްޗެކޭ މިއޮތީ ކިޔާފައި ސިޓީއުރައެއް ޞަފުވާން މަންމަ އޭނާ އަތަށް ދީފިއެވެ. ޞަފުވާނު ސިޓީއުރަ ހިފައިގެން ކޮޓަރިއަށްވަދެ ސިޓީއުރަ ކަނޑާލައިފިއެވެ. ސިޓީއުރާގައި އޮތީ ފަނަރަ ޑޮލަރާ އަދި، ކުރު ނޯޓެކެވެ. އެ ނޯޓުގައި ލިޔެފައިވެއެވެ. “އަހަރެންނަށް ޞަފުވާން ރޭގައި ވެދިން މެހެމާންދަރީގެ މަތިން އަބަދުވެސް އަހަރެން ހަނދާން ކުރާނަމެވެ. މި ނޯޓާއެކު ފޮނުވި ފަނަރަ ޑޮލަރަކީ ކޮޓަރީގެ ކުއްޔެވެ.” ޝަރުމީލާ
ޒަމާންތައް ދައުރުވަމުން، ޙަޔާތުން އެތައް އަހަރެން މާޒީގެ ޞަފުޙާތަކަށް ދޫކޮށް ހިނގައްޖެއެވެ. ޝަރުމީލާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅަށް ލިބިފައިވާ އަންހެން ދެބެން ގޮވައިގެން ސަލްޓަން ޕާކަށްގޮސް އެތަނުގައި އުޅެފައި، ގެއަށްދާން ނުކުމެ މަގުގެ އެއްފަރާތުން އޭނާ ހިނގަމުންދެއެވެ. ކުރިމަތިން އަންނަ ސައިކަލެއްގައި ވަރަށް މަޑު ދުވެއްޔެއްގައި ދުންވާފައި އަންނަ މީހަކު ވަރަށް ދުރުން ފެށިގެން ޝަރުމީލާޔަށް ބަލަމުން އަންނަތަން އޭނާޔަށް ފެނިއްޖެއެވެ. ޝަރުމީލާ ވެސް އެ މީހަކަށް ވަރަށް ރަނގަޅަށް ބަލަމުން ކުރިއަށް ހިނގަމުން ދެއެވެ. ސައިކަލުގައި އައި މީހާ ޝަރުމިލާ ފަސްދީ ދިއުމުން އެ މީހަކަށް ގޮވާލާފައި އިހަށް މަޑުކޮށްލަ ބަލާށޭ ޝަރުމީލާ ބުނެފިއެވެ. އެ މީހާވެސް ދުއްވަންއިން ސައިކަލު ކުއްލިއަކަށް ބުރަކިޖައްސައި މަޑުކޮށްފިއެވެ. ސައިކަލު މަޑުކުރުމުން، ޝަރުމިލާ އެ މީހާ ކައިރިއަށް އައިސް ހުއްޓި، ޝަރުމީލާގެ އަތްދަބަހުން އޭނާގެ މޮބައިލް ފޯނު ނަގައި، އެ ފޯނުގައިވާ ފޮޓޯއެއް އެ މިހާޔަށް ދައްކާފައި، ފޮޓޯގައި އެހުރި މީހަކު ދަންނަންތޯ އޭނާ ކުރެން އަހައިފިއެވެ. އެ ފޮޓޯ ފެނުމުން އެމީހާޔަށް ކުއްލި ސިހުމެއްލިބި، ޝަރުމީލާޔަށް ރަނގަޅަށް ބަލާލައިފިއެވެ. ކުރިން އޭނާޔަށްވި ސައްކު މުޅިން ފިލައިގެން ހިނގައްޖެއެވެ. އެއީ ޝަރުމީލާކަން އެނގި މުޅިން ޔަޤީން ވެއްޖެއެވެ. އަސްތާ! މީނަ ދޯ! އޭ ކިޔާފައި، ޞަފުވާން ހިނިތުންވެލަމުން، އެ ރޭގެ މަތިން އަދިވެސް ހަނދާން އެބަހުރިތޯ ޝަރުމީލާ ކުރެން އަހައިފިއެވެ. ޖަވާބުގައި، އެ ރޭ މަތިން މުޅި ޙަޔާތުގައި ވެސް ހަނދާން ނުނެތޭނެއޭ ބުނެފައި، އިތުރު އެއްޗެއް ނުބުނެ ޝަރުމީލާ އޭނާގެ މާމަ ދެ ކުދިން ގޮވައިގެން ގެއަށްދާން އެނބުރި ހިނގައިގެންފިއެވެ. ޞަފުވާނަށް ލިބުނު ކުއްލި ޙައިރާންކަމާ އެކުގައި ޝަރުމީލާޔަށް ބަލަން ސައިކަލު މަތީ އިންދައި، ޖެހިގެން އޮތް ގޯޅިއަށް ޝަރުމީލާ އެޅުމުން ޞަފުވާނުގެ ލޯމަތިން ޝަރުމީލާ ގެއްލިއްޖެއެވެ.
~ނިމުނީ~
