ޚަބަރު ބޯޑަރު ހުޅުވި ފަހުން އެންމެގިނަ ޓޫރިސްޓުން އައީ އިއްޔެ

ބޯޑަރު ހުޅުވި ފަހުން އެންމެގިނަ ޓޫރިސްޓުން އައީ އިއްޔެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ވައިގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ޓޫރިސްޓުން އައީ އިއްޔެ ކަމުގައި ރެކޯޑްތަކުން ދައްކައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ މާޗް 27 ގައި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ މިދިޔަ ޖުލައި 15 ވަނަ ދުވަހު އެވެ. އަލުން ބޯޑަރު ހުޅުވި ފަހުން މިހާތަނަށް 80،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލުން ބޯޑަރު ހުޅުވި ފަހުން އިއްޔެ މުޅިން އާ ރެކޯޑެއް މުގުރާލާފައިވާ ކަމަށެވެ. އެއީ އެއް ދުވަހާއި އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހުގެ ރެކޯޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ ރާއްޖެއަށް 2،900 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

މި ލިބުނު ކުރިއެރުމާއި އެކު މިނިސްޓަރު ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފަ އެވެ.

އިއްޔެ ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައިސްފައިވާއިރު މުޅިން އާ ދެ އެއާލައިނެއްގެ ދަތުރުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ދަތުރު ފަށާފައިވެ އެވެ. އެއީ ސީޝެލްސްގެ ގައުމީ އެއާލައިން އެއާ ސީޝެލްސް އާއި ކަޒަކިސްތާނުގެ ގައުމީ އެއާލައިން އެއާ އެސްޓާނާ އެވެ.

މީގެ އިތުރުން ކޯވިޑާއި ގުޅިގެން ދަތުރުތައް މެދުކަނޑާލި ބްރިޓިޝް އެއާވޭސްގެ ދަތުރުތައްވެސް އިއްޔެ އަލުން ރާއްޖެއަށް ފަށާފައިވެ އެވެ. ބްރިޓިޝް އެއާވޭސްއިން އެކަނިވެސް އިއްޔެ 250 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެއަށް 20 އެއާލައިނަކުން ދަތުރުތައް ފަށާފައިވެ އެވެ. މިއަހަރު ނިމުމުގެ ކުރިން އިތުރު އެއާލައިންތަކަކުން ދަތުރުތައް ފަށާނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ބައި މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ.

ޓެގް

ޓޫރިޒަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.