ފަސްސަތޭކަހާސް ފަތުރުވެރިން މިއަހަރުތެރޭ ގެނެވޭނެ: ޑރ. މައުސޫމް
500،000 ފަތުރުވެރިން މިއަހަރުތެރޭ ރާއްޖެ ގެނެވޭނެކަމަށް ލަފާކުރައްވާކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ހުޅުވުމަށްފަހު އެންމެ ފުރަތަމަ އަމާޒުކުރީ 100،000 ފަތުރުވެރިން ގެނެވޭނެ ކަމަށެވެ. ނަމަވެސް އެ އަދަދު ފަހަނައަޅައި ގޮސް މުޅި ޖުމްލަ އަހަރީ ޓާގެޓް 500،000 ފަތުރުވެރިންނަށް މިހާރު ލަފާކުރައްވާ ކަކމަށެވެ.
“އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރަށް އުންމީދުކުރި ޓާގެޓް ހާސިލުވާނެ، 100،000 ފަތުރުވެރިން އަޅުގަނޑުމެން ފުރަތަމަ އަމާޒުކުރީ ބޯޑަރު ހުޅުވުމަށްފަހު ގެނެވޭނެ ކަމަށް އިރާދަކުރެއްވިއްޔާ އެ އަދަދު ފަހަނައަޅައި ގޮއްސަ އަޅުގަނޑުމެންގެ މުޅި ޖުމްލަ އަހަރީ ޓާގެޓް އެއީ 500،000 ފަތުރުވެރިން އިރާދަކުރެއްވިއްޔާ މިއަހަރުތެރޭ ގެނެވޭނެ” ޑރ. މައުސޫމް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން 51،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިހާތަނަށް މިއަހަރުގެ ތެރޭ ޖުމްލަ 434,201 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ރާއްޖެ އަންނަ ފަތުރުވެރިންނަށް މިހާރު ސްޕްލިޓް ސްޓޭގެ ހުއްދަވެސް ދީފައިވާއިރު، ރާއްޖެ އަންނަ ފަތުރުވެރިންނަށް 96 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ނަތީޖާ އެއް ބޭނުންވެއެވެ. އަދި ސްޕްލިޓް ސްޓޭގެ ދަށުން އެއް ފެސިލިޓީ އިން އަނެއް ފެސިލިޓީ އަށް ދެވޭނީ އެގްޒިޓް ސްކްރީނިން ހެދުމަށް ފަހުއެވެ.

